މިސްކިތަށް ބަރަހަނާކޮށް ވަނީ ނަފްސާނީ މައްސަލަ ހުންނަ މީހެއް، ގައުމަށް ފޮނުވާލަނީ

އިސްލާމީ މަރުކަޒުގެ މަސްޖިދުލްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް — ސަން ފޮޓޯ/ ފަޔާޒު މޫސާ

ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ މަސްޖިދުލްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމަށް ބަރަހަނާ ހާލުގައި ވަން ބިދޭސީ މީހާއަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ މިސްކިތަށް ބަރަހަނާ ހާލުގައި ހުރެ ވަނީ ބަންގްލަދޭޘަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިންކަމަށ ވެސް ވެއެވެ.

މިސްކިތުގައި ތިބި ބަޔަކު އެ މީހާ ނެރޭ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

"އެމީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ފުލުހުންނަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ އަނބުރާ ބަންގްލަދޭޝަށް ފޮނުވާލުމުގެ މަސައްކަތް، އޭނާގެ ސްޕޮންސާއާ ގުޅިގެން މިހާރު ކުރަމުން ދާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް