އެމެރިކާގެ ސެނެޓުން ޓްރަމްޕްގެ ޝަރީއަތް އަންނަ މަހު ފަށަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޝަރީއަތް ކުރިއަށްގެންދާނެ ކަމަށް ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމާ ވަނީ ވިދާޅުވެފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖެނުއަރީ 23): އެމެރިކާގެ ކޮންގްރެސްގެ ތިރިގެއިން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ސެނެޓުން އަންނަ މަހު ކުރިއަށްގެންދާނެ ކަމަށް ކޮންގްރެސް ލީޑަރުން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން މިދިޔަ ބުދަ ދުވަހު ޓްރަމްޕްގެ މައްޗަށް ދައުވާ ކުރަން ނުވަތަ އިމްޕީޗް ކުރަން ފާސްކުރީ މި މަހުގެ ހަޔެއްގައި އޭނާއަށް ތާއިދު ކުރާ ބަޔަކު ކޮންގްރެސްއަށް ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެންނެވެ. އަދި ހައުސްއިން ވަނީ ޓްރަމްޕް އެ ހަމަނުޖެހުމަށް ހިތްވަރު ދެއްވި ކަމުގެ ދައުވާކޮށްފަ އެވެ.

ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމާ ވިދާޅުވި ގޮތުގައި ހައުސްއިން ކުރި ދައުވާ އަންނަ ހޯމަ ދުވަހު ސެނެޓަށް ހުށަހަޅާނެ އެވެ. އަދި ކޮންގްރެސްގެ ގަވާއިދުތައް އޮންނަ ގޮތުން ދެން އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ޖެހޭނެ އެވެ.

"އެމެރިކާގެ ސެނެޓުގައި ޝަރީއަތް ކުރިއަށްގެންދާނެ އަދި ދައުވާތައް ސާބިތުވުމާ ބެހޭ ގޮތުން ވޯޓެއް ނަގާނެ. އެއީ އިންސާފުވެރި ޝަރީއަތަކަށް ވާނެ. އެއީ ފުރިހަމަ ޝަރީއަތަކަށް ވާނެ،" ޝޫމާ ވިދާޅުވި އެވެ.

ސެނެޓުގެ ޝަރީއަތުގެ ރިޔާސަތުގައި ހުންނަވަނީ އުއްތަމަ ފަނޑިޔާރު ޖޯން ރޮބާޓްސް އެވެ. އަދި ޕްރޮސެކިއުޓަރުންގެ ދައުރު ހައުސްގެ މެމްބަރުންތަކެއް އަދާ ކުރައްވާ އިރު ޖޫރީންގެ ދައުރު އަދާ ކުރައްވާނީ ސެނެޓަރުންނެވެ. އަދި ފަނޑިޔާރު ރޮބާޓްސްގެ ދައުރަކަށް ވާނީ، ޝަރީއަތް ދަނީ ގަވާއިދާ އެއްގޮތަށްތޯ ބެއްލެވުމަށާއި ޝަރީއަތަށް ފަހު ނަގާ ވޯޓު އެއްވަރުވެއްޖެ ނަމަ، ވޯޓު ދެއްވާށެވެ.

ޝޫމާ ވިދާޅުވި ގޮތުގައި އެ ޝަރީއަތަށް ތައްޔާރުވުމަށާއި ހެކި ހުށަހެޅުމަށް ހައުސްގެ މެމްބަރުންނަށާއި ޓްރަމްޕްގެ ވަކީލުންނަށް ދެ ހަފްތާ ލިބޭނެ އެވެ. އަދި ޝަރީއަތް ފަށާނީ އަންނަ މަހުގެ އަށެއްގަ އެވެ.

ހައުސްއިން ޓްރަމްޕަށް ދައުވާ ކުރަން ވޯޓު ދިން 232 މެމްބަރުންގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ 10 މެމްބަރުން ހިމެނުނެވެ. އަދި އެ ޕާޓީގެ ބައެއް ސެނެޓަރުންވެސް ވަނީ ޓްރަމްޕާ ދެކޮޅަށް ކޮށްފައިވާ ދައުވާއަށް ތާއިދުކޮށްފަ އެވެ.

އެމެރިކާގެ ސެނެޓުގެ އަގުލަބިއްޔަތު މިހާރު އޮތީ ޑިމޮކްރެޓިކް ޕާޓީއަށް ކަމަށްވީ ނަމަވެސް ޓްރަމްޕްގެ މައްޗަށް ދައުވާ ސާބިތުވާކަން ފާސް ކުރަން 17 ރިޕަބްލިކަން ސެނެޓަރުންގެ ތާއިދު ބޭނުން ވާނެ އެވެ. އަދި ދައުވާ ސާބިތުވެއްޖެ ނަމަ ޓްރަމްޕް އިތުރު ދައުރަކަށް ކުރިމަތިލުން ހުއްޓުވިދާނެ އެވެ.

ކޮންގްރެސްގެ ތިރީގެއިން މީގެ ކުރިން ވެސް ޓްރަމްޕްގެ މައްޗަށް ދައުވާތަކެއް ކޮށްފައިވެ އެވެ. އެއީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ޖޯ ބައިޑެން ވާދަ ކުރައްވަމުން ގެންދަވަނިކޮށް އޭނާގެ ތަހުގީގެއް ހިންގުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ގާތުގައި ޓްރަމްޕް އެދިލެއްވި މައްސަލައިގަ އެވެ. އަދި އެމައްސަލައިގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ދިނުމަށާއި ވައިޓް ހައުސްގެ މުވައްޒަފުން އެތަހުގީގުގައި ބައިވެރިވުން ޓްރަމްޕް ހުއްޓުވުމުން، އެއީ ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުން ކަމަށް ހައުސްއިން ބުންޏެވެ.

އޭގެ ސަބަބުން 18 ޑިސެމްބަރު 2019ގައި ހައުސްއިން ޓްރަމްޕްގެ މައްޗަށް ކުރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އޭރު ހައުސްއިން އެ ދައުވާތައް ސެނެޓަށް ފޮނުވި ނަމަވެސް، އޭރު ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮތް ސެނެޓުން ނިންމީ ޓްރަމްޕްގެ މައްޗަށް ދައުވާތައް ސާބިތު ނުވާ ކަމަށެވެ.

comment ކޮމެންޓް