ރިސޯޓްތަކާއި ގެސްޓްހައުސްތައް ދިވެހިންނަށް ހުޅުވާލަންވީ ވަގުތު އައިސްފި: މިނިސްޓަރު

ހުޅުމާލޭގައި ހިންގާ އަކޫޒް ގެސްޓްހައުސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިވަގުތަކީ ޑޮމެސްޓިކް މާކެޓަށް ރާއްޖޭގެ ޓޫރިޒަމް ހުޅުވާލަންވީ ވަގުތު ކަމަށާއި އެކަމަށް މަސައްކަތް ފައްޓަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ މިވަގުތަކީ އަނެއްކާވެސް ޑޮމެސްޓިކް ޓޫރިޒަމް ރާއްޖޭގައި ފަށައިގަންނަންވީ ވަގުތު ކަމަށާއި އެއީ އިގްތިސޯދީ ގޮތުންވެސް އަދި އިޖުތިމާތީ ގޮތުންވެސް ފައިދާތައް ކުރާނެ ކަމެއް ކަމަށެވެ.

"ޑޮމެސްޓިކް ޓޫރިޒަމް އަލުން ފަށައިގަތުމަށް ޕޮލިސީ ލެވެލްގައި ކުރާ މަޝްވަރާތައް ފެބްރުއަރީ ފުރަތަމަ ހަފްތާ ފަށާނަން. ރައްކާތެރިކަމާއި އެފިޝިއަންސީ އަށް ބަލައިގެން ޑޮމެސްޓިކް ޓޫރިޒަމް އަލުން ފަށާނެ މޮޑެލްއެއް ހޯދަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި 500 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގާއިރު ކޮވިޑް19ގެ ކުރިން ހަފްތާ ބަންދާއި ކުރު ޗުއްޓީތަކާއި ދިމާކޮށް އަދި ބަންދުތަކުގައިވެސް ގިނަ އަދަދެއްގެ ދިވެހިން ގެސްޓްހައުސް ތަކަށް ޗުއްޓީ ހޭދަކުރަން ދެ އެވެ. މިއީ ގެސްޓްހައުސް ހިންގާ ރަށްރަށަށް އިގްތިސާދީ ގޮތުން ކުރިއެރުމެއް ލިބޭ ކަމެއްގެ އިތުރުން އިޖުތިމާއީ ގުޅުންވެސް ވަރުގަދަވާ ކަމެކެވެ.

ކޮވިޑް-19 ގެ މި ހާލަތުގައި ދިވެހިންނަށް ޗުއްޓީ ހޭދަކުރަން ގެސްޓްހައުސްތަކަށް ދިޔުން އަދި އޮތީ މަނާކޮށްފަ އެވެ. ނަމަވެސް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ރިޒަލްޓަކާއެކު ދިވެހިިންނަށް ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން މިހާރު ދެ ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިވަގުތު 307 ގެސްޓްހައުސް އެއް އޮޕަރޭޝަނުގައި އެބައޮތެވެ.

comment ކޮމެންޓް