އެކްސްޕީޑިއާ އާ ގުޅިގެން ހަތަރު މާކެޓެއްގައި ރާއްޖެ އިޝްތިހާރު ކުރަނީ

ވީއައިއޭ ގައި ފަތުރުވެރިންތަކެއް -- ސަން ފޮޓޯ: އިބްރާހިމް އިފާޒް

އެކްސްޕީޑިއާ ގްރޫޕާ ގުޅިގެން މުހިއްމު ހަތަރު މާކެޓެއްގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކެމްޕެއިނެއް ފަށައިފި އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި އަދި ޗުއްޓީ ހޭދަކުރުމަށް ހިތްފަސޭހަ، ހިތްގައިމު އަދި އަމާން މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ހަތަރު މަހުގެ މުއްދަތަށް މި ކެމްޕެއިނު ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ރަޝިއާ، އިންޑިއާ، ޗައިނާ އަދި މެދުއިރުމަތީގައި މި ކެމްޕެއިނު ކުރިއަށް ގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

މިއީ، މި ހާލަތުގައިވެސް ފަތުރުވެރިންނަށް ރާއްޖެ މަރުހަބާ ކިޔާކަމާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރާއިރު ފަތުރުވެރިނަށް ހުރި ފަސޭހަތަކާއި، ރައްކާތެރިކަން އަންގައިދެނެ ކެމްޕެއިނެއް ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

މި ކެމްޕެއިނުގެ ހަރަކާތްތަކާއި މެސެޖު 23 މިލިއަން މީހުންނަށް ފޯރާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މި އަހަރު ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. އެގޮތުން ރޯޑް ޝޯތަކާއި ޓްރޭޑް ފެއާތަކުގައި ބައިވެރިވެ، ޓްރެވަލް އެޖެންޓުންނާ ގުޅިގެން ވެސް ރާއްޖެ ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

ސަރުކާރުން އަމާޒުކޮށްފައިވަނީ މިއަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ. މިމަހުގެ މިހާތަނަށް 63،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އިންނެވެ. މެދުއިރުމައްޗަކީވެސް ޓޫރިޒަމްގައި ފާހަގަ ކުރެވޭ މާކެޓެކެވެ. އެ ސަރަހައްދުގެ ފަސް އެއާލައިނަކުން ރާއްޖެއަށް ސީދާ ދަތުރުތައް ބާއްވައެވެ.

ކޮވިޑް19 އާއި ގުޅިގެން މިދިޔަ އަހަރުގެ ޖެނުއަރީގައި ޗައިނާ ޓޫރިސްޓުން ގެނައުން ހުއްޓާލިފަހުން އެ ގައުމުން ޓޫރިސްޓުން އަންނަން ފަށައިފައެއް ނުވެއެވެ.

comment ކޮމެންޓް