ލަންކާގެ ހެލްތު މިނިސްޓަރަށް ކޮވިޑް ޖެހިއްޖެ

ސްރީލަންކާގައި އެންމެ ފުރަތަމަ ފެނުނު ކޮވިޑް19 ކޭސް ކަމުގައިވާ ޗައިނާގެ ފަތުރުވެރިޔާ ބަލިން ރަނގަޅުވުމުން ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗި އޭނާއަށް ބޮސްދެނީ ---

ކޮލަމްބޯ (ޖެނުއަރީ 23): ސްރީލަންކާގެ ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީއަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިނިސްޓަރު ވަންނިއަރައްޗީ އިއްޔެ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގުމާއެކު އޭނާ ވަނީ އެކަހެރިކޮށްފަ އެވެ. އަދި ފާއިތުވި ދުވަސްތަކުގައި އޭނާއާ ބައްދަލުވި މީހުން މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.

ކޮވިޑް ބަލިމަޑުކަމާ ބެހޭ ގޮތުން ވަންނިއަރައްޗީ މީގެ ކުރިން ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން އޭނާއަށް ފާޑު ކިޔުންތައް އަމާޒުވެފައިވެ އެވެ. އެގޮތުން ކޮވިޑުން ރައްކާތެރިވުމަށް، ހިންދޫ ކަލާނގެއެއްގެ އިރުޝާދާ އެއްގޮތަށް މީހަކު ހެދި ކަމަށް ބުނާ ސިރަޕެއް އޭނާ ޕްރޮމޯޓު ކުރެއްވުމުން ގިނަ ބަޔަކު ނުރުހުން ފާޅު ކުރި އެވެ. އަދި އޭނާ އެ ސިރަޕް ހިއްޕަވާ މަންޒަރު އެގައުމުގެ މީޑިއާތަކުން ދެއްކި އެވެ.

އެ ސިރަޕް ހެދި މީހާ ކަމަށްވާ ދަމްމިކާ ބަންޑާރަ ބުނި ގޮތުގައި އެ ބުއިމުގައި ހިމެނޭ ތަކެތީގެ ތެރޭގައި ތަކޫވަކާއި މާމުއި ހިމެނެ އެވެ. އަދި އޭގެއިން އުމުރު ދުވަހަށް ކޮވިޑުން ރައްކާތެރިކޮށްދޭނެ އެވެ.

ލަންކާގެ ސަރުކާރާއި ޕާލިމެންޓުގެ ބައެއް މެމްބަރުންވެސް އެ ސިރަޕް ހިއްޕެވުމުން، އެ ސިރަޕް ހޯދުމަށްޓަކައި ބަންޑާރަ ދިރިއުޅޭ އަވަށަށް މިދިޔަ މަހު އެތައް ހާސް މީހުން އެއްވި އެވެ. މިކަމާ ގުޅިގެން ލަންކާ ސަރުކާރަށް ޖެހުނީ އެ ސިރަޕަކީ ސަރުކާރުން ޕްރޮމޯޓުކޮށް އެންޑޯޒްކުރާ އެއްޗެއް ނޫންކަން އާންމުކޮށް އަންގާށެވެ.

ލަންކާގައި މިހާތަނަށް 58،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އިއްޔެ އެގައުމުން ވަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ބޭނުން ކުރަން ހުއްދަ ދީފަ އެވެ. އަދި އެގައުމުގެ ސަރުކާރުން ވަނީ އަންނަ މަހުގެ މެދުތެރޭގައި ވެކްސިން ލިބެން ފަށާނެ ކަމަށް ބުނެފަ އެވެ.

ލަންކާގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވި ގޮތުގައި އެގައުމުގެ އާބާދީގެ 20 ޕަސެންޓަށް ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ލިބޭނެ އެވެ. އަދި އާބާދީގެ 30 ޕަސެންޓަށްވާ ވަރަށް ސަރުކާރުން ވެކްސިން ގަންނާނެ ކަމަށާއި އެގައުމުގެ އުއްމީދަކީ އާބާދީގެ މަދުވެގެން 50 ޕަސެންޓަށް ވެކްސިން ދިނުން ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް