ފޮށުނު މައްސަލައިގައި ހައްޔަރުކުރީ ބަރަހަނާކޮށް މިސްކިތަށް ވަތް މީހާ

ފޮޓޯ: ޕޮލިސް

މަގުމަތިން އަންހެނުންތަކަކަށް ފޮށި ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރީ ބަރަހަނާ ހާލަތުގައި މަސްޖިދުލްސުލްތާން މުހައްމަދު ތަކުރުފާން އައުޒަމް، އިސްލާމީ މަރުކަޒަށް ވަތް މީހާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު މެންދުރު 1:05 އެހާކަންހާއިރު ބީއެމްއެލް ޑޮލަރު އޭޓީއެމް ސަރަހައްދުގައި މަގުމަތިން އަންހެނުންތަކަކާ ފޮށި އާންމު އުނދަގޫ ކުރަމުން ދިޔަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހާ އަކީ ބަންގްދަލޭޝްއަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، މިއަދު ހައްޔަރުކުރި މީހާއަކީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ބަރަހަނާ ހާލަތުގައި ހުރެ އިސްލާމީ މަރުކަޒަށް ވަދެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ހުރެ ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެއް ކަމަށެވެ. އޭނާ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިންކަމަށް ވެސް ވެއެވެ.

މިސްކިތުގައި ތިބި ބަޔަކު އެ މީހާ ނެރޭ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފަ އެވެ.

އެ މައްސަލައިގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ އެމީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާއި އޭނާ އަނބުރާ ބަންގްލަދޭޝަށް ފޮނުވާލުމުގެ މަސައްކަތް، އޭނާގެ ސްޕޮންސަރާ ގުޅިގެން މިހާރު ކުރަމުން ދާ ކަމަށެވެ.

comment ކޮމެންޓް