އިތާފުށީގެ ކޮންމެ މުވައްޒަފަކަށް މި މަހު ސާވިސް ޗާޖުގެ ގޮތުގައި ބައިލައްކަ ރުފިޔާ

ވަލްޑޯފް އަސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު --- ފޮޓޯ/ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް

ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން މި މަހު ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ދީފި އެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ޖަމިއްޔާއިން އާންމުކޮށްފައިވާ ގޮތުގައި މި މަހު އިތާފުށީގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 3،370 ޑޮލަރު ވަނީ ދީފަ އެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 51،502.8 ރުފިޔާ އެވެ.

މީގެ ކުރިންވެސް އިތާފުށްޓަކީ ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސް ޗާޖު ދޭ ލިސްޓުގެ ކުރީގައި އުޅޭ ރިސޯޓެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން، ހިލްޓަންގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާއިން ރާއްޖޭގައި ހިންގާ އިތާފުއްޓަކީ ދުނިޔޭގެ މަހުޖަނުންނާއި، މަޝްހޫރު ސެލެބްރިޓީންގެ މެދުގައި އެންމެ މަގުބޫލު އެއް ރިސޯޓެވެ.

އިތާފުށްޓަށް ފަހު އެންމެ ގިނައިން މި މަހު ސާވިސް ޗާޖު ދިން ރިސޯޓުތަކުގެ ތެރޭގައި ވަން އެން އޮންލީ ރީތި ރަށް އަދި އަނަންތަރާ ކިހާވަށް ހިމެނެ އެވެ. ވަން އެން އޮންލީ ރީތި ރަށުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3،007 ޑޮލަރު (46،367.9 ރުފިޔާ) ދީފައިވެ އެވެ. އަދި އަނަންތަރާ ކިހާވަށް ރިސޯޓުން ސާވިސް ޗާޖަށް ދީފައިވަނީ 2،097.4 ޑޮލަރު (32،341.9 ރުފިޔާ) އެވެ.

ވަޒީފާއާއި ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސް ޗާޖު ނަގަން ޖެހޭ އިސްލާހަށް މި މަހުގެ އެއްވަނަ ދުވަހު ވަނީ އަމަލުކުރަން ފަށާފަ އެވެ.

އެ އިސްލާހާއެކު ސާވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަން ޖެހެއެވެ.

ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެއެވެ. އަދި ސާވިސްޗާޖް ބެހުމުގައި އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ގާނޫނު ބުނެއެވެ.

comment ކޮމެންޓް