ޒީޝާން ނިދާފައި އޮތީ އަރްޒަންގެ އަތް މަތީގައެވެ. ޒީޝާންގެ މޫނަށް ބަލަން އަރްޒަން އޮއްވައި ކުއްލިއަކަށް އޭނާގެ ފުރަގަހުން އެނދު ތިރިވިހެން އޭނާއަށް ހީވިއެވެ. ހީވަނީ މީހަކު އިށީނދެލީ ހެންނެވެ. ކުޑަކޮށް ހައިރާންވެ ބިރުގަތް އަރްޒަން މަޑުމަޑުން އެނބުރިލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތް މަންޒަރުން ފުންމައިގެން ތެދުވެވުނެވެ.

އޭނާއާ ދިމާލަށް ބަލަހައްޓައިގެން، އޮތީ ޝިންޝިނާ ނޫން ދެވަނަ މީހެއް ނޫނެވެ. ޒީޝާންގެ ސޫރައިގައި އޮތް ނަމަވެސް، އެ ތުންފަތުގައިވި މައުނަވީ ހިނިތުންވުމާއި، ދެލޮލުގައި ހުރި ވިދުމުން އެކަނިވެސް، އަރްޒަންއަށް އެކަން ޔަޤީންކުރެވުނެވެ.

"ކީއްކުރަނީ؟ މިތާ... ކީއްކުރަނީ؟" ތުރުތުރު އަޅަމުންދިޔަ އަޑަކުން އަރްޒަން ބުނެލިއެވެ. ޝިންޝިނާ ތެދުވެ އަރްޒަންގެ މޫނާ އޭނާގެ މޫނު ގާތްކޮށްލިއެވެ. އޭނާ، އަރްޒަންގެ ކޯތާފަތުގައި މަޑުމަޑުން ފިރުމައިލިއެވެ. ޝިންޝިނާގެ އެ އަތް ދުރުކޮށްލަން އުޅުނު ނަމަވެސް، އަރްޒަންއަށް އޭނާގެ އަތްފައި ހަރަކާތެއް ނުކުރެވުނެވެ. ހީވަނީ ނުފެންނަ ވާ ގަނޑަކުން އަތްފައި ބަނދެލާފައިވާ ހެންނެވެ.

"ހޭލަފާނެ... ޝްޝްޝް!" ޒީޝާންއަށް އިޝާރާތް ކޮށްލަމުން، ޝިންޝިނާ ލުއިކޮށް ހީލިއެވެ. އޭރު އެ ދެލޮލުގައިވަނީ، ނުރުހުމުގެ އަސަރެވެ. ދެބުމަ ގޮށް ޖަހައިލަމުން، އޭނާ ޒީޝާން ކައިރިއަށް ޖެހިލިއެވެ. އެއަށްފަހު، ލޮލުން ކޮންމެވެސް ގޮތެއް ހަދައިލިއެވެ. އެއާއެކު ޒީޝާން އޭނާގެ ކަރުގައި ހިފެއްޓިއެވެ. ނިދާފައި އޮވެ، އަމިއްލަ އަތުން ކަރަށް ބާރުކުރަމުންދިޔަ މަންޒަރު ފެނުމާއެކު އަރްޒަންއަށް ތެޅިގަނެވުނެވެ.

"ނޫން... ނޫން... " އަރްޒަންއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާގެ ކަންފަތުގައި ޖެހުނީ، ޝިންޝިނާގެ ހުނުމުގެ އަޑެވެ. އެއާއެކު ބޮލަށް އެނބުރުން އަރާ ލޯ މައްޗަށް އަނދިރިވާގޮތްވިއެވެ. ކަންފަތުން ދިލަ ނަގާގޮތްވެ ތޫނު ތަދެއްގެ އަސަރުކުރަން ފެށިއެވެ. އެ ތަދަށް ކެތްނުކުރެވ،ި އެންމެފަހުން އަރްޒަންއަށް ދެލޯ މަރައިލަމުން ކަންފަތުގައި އަތް އަޅައިލެވުނެވެ.

"ނޫން! ނޫން" އަރްޒަންއަށް ހަޅޭއްލަވައިގަނެވުނެވެ. ސިހުން ގެނުވީ ފިނިފިނި އަތަކުން އޭނާގެ ކޮނޑުމަތީގައި އަތް ޖައްސައިލުމާ އެކުގައެވެ. ސިހުނު އަރްޒަންއަށް އެ އަތް ފޮޅުވައިލެވުނެވެ.

"ޒޭން..." އިވުނީ ޒީޝާންގެ އަޑެވެ. އޭނާ މަޑުމަޑުން ދެލޯ ހުޅުވައިލާ ބަލައިލިއެވެ. އޭރު ޒީޝާން އިނީ ތެދުވެ އެނދުގައި އިށީނދެއެވެ.

"އާ ޔޫ އޯކޭ ޒޭން؟..." ޒީޝާން ހާސްކަމާއެކު އަހައިލިއެވެ. އަރްޒަން ދެފަރާތަށް ބޯ ހޫރާލިއެވެ. އޭރު ވެސް އޭނާއަށް މާނޭވާ ލެވެއެވެ.

"ބިރުވެރި ހުވަފެނެއް ފެނުނީތަ؟ އަހަންނަށް ސިއްސައިގެން ގޮސް މި ހޭލެވުނީ ޒޭން ހަޅޭއްލަވައިގަތް އަޑަށް..." އަރްޒަން އެއްޗެއް ނުބުނެ އިންނަން ފެށުމުން އަރްޒަންގެ އަތުގައި ހިފައިލަމުން ޒީޝާން އަހައިލިއެވެ.

"ޒީ..." އަރްޒަން ޒީޝާން އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. އެވަގުތު ޒީޝާންގެ ކަރުގައި ހުރި އަތުގެ ނިޝާން އަރްޒަންގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާއަށް ފެނުނީ ހުވަފެނެއް ނޫންކަން ޔަޤީން ކުރެވުނެވެ. ޒީޝާންގެ ސަލާމަތާމެދު އޭނާ އެވަގުތުކޮޅު އިންތިހާ ބިރުގަތް ނަމަވެސް، ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތީގައިވި ހާސްކަން ފިލައިފިއެވެ. މިހާރު އެ މޫނުމަތީގައިވަނީ ހިންހަމަޖެހިފައިވާ ކަމުގެ ކުލަވަރެވެ. އަރްޒަންއަށް ނޭނގުނު ކަމުގައި ވިޔަސް، އަދިވެސް ޝިންޝިނާ ދިޔައީ އަރްޒަންގެ ސިކުނޑިއާ ކުޅެމުންނެވެ. އަރްޒަންއަށް ބާރު ފޯރުވަމުންނެވެ.

ޖެހިގެން އައި ދުވަހު ހެނދުނުއްސުރެ އަރްޒަން ޒީޝާންއާ ވާހަކައެއް ނުދައްކައެވެ. ރޭގައި ކަމެއްވީހެންވެސް ހިޔެއްނުވެއެވެ. އޭނާ އުޅުނީ އޭނާގެ އަމިއްލަ ދުނިޔޭގައެވެ. އެކަމާ ޒީޝާން ރޯންފެށުމުން އަނެއްކާވެސް އަރްޒަންގެ ރަޙުމު ކުޑަ ބަސްތައް ޒީޝާންއަށް އަމާޒުވާން ފެށިއެވެ. އެއީ އަބަދުވެސް އާދައެވެ. އެެދެމެދުގައި އޮތް ދުރުމިން ނެތިދަނީ ހާލަކުން ފަހަރަކުއެވެ. އޭގެ ފަހުން އަނެއްކާ ދެ ބީރައްޓެހިންނަށްވެ ނިމިދަނީއެވެ.

ޖެހިގެން އައި ހަފްތާގައި، އާރާގެ ކައިވެނި އޮތުމުން ޒީޝާންމެން އެންމެން އުޅުނީ ވަރަށް ބުރަކޮށެވެ. އެހެން އުޅެމުން ވެސް އިރުފާންއާ އެކީގައި ފިރާޤާ ބައްދަލުކުރަން އަރްޒަންމެން ދެއެވެ. ފިރާޤު ބުނާ ގޮތަށް ކަންތައް ކުރެއެވެ. އެއީވެސް އެފަދަ ދުވަހެކެވެ. ކުއްލިއަކަށް ފިރާޤު ގުޅާފައި އެގެއަށް އަންނަން ބުނުމުން، ހަތަރު މީހުން އެގެއަށް ދާން ނައްޓައިލީ އަރްޒަންގެ ކާރުގައެވެ. އެގެއާ ހިސާބަށް ދެވުނީ، ގައިގަނޑަކަށް ވިއްސަކަށް މިނިޓްފަހުންނެވެ.

ބެލް އަޅައިލުމާއެކު، ދޮރު ހުޅުވީ ފިރާޤެވެ. އޭރު އެމޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. ފިރާޤު ހާސްވެފައި ހުރުމުން އިރުފާންއަށް ލިބުނު ނުތަނަވަސްކަން އިތުރުވިއެވެ.

"އިށީނދޭ! އިށީނދޭ!... މި ވާހަކަ ދެއްކޭނީ ވަރަށް ހަމަޖެހިގެން، އޭގެ ކުރިން އަހައިލަން ބޭނުން ކޮންއިރަކުންތަ ކައިވެނި އޮތީ؟" ފިރާޤު ޖިނާންއަށް ބަަލައިލަމުން ސުވާލުކޮށްލިއެވެ.

"މާދަމާ ނޫން އަނެއް ދުވަހު! ވަރަށް ބުރަކޮށް އުޅެމުން މިއައީ ވެސް..." ޖިނާން ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"އަހަރެމެން އެބަޖެހޭ ވީ އެންމެ އަވަހަކަށް އައްޑޫއަށް ދާން..." ފިރާޤު ކޮންމެ ކުއްޖެއްގެ މޫނުމައްޗަށް ވަކިވަކިން ބަލައިލިއެވެ.

"އައްޑޫއޭ؟" އަރްޒަންއަށް ހައިރާންކަން ލިބުނެވެ.

"އެބުނާހެން އައްޑޫއަށް ކީއްކުރަން؟" އަޔާންއަށް ވެސް ސުވާލެއް ކޮށްނުލާ ނީދެވުނެވެ.

"އެއީ މި ހުރިހާކަމެއްގެ ފެށުމަކީ..." ފިރާޤު ބުނެލިއެވެ.

"ފެށުމޭ..." އިރުފާން އަހައިލިއެވެ. ފިރާޤު އެބުނި އެއްޗެއްގެ މާނަ އެތަނުން އެއްވެސް ކުއްޖަކަށް ފަހުމެއް ނުވިއެވެ.

"އަހަރެން ވަރަށް ވިސްނައިފިން، ކަންތައްތައް ވަރަށް ހޯދައިފިން، އަރްޒަންގެ ހަށިގަނޑުތެރެއަށް ވަދެގެން މިހުރިހާ ދުވަހު ޖިންނި ދެއްކި ވާހަކަތަކަށް ވެސް ވިސްނައިފިން، އިތުރު ގޮތެއް އަހަރެމެންނަކަށް ނެތް! ތިކަމުން ސަލާމަތްވާން ބޭނުމިއްޔާ ޖެހޭނީ އަހަރެން ބުނާގޮތަށް ކަންތައް ކުރަން! ތައްޔާރުތަ؟" ފިރާޤު ސުވާލުކޮށްލިއެވެ.

"އެކަމަކު އައްޑޫއާ މިކަމާ ކޮންގުޅުމެއް؟" އަރްޒަން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އަހަންނަށް ހުރިހާ ވާހަކައެއް ކިޔައެއްނުދެވޭނެ... މިވަގުތުވެސް، ކަންތައްތައް ވަރަށް ގޯސްވާނެކަމުގެ ސިގްނަލް އަހަންނަށް ފެންނަން ފަށައިފި!" ތަނަށް ފިނިކަން ވެރިވަމުން ދިޔައީތީ ފިރާޤު ބުނެލިއެވެ. އަރްޒަންގެ މެއަށް ބާރުވާން ފެށިއެވެ. ފިރާޤު ކިޔަވައިލުމާއެކު އޭނާއަށް ލުއިވެގެން ދިޔައެވެ.

"އޭތި މިހާރުވެސް އެބަ އަހަރެމެން ދައްކާ ވާހަކައަޑު އަހާ... އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން ފަހުން، އަހަންނަށް އިތުބާރު ކުރަންތަ؟" ފިރާޤު ސުވާލުކޮށްލިއެވެ.

"އާނ..." އަޔާން އެހެން ބުނެލުމާއެކު، އެންމެން ބޯ ޖަހައިލިއެވެ. ފިރާޤަށް އިތުބާރުކުރުން ނޫންގޮތެއް ނެތެވެ. އެމީހުން އެވާހަކައިގައި ތިއްބައި ސިހުންގެނުވީ ކުއްލިއަކަށް އަންވަރު ގެއަށް ވަނުމުންނެވެ. އަރްޒަންމެން ފެނި އަންވަރަށް ވެސް ލިބުނީ ސިހުމެކެވެ. ޖިނާން އާ އަޔާން އެނގުނު ނަމަވެސް ދެން އިނީ އޭނާ ނުވެސް ދަންނަ ޒުވާނެކެވެ. އެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަ، އޭނާ ހަމަ އައުމާއެކު ހުއްޓުމަކަށް އަތުވެއްޖެއެވެ. އެއާއެކު އޭނާއަށް ބޭއިޚްތިޔާރުގައި ދެބުމަ އުފުއްލައިލެވުނެވެ. މީ ކޮންކަމެއްހޭ އަހާ ކަހަލައެވެ.

"ދަރިފުޅާ!" ފިރާޤުގެ މޫނުމަތިން ކޮންމެެެވެސް ވަރެއްގެ ހާސްކަމެއް ފެނިލިއެވެ. އޭނާ މިހުރިހާ ދުވަހު މިކަންތައް ކުރީ އަންވަރަށް ސިއްރުންނެވެ. އޭނާ ހުރީ އަންވަރު ގާތު މިރޭ މި ވާހަކަ ބުނަން ނިންމައިގެންނެވެ. އޭނާ ހީކުރީ އައްޑޫއަށް ނުގޮސް މިކަމަށް ނިމުމެއް ގެނެވޭނެ ކަމަށެވެ. އެކަމަކު ނުގޮސްވާން ނެތުމުން އެންމެ ފަހުން ބުނަން ނިންމީއެވެ.

"ބުނީމެއްނު މިރޭއޭ ދެން ގެއަށް އާދެވޭނީ، ހާދަ އަަވަހަށް ތިޔައީ؟" ފިރާޤަށް އެ ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ތަނުގައިވި ނުތަނަވަސްކަން ފިލުވާލާނެ ގޮތެއް އޭނާއަކަށް ވެސް ނޭނގުނެވެ.

މީޓިން ކެންސަލްވީ!" އަންވަރު ބުނެލިއެވެ. އޭނާ އަރްޒަންއާ އަޔާންއަށް ބަލައިލިއެވެ.

"އަރްޒަންމެން އަނެއްކާ އަހަންނާ ބައްދަލުކުރަންތަ އައިސް ތިތިބީ؟" އަރްޒަންމެން އެގެއަށް އަންނަންޖެހޭ އިތުރު ބޭނުމެއް އަންވަރަކަށް ނުވިސްނުނެވެ. އަނެއްކާ އެމީހުން ބާއްވަން އުޅޭ މީޓިންގެ ޚަބަރު އެނގުނީހެއްޔެވެ؟

"ދަރިފުޅާ ދައްކާލަންވެފަ އޮތް ވާހަކަ އެއް އެބައޮތޭ! އައިސް އިށީނދެބަލަ!" އަންވަރަށް ބަލައިލަމުން ފިރާޤު ވާހަކަ ދެއްކިއެވެ. އިތުރަށް އެއްވެސްކަމެއް، ސިއްރުކުރާކަށް ފިރާޤު ބޭނުމެއް ނޫނެވެ. އަންވަރަށް އެކަންތައް އެނގުމުން މަނާކުރާނެކަން އޭނާއަށް އެނގެއެވެ. އެކަމަކު މާޒީގައި ހިނގި ހުރިހާކަމެއް އެނގޭ ހިސާބުން ފެށިގެން އަންވަރަށް ޖެހޭނީ އެ ހަޤީގަތާ ކުރިމަތިލާށެވެ.

މިހާރު ކަންތައް ވެފައި އޮތްގޮތް އަކުރުން އަކުރަށް ފިރާޤު އަންވަރަށް ކިޔައިދިނެވެ. އަންވަރަށް ހައިރާންކަން ލިބުމާއެކު، ބިރު ވެސް ގަތެވެ. ފްލައިޓް ވެއްޓުނު ހާދިސާ އާއި އޭގެ ފަހުން ކަންތައްވީ ގޮތް ކިޔައިދިނުމުން އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ.

"ހުރިހާ އެންމެނަށް މިހާރު ތިކަންތައް އެނގޭ... ރީހާންއަށްވެސް... އެހެންވީމަ އެރޭ ރީހާން އެހެން އެ ބުނީ...." އަންވަރުގެ ހަނދާނަށް އެކި ދުވަސްތަކުގެ ވަކިވަކި މަންޒަރުތައް ސިފަވާން ފެށިއެވެ. ހަޤީގަތަކީ ކޮބައިކަން އެނގި، އޭނާއަށް ވަނީ ބޮޑު ޝޮކެއް ލިބިފައެވެ. އަރްޒަންއަކީ އޭނާއަށް ވަރަށް ޚާއްސަ ކުއްޖެކެވެ. އެހެންނަމަވެސް އޭނާ ބައްޕަ އެފަދަ ކަމެއްގެ ތެރެއަށް ވަންނަން ހުއްދަ ދޭނީ ކިހިނަކުންހެއްޔެވެ؟ އޭނާއަށް ނޭނގި ފިރާޤު އެކަހަލަ ކަމެއް ކުރީތީވެސް އަންވަރު ހުރީ ކުޑަކޮށް ހިންހަމަނުޖެހިފައެވެ.

"ތިކަންތައް ނިންމޭނީ އައްޑުއަށް ގޮސްގެންނޭތަ ބައްޕަ ތިބުނަނީ؟ އެކަމަކު ތިކަމާ އައްޑޫއާ ކޮން ގުޅުމެއް؟" އަންވަރަށް ނުރުހުމާއެކު، އަހައިލެވުނެވެ. ބައްޕައަކީ މިހާރު މުސްކުޅިއެކެވެ. ފެންނަ ފެނުމަށް ހަށިގަނޑު ވަރުގަދަކަަމަށް ދެއްކިޔަސް އެފަދަ ބޮޑުކަމަކާ ކުރިމަތިލުމުގެ ބާރެއް ބައްޕަގެ ހަށިގަނޑަކު މިހާރަކު ނުހުންނާނެއެވެ. އަރްޒަންމެން ތިއްބާ އޭނާ އެކަމާ ބެހޭގޮތުން އިތުރު އެއްޗެއް ނުބުނި ނަމަވެސް، އޭނާ ފިރާޤު އެކަމުގެ ތެރެއަށް ވަންނަން ދެކޮޅެވެ. އަރްޒަންމެން ކުރިމަތީގައި އޭނާ ކެތްކޮށްލައިގެން އިންނަމަވެސް އެ ހިތުގައި ނުތަނަވަސްކަން ވިއެވެ.

"ފިރާޤުބެ ކައިރިއަށް އައީ ވަރަށް އުންމީދާއެކު"

"އަރްޒަން... އެކަމަކު... ބައްޕައަކީ މިހާރު ދުވަސްވެ ގައިބާރު ދެރަވެފައިވާ މީހެއްނު. ތިކަން ކުރަން އެހެން މީހަކު...." އެންމެ ފަހުން ނީނދެވިގެން އަންވަރު ވާހަކަ ދައްކަން ފެށިއެވެ. އެކަމަކު ވަކި ހިސާބަކުން އޭނާ ހުއްޓުވީ ފިރާޤެވެ.

"ދަރިފުޅު ވިސްނާލަން ވަގުތުކޮޅެއް ބައްޕަ ދޭނަން! އެކަމަކު އިހަށް، މިވަގުތު، މިކަމާ ބެހޭގޮތުން މަޝްވަރާކޮށްލަން ބައްޕަ ވަރަށް ބޭނުން!" އަންވަރަށް ބަލައިލަމުން ފިރާޤު ބޯ ޖަހައިލިއެވެ.

"އެކަމަކު ބައްޕާ... ބައްޕައެއް ނޫންތަ ބުނީ ތިފަދަ ކަންތައްތަކަކީ ނުރައްކާތެރިކަންތައްތަކޭ... ހުއްޓާލާފަ އަނެއްކާ... ނޫން. އަޅުގަނޑަކަށް ހުއްދައެއް ނުދެވޭނެ!" އަންވަރު އެކަމާ ދެކޮޅު ހަދާ ވާހަކަ ދައްކަން ފެށީ އަރްޒަންމެން އެގެއިން ދިޔަ ފަހުންނެވެ.

"ދަރިފުޅާ... ބައްޕަ މިދައްކާ ވާހަކަ އަޑު އަހާބަލަ!" ފިރާޤު އަންވަރަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"ބައްޕާ... އަޅުގަނޑު... ބައްޕަ ސީދާ ސީދަލަށް ނުބުންޏަސް، އަޅުގަނޑަށް އެނގޭ މަންމަ މި ދުނިޔެއާ ވަކިވެގެން ދިޔައީ ވެސް އެކަހަލަ ކަމެއްގައިކަން. އޭރު އަޅުގަނޑު އައްޑޫގައި ނެތަސް އަޅުގަނޑަށް ވެސް އެވަރު އެނގުނު. ދެން މިހާރު ބައްޕަ އެކަންތައްތަކާ އެކީ ދުރުވެސް ވެއްޖެއައިމެއްނު. އަރްޒަން އަކީ އަޅުގަނޑު ވަރަށް ލޯބިވާ ކުއްޖެއް. ގެއްލުމެއް ވާކަން ނޭދެން. އެކަމަކު ބައްޕާ! ބައްްޕަ އެހާ ނުރައްކާތެރިކަމެއްގެ ތެރެއަށް... " އަންވަރު ވާހަކަ ދެއްކިއިރު އެ އަޑުގައި ހިތާމަވެރިކަން ވިއެވެ.

"ދަރިފުޅަށް އެނގޭތަ އަރްޒަންއާ މާޒީއާ އޮތް ގުޅުން؟ މިހުރިހާކަމެއް އައްޑޫއާ ގުޅިފައިވި ސަބަބު އެނގޭތަ؟ ހުރިހާކަމެއް އެނގޭނަމަ ދަރިފުޅު ތިހެން ނުބުނާނެ!" ފިރާޤު މާޒީ ކިޔައިދޭން ފެށިއެވެ. ސޯފާގައި އިން އަންވަރަށް ހިފައްޓައިލެވުނީ ބޮލުގައެވެ.

"އަރްޒަންއަކީ... އަރްޒަންއަކީ...." އޭނާއަށް ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ. ހާސްވަނީއެވެ. ނުތަނަވަސްވަނީއެވެ.

"ދަރިފުޅާ! ބައްޕަ ޤަބޫލުކުރަނީ މިހުރިހާކަމެއް ނިންމޭނީވެސް ބައްޕައަށް ކަމަށް..." ފިރާޤު ބުނެލިއެވެ.

"އެކަމަކުވެސް ބައްޕާ... އެންމެ ރަނގަޅު!" ދެކޮޅު ހަދަން އުޅެފައިވެސް އަންވަރު އެންމެފަހުން އެއްބަސްވިއެވެ.

"ބައްޕައަށް އެނގޭތަ؟ އަރްޒަންގެ ވަޒީފާއާ މެދު ގޮތެއް ނިންމަންވެގެން މިއަދުވެސް މީޓިން ބާއްވަން އުޅުނީ. އެކަމަކުވެސް ކެންސަލް ވެއްޖެ! ކޮންމެ ފަހަރަކުވެސް ކޮންމެވެސް ކަމެއް ދިމާވަނީ. ދުވަހަކުވެސް އެކަން އެމީހުންނަށް ކުރެވޭ ގޮތެއް ނުވޭ!" އަންވަރު ބުނެލިއެވެ. ފިރާޤު ހަމައެކަނި ބޯ ޖަހައިލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.

"އަޅުގަނޑު ބޭނުން އަރްޒަން ވަޒީފާގައި ބަހައްޓަން ވެސް، ވެދިޔަ ކަންތައްތަކުގައި އަރްޒަންގެ ކުށެއް ނެތެއްނު. ހުރިހާވެސް މައްސަލައަކީ މާޒީގައި ހިނގާފައިވާ ކަންތައްތައް!. ވަރަށް މަސައްކަތްކުރާނަން ޒީޝާންގެ ސަސްޕެންޝަން އުވާލަން، އުނދަގޫވާނެ އެކަން ކުރަން، އެކަމަކުވެސް މަސައްކަތް ކުރާނަން. ޒީޝާންއަށް ވުރެވެސް އުނދަގޫވާނީ އަރްޒަންގެ ސަސްޕެންސަނާ މެދު ގޮތެއް ނިންމަން." އަންވަރު ބުނެލިއެވެ.

"ހުރިހާކަމެއް ވެސް ވާނީ ރަނގަޅަށް، އިންޝާ ﷲ. " ފިރާޤު ބުނެލިއެވެ.

"ބައްޕަ މިދިޔަ ދުވަސްތަކުގައި އެހާ ހާސްވެފައި ހުރީ މިހެން ވެގެންދޯ. އަޅުގަނޑު ހިތަށް ވެސް އެރިޔޭ ބައްޕަ ކީއްކުރަން ބާއޭ ކުރީގެ ފޮތްތަކާ އެއްޗެހި އަލުން ނެގީ..." ފިރާޤަށް ބަަލައިލަމުން އަންވަރަށް ބުނެވުނެވެ. ދެމީހުން އެތައްއިރަކު ވާހަކަ ދައްކަން ތިއްބެވެ.

*****

ކައިވެނި ކުރިގޮތަށް ރަށުން ބޭރަށް ދާން ޖެހުމުން ޖިނާން ހުރީ ދެރަވެފައެވެ. އާރާއާ ދެމީހުން ތިބީ ގޭގެ ބެލްކަނީގައެވެ. ޖިނާން ދެރަވެގެން އެ ވާހަކަ ދައްކަން ފެށުމުން އާރާ އޭނާގެ އަތުތެރޭގައި އޮތް ޖިނާންގެ އަތަށް ބާރުކޮށްލަމުން ވާހަކަ ދެއްކިއެވެ.

އިޓްސް އޯކޭ ޖިނާ... ވީޝުޑް ބީ ވިތް ޒޭން... އަހަރެން ވެސް އެބައޮތް ވާހަކައެއް ބުނަން ބޭނުންވެފަ!" އާރާއެހެން ބުނެލުމާއެކު، ޖިނާން އާރާގެ ދެލޮލަށް ނަޒަރު ހުއްޓައިލިއެވެ.

"ޔެސް ލަވް!"

"ޖިނާ... ޒޭން ދިޔައިމަ ޒީ އެކަނިވާނެ، ބިރުވެސް ގަންނާނެ ދޯ އެހާ ބޮޑުގެއެއްގައި އެކަނި އުޅެން . އެކަމަކު ހަމަ ކައިވެނި ކުރިތަނުން ވީމަ އެގޭގައި ޒީ އާ އެކީ ދުވަސްކޮޅަކު ހުރެލަދޭން އަންނާށޭ ބުނާކަށް ކޮންފޮރޓަބަލްއެއް ނުވާނެއެއްނު، އަހަރެން ކުޑަ ދުވަސްކޮޅަކު ޒީ ކައިރީ މަޑުކޮށްލިޔަސް އެންމެ ރަނގަޅުތަ؟ މަންމަމެންނަށް ވިސްނައިދެވޭނެތަ؟ މައްސަލައަކަށް ނުވާނެތަ އަނެއްކާ؟" އާރާ އަހައިލިއެވެ.

"އައި ވިލް ޓޯކް ޓު މައި މޯމް އެންޑް ފެމިލީ!. ދޭ ވިލް އަންޑަސްޓޭންޑް! އާރާ އަކީވެސް މަންމަގެ ދަރިއެއް ގޮތަކަށްނު މަންމަ ބަލަނީ. ސޯ މައްސަލައަކަށް ވާންވީ ކީއްވެ؟" ޖިނާން އާރާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

*****

ޒޭބާ އާއި ފަރާ އާ ދެކުދިން ޕްރީ ފްލައިޓް ބްރީފިން ނިމްލާފައި ޒަލަފްއާ ދެން ހުރި ފަސްޓްއޮފިސާރ، ނާއިމްގެ ފަހަތުން ނުކުތްއިރު، މޫނުމަތީގައި ވަނީ ހިންހަމަޖެހުމެވެ. ވަޒީފާގެ ކުރިއެރުން ހީވެސް ނުކުރާހާ އަވަހަށް ލިބެމުން ދިޔުމަކީ ޒޭބާ އެކަމާ ފަޚުރުވެރިވާ ކަމެކެވެ.

"ހައު ޑޫ އައި ލުކް ވިތް ދިސް ނިއު ލުކް؟..." ޒޭބާ ސުވާލުކޮށްލީ އޭނާގެ އިސްތަށިގަނޑު ފަރާއަށް ދައްކައިލަމުންނެވެ. ފަރާއަކީ ދާދިފަހުން އެއާލައިނާ ގުޅުނު ކުއްޖެކެވެ.

"ޔޫ ލުކް ބިއުޓިިފުލް... " ފަރާ އެހެންބުނުމުން ބޮޑާކަމާއެކު ޒޭބާ ހިނިތުންވެލިއެވެ.

"އައި މިސް ރާކިން!..." ވައިއަޑުން ޒޭބާއަށް ބުނެވުނެވެ.

"އެއްޗެކޭ ބުނިންތަ؟" ފަރާ އަހައިލިއެވެ.

"ނޫން..." ޒޭބާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

ޑޮމެސްޓިކް ފަޅީގައި ހުންނަ އޮފީހުން ނުކުމެގެންދިޔަ ދިޔުމުގައި ޒޭބާއަށް އެއާރޕޯޓް ތެރެއިން އަރްޒަން ފެނުނުހެން ހީވިއެވެ. އޭނާ ހީކުރީ އެއީ ހީވި ހީވުމެއް ކަމަށެވެ. އަރްޒަން އެއާޕޯޓަށް އަންނާނީ ކީއްކުރަން ހެއްޔެވެ؟

ފްލައިޓްއަށް އަރާ ކެބިންތެރެ ޗެކްކުރަން ޒޭބާ އަވަސްވެގަތެވެ.ފަރާ އުޅުނީ އެހެނިހެން ޗެކްތައް ޖަހާށެވެ. ޒައުލް، އޭނާ ކުރަންޖެހޭ ހުރިހާކަމެއް ކޮށް ނިންމައިލިއެވެ. ފްލައިޓްގެ ބޭރުން ބަލަންޖެހޭ ހުރިހާކަމެއް ވެސް ބެލިއެވެ. ޑޮމެސްޓިކް ފްލައިޓަކަށްވާތީ ބޯޓުގައި ތިބީ ދެ ކްރޫއިންނެވެ. ފްލައިޓް ފުރަން ހަމެޖެހިފައި އޮތީ ހަވީރު ފަހެއް ޖަހާއިރުއެވެ.

ކެބިންތެރެއަށް އެއާރފްރެޝްނާ ޖަހާލުމަށްފަހު ޗެކްޖެހި ގަނޑުތައް ކެބިންސާވިސް މީހާއާ ހަވާލުކުރުމަށްފަހު، އަދިވެސް އެއްފަހަރު ޒޭބާ ހުރިހާކަމެއް ރަނގަޅުތޯ ޗެކް ކުރިއެވެ.

*****

"އާރޫ! ކޭން ޔޫ ކޯލް ޖިނާ... ޒޭން ފޯނެއް ނުނަގާ، މެސެޖަކަށް ވެސް ރިޕްލައިއެއް ނުކުރޭ... " ސޯފާގައިއިން ޒީޝާން ދެރަވެލާފައި ބުނެލިއެވެ.

"އިޓްސް ގޮނަ ބީ އޯކޭ... ދެންމެ ޖިނާ މެސެޖްކޮށްފިއޭ. ބުނީ ކުޑައިރުކޮޅަކުން ބޯޑިންއަށް ހުޅުވާލާނެހެންނޭ ހީވަނީ، އެހާ ހާސްނުވޭ. ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް!" އާރާ ބުނެލިއެވެ.

ބޯޑިންއަށް ހުޅުވައިލުމާއެކު، ފިރާޤުގެ ފަހަތުން އަރްޒަންމެން ހިނގައިގަތެވެ. އެއާއާޕޯޓަށް އައިސްސުރެ އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ނަޒަރު އަރްޒަންއަށް ހުއްޓެމުން ދާކަން އޭނާއަށް ވެސް ފާހަގަކުރެވުނެވެ. އެކަމާ އޭނާ ލަދުގަންނަ ގޮތްވިއެވެ. ދެރަވެސް ވިއެވެ. ކުރިން އޭނާއާ މެދު މީހުން ދެކޭ ގޮތާ މިހާރާ ވަރަށް ތަފާތެވެ.

"އާރ ޔޫ އޯކޭ ޒޭން؟..." އަޔާން އަހައިލިއެވެ.

"އައި އޭމް ފައިން!" އަރްޒަން އެހެން ބުނެލި ނަމަވެސް، އޭނާ ހުރީ ނުތަނަވަސްވެފައެވެ. އެހާ ދުވަސްފަހުން ފްލައިޓަކަށް އަރަންވުމުން، އޭނާ ހުރީ ޖެހިލުންވެފައެވެ. އަޔާންވެސް މެއެވެ. އަދިވެސް، ބޯޓު ވެއްޓެންދިޔަ މަންޒަރު ސިފަވެއެވެ.

ޔޫ ގާއިޒް އޯކޭ؟" އިރުފާންއަށް އަހައިލެވުނެވެ. ޖިނާންއަށް ވެސް އެދެ މީހުންނަށް ބަލައިލެވުނެވެ. ފިރާޤުވެސް ފަހަތް ބަލައިލިއެވެ.

"ބިރުގަންނާނެކަމެއް ނެތް! އަދި އެއްވެސް ނުރައްކަލެއް ނެތް!. އިންޝާ ﷲ. އަހަރެން ހުރިހާ ހިނދަކު އެއަކަށް ތިއިން އެކަކަށްވެސް ގެއްލުމެއް ދޭކަށް ނުކެރޭނެ!" ފިރާޤު ބުނެލިއެވެ. އަރްޒަން ބޯ ޖަހައިލިއެވެ.

ފްލައިޓްގެ ދޮރުމަތީގައި މަޑުކޮށްލައިގެން، ހުރި ޒޭބާގެ މޫނުމަތި ބަނަވީ އަރްޒަން ފެނުމާއެކުގައެވެ. އަރްޒަންއާއެކު، ޖިނާންއާ އަޔާން ތިބުމުން އޭނާގެ ހައިރާންކަން ދެގުނަވިއެވެ. ދެން ހުރީ އަންވަރުގެ ބައްޕަކަން އޭނާއަށް އެނގުނެވެ. އިރުފާން އަކީ ކާކުކަން ނޭނގުނަސް އެ އެންމެން އެ އައީ އެކީގައިކަން އޭނާއަށް އެނގުނެވެ.

"ވަރަށް ފޫހިވޭ!" ޒޭބާ ހިތާ ހިތުން ބުނެލިއެވެ.

ފްލައިޓް ނައްޓައިލީ ދަތުރު ދުޢާއަށް ފަހުއެވެ. ރަންވޭމަތިން ވައިގެ ތެރެއަށް ބޯޓު އަރަމުންދިޔަ ވަގުތު، އަރްޒަން ބޭރު ބަލައިލިއެވެ. ތިރިން ކަނޑު ފެންނަމުން ދިޔުމުގެ ސަބަބުން، އޭނާއަށް އުނދަގޫވާން ފެށިއެވެ. އަޔާންއަށް ވެސް ކޮންމެވެސް ވަރަކަށް އުނދަގޫ ވާގޮތްވިއެވެ. އަރްޒަން ދެލޯ މަރާލައިގެން ގޮނޑީގައި ހަމަޖެހިލިއެވެ. އެ ޚިޔާލްތަކުން ދުރުވެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އެކަމަކު ޚިޔާލުގެ ލޯގަނޑަށް އެ މަންޒަރު ނޫނީ ސިފައެއް ނުވެއެވެ. ފެންނަނީ އެ ފްލައިޓެވެ. އެ ހާދިސާގައި ކަންތައް ވީ ގޮތެވެ. އަރްޒަންގެ ގާތުގައި އިނީ ފިރާޤެވެ. އޭނާ އަރްޒަންއަށް ބަލައިލިއެވެ. ނުރައްކަލެއްގެ ހިލަމެއްވޭތޯ އޭނާ ކިޔަވައިލިއެވެ.

"އެއްވެސް ކަމެއް ނުވާނެ އިންޝާ ﷲ! ކެބިން ކްރޫއިން ގޮނޑިން ތެދުވެ ގެލީއަށް ވަނެވެ. އެންމެ ފުރަތަމަ ކޮކްޕިޓަށް ވަދެފައި އެއްޗެއް ބޭނުންތޯ ކެޕްޓަނުން ކައިރީގައި އެހުމުން އެމީހުން ބުނީ ތަންކޮޅެއް ފަހުންކަމުގައެވެ. ކާ އެއްޗެހި ގެނައުމުން އެންމެން ކަހަލަ ގޮތަކަށް ކެއުމައިގެން މަސްއޫލުވިއެވެ. އެވަގުތު ބޯޯޓު ކުޑަކޮށް ޓާބިއުލެންޓް ވެލުމާއެކު އަރްޒަަން ހާސްވިއެވެ. ފިރާޤު ކިޔަވައިލުމަށްފަހު، އެއްވެސް ނުރައްކަލެއް ނެތްކަމުގައި ބުނެލިއެވެ. ހަމަޖެހުމުގެ ނޭވައެއްލަމުން، އަރްޒަން އަރުތެރެއިން އެއްޗެއް ދިރޭތޯ މަސައްކަތްކުރިއެވެ.

ޒޭބާ އަނެއްކާވެސް ކޮކްޕިޓަށް ވަނެވެ.

"ކެޕްޓަން... ޓީ އޯ ކޮފީ؟" އެންމެފުރަތަމަ ޒައުލް ކުރެން ޒޭބާ އަހައިލިއެވެ.

"ކޮފީ... !" ޒައުލް ބުނެލިއެވެ.

"ސޭމް!" ނާއިމް ވެސް ހިނިތުންވެލިއެވެ. އޭނާ ޒޭބާއަށް ބަލައިލީ ފުންނަޒަރަކުންނެވެ. ޒޭބާއަށް ވެސް ނާއިމް އޭނާއާ ގަޔާވާކަން އެނގެއެވެ. އެކަމަކު އެނގޭކަމަށް ހަދަން ބޭނުންނުވަނީއެވެ. އޭނާގެ ހިތުން ރާކިން އަދިވެސް ނުފިލަނީއެވެ.

އިރުކޮޅަކުން ޒޭބާ ދެ ތަށި ހިފައިގެން އައިސް ފުރަތަމަ ތަށި ޒައުލްއަށް ދިއްކޮށްލިއެވެ.

"އެއްވެސް ކަމެއް ނެތް... އޭތީގެ ހިލަމެއް ވެސް އަދި ނެތް. ހާސްނުވޭ! އަހަރެން އައްޑޫއަށް މިދަނީ އޭތި މަރައިލެވެން އޮތް ހަމަ އެކަނި ގޮތަކީ އެއީ ކަމަށްވާތީ..." ފިރާޤު ދެކޮޅު ބަލައިލުމަށްފަހު، ކިޔަވައިލަމުން މަޑުމަޑުން ބުނެލިއެވެ.

އެވަގުތު ކުއްލިއަކަށް ބޯޓުގެ ލައިޓްތައް ދެފަހަރަކު ނިވި ދިއްލުމާއެކު، ބޯޓަށް އެރި ލޮޅުމާއެކު، ކޮފީ ތަށިން އަތް ދޫވެ ޒައުލްގެ ޔުނީފޯމަށް ކޮފީތަށި ވެރުނެވެ. ހޫނުކޮށް ހުއްޓާ ވެރުމުން، އޭނާގެ ގައިން ދިލަނަގައިގަތެެވެ.

"އައި އޭމް ސޯ ސޮރީ ކެޕްޓަން." ޒޭބާ އަވަސް އަވަހަށް މާފަށް އެދުނެވެ.

"އައި ވިލް ބީ ބެކް..." ޒައުލް ނާއިމްއަށް ބަލައިލުމަށްފަހު، ކޮކްޕިޓުން ނުކުމެގެން ފާޚާނާއަށް ވަންނަން މިސްރާބުޖެހުމުން، ޒޭބާ އަވަސްވެގަތީ އެތަން ސާފުކޮށްލާށެވެ. އޭނާ ގެލީއަށް ދާންވެގެން ކޮކްޕިޓުން ނުކުންނަން އުޅުނުވަގުތު އެރި ލޮޅުމާއެކު، އޭނާގެ ބެލެންސް ކަޓާ ތަބަކާ އެކީ ވެއްޓެން ދިޔައެވެ. ކޮކްޕިޓްގެ ދޮރުފަތުގައި ހިފެއްޓުނު ކަމީވެސް ނަސީބެކެވެ.

ކެނޑި ނޭޅި ބޯޓަށް ލޮޅުންތައް އަރަން ފެށިއެވެ. ނާއިމްއަށް ބޯޓުގެ ކޮންޓްރޯލް ގެއްލެން ފެށިއެވެ. އެއާއެކު ފްލައިޓް އާދަޔާ ހިލާފަށް ޓާބިއުލެންޓް ވާންފެށިއެވެ.

"ޒޭބް. އައި ކާންޓް ކޮންޓްރޯލް ދިސް... ސްޕީޑް ވެސް އާދަޔާ ޚިލާފަށް ބާރުވާން ފަށައިފި. ކޭން ޔޫ ޕްލީޒް ޗެކް ކޯލް ކެޕްޓަން!" ނާއިމް ހާސްވިއެވެ. އޭނާއަށް ޒޭބާއަށް ބަލައިލަމުން ބުނެވުނެވެ.

ފްލައިޓް އެތެރޭގައި ތިބި މީހުންވެސް ހާސްވާން ފެށިއެވެ. ދެކޮޅު ހޯދާ ބަލަން ފެށިއެވެ. ފަރާ ވެސް ގެލީއިން ނުކުމެލިއެވެ. އޭރު ކެބިންތެރެ ވަނީ އަޑު ގަދަ ކޮށްލާފައެވެ. ފިރާޤާ އަރްޒަންގެ އިތުރުން އަޔާންގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމެވެ.

އަރްޒަންގެ ނިތުން ދާ ހިއްލައިލިއެވެ.

އެރި ލޮޅުމާއެކު ނާއިމްގެ ބޯ ޖެހި އޭނާގެ މޫނަށް އަނދިރިވާން ފެށިއެވެ. ޒޭބާ ނުކުމެ ފާޚާނާ ދޮރުގައި ތަޅަން ފެށިއެވެ.

"ޒޭބް... ކިހިނެއްވީ... ކިހިނެއްވީތަ؟" ފަރާ އަހައިލި އެވެ. އޭރު އެމޫނުމަތީގައި ވެސް ވަނީ ހާސްކަމެވެ.

"ފަސްޓް އޮފިސާރ ނާއިމްގެ ބޯ ޖެހިގެން އޭނާގެ ޚަބަރު ހުސްވަނީ. ކެޕްޓަން ދޮރެއް ނުހުޅުވާ..." ހާސްކަމާއެކު ޒޭބާއަށް ބުނެވުނެވެ.

"ކެޕްޓަން ކެޕްޓަން..." ޒޭބާ ހާސްވެގެން އުޅޭތަން ފެނި އަރްޒަންއަށް ކަމެއް ގޯސްވެއްޖެހެން ހީވިއެވެ. އޭނާ ފިރާޤަށް ބަލައިލިއިރު ފިރާޤު އިނީ ކިޔަވާށެވެ. ޑޭޝް އެއިޓްގެ މަތިންދާ ބޯޓަކަށް ވީތީ ބޯޓުތެރޭގައިވާ ހުރިހާކަމެއް ރީތިކޮށް ފެނެއެވެ. ފިރާޤު އަރްޒަންއަށް ބަލައިލިއެވެ.

"ގޯސް ގޯސް..." ފިރާޤަށް ބުނެ ވުނެވެ. އޭނާއަށް ބުނެވިގެން ނުވާނޭ އެއްޗެއް ބުނެވުނީއެވެ. ހާސްކަމާއެކު އޭނާއަށް ނިތުގައި އަތް ހިންގައިލެވުނެވެ.

ބޯޓަށް އެރި ލޮޅުމާއެކު ފަރާގެ ބެލެންސް ކެޓިއެވެ. އޭނާ ނުވެއްޓުނީ ކިރިޔާއެވެ. ސީޓް ބެލްޓް އެޅުމަށް އެ ހާލުގައި އިނދެވެސް ނާއިމް އެނައުންސް ކުރިއެވެ. އަރްޒަން ބެލްޓް ނައްޓައިލާ ތެދުވަން އުޅުމާއެކު، ފިރާޤު އޭނާގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ.

"އެކަކަށްވެސް މި ބޯޓެއް ނުޖެއްސޭނެ. އެކަން ކުރެވޭނެ މީހަކީ ތީ... އޭނަ އަރްޒަންއަށް ގެއްލުން ދޭނެހެނެއް އަހަންނަކަށް ހިޔެއްނުވޭ!" ފިރާޤު ބުނެލިއެވެ. އެއަށްފަހު އޭނާ ބޯ ޖަހައިލިއެވެ. އަރްޒަން ގޮނޑިން ތެދުވެގެން ޒޭބާމެންނާ ދިމާލަށް ހިނގައިގަތެވެ.

"ވަޓްސް ހެޕެނިންގް؟" އަރްޒަން އަހައިލިއެވެ.

"ކެޕްޓަން ދޮރެއް ނުހުޅުވާ!. ފަސްޓް އޮފިސާރ އިޒް އިންޖާރޑް!" ފަރާ ބުނެލިއެވެ. އިތުރު އެއްޗެއް ބުނަން އުޅެނިކޮށް ޒޭބާ ލޯ އަޅައިލިއެވެ.

"ލެޓް މީ ހެލްޕް، ލެޓް މީ ގޯ އިންސައިޑް ދަ ކޮކްޕިޓް..." އަރްޒަން އަވަސް އަވަހަށް ބުނެލިއެވެ.

"ތިއުޅެނީ އަނެއްކާ އަހަރެމެން އެންމެން މަރައިލަންތަ؟" ޒޭބާ ދެކޮޅު ހެދިއެވެ.

"އަހަރެން އެތެރެއަށް ވަންނަން ހުއްދަ ދީ!" އަރްޒަން ހާސްކަމާއެކު ބުނެލި އެވެ.

"ދިސް އިޒް އެގެއިންސްޓް ދި ރޫލްސް... އެންޑް ޔޫ އާ ސަސްޕެންޑެޑް. ވީ ކާންޑް ލެޓް ޔޫ ގޯ އިންސައިޑް... ކެޕްޓަން! ކެޕްޓަން!" ޒޭބާ އަނެއްކާވެސް ދޮރުގައި ޖަހަމުން ގޮވައިލިއެވެ.

"ޖަސްޓް ލެޓް މީ ގޯ އިންސައިޑް ޒޭބާ!" އަރްޒަން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

(ނުނިމޭ)

comment ކޮމެންޓް