އަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަހްމަދު ޒާހިރު އަލީ ކުރިމަތިލައްވައިފި އެވެ.
އެ ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބު އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.
އެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވީ އިއްޔެގެ 16:00 އަށެވެ. އަދި ވަގުތު ހަމަވިއިރު މަގާމުތަކަށް އެދި ހުށައަޅާފައިވާ ފަރާތްތައް ވަނީ އާންމުކޮށްފަ އެވެ.
އަދާލަތު ޕާޓީން އާންމުކޮށްފައިވާ ގޮތުގައި އިމްރާންގެ ރަނިންމޭޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ޝަރީފް އެވެ.
އަދި ޑރ. ޒާހިރުގެ ރަނިންމޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބުރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ނަޝީދު އެވެ.
ހޯމް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން އެ ޕާޓީގެ ރައީސް ގެ މަގާމަށް ކުރިމަތިލާފައިވާކަން ހާމަ ކުރައްވަމުން މީގެކުރިން ވިދާޅުވީ، އެގޮތަށް ނިންމެވީ ގައުމުގެ ހާލަތު ހުރިގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިޔުމުގައި އޭނާގެ ދައުރު މުހިންމުކަމަށް އޭޕީގެ ގިނަ މެމްބަރުން ފާހަގަކުރައްވާތީ ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، މެންބަރުންނަށް ކަމަށެވެ.
އަދި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެލުމަށް ނުވަތަ ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 27 ޖެނުއަރީ ވާ ބުދަ ދުވަހުގެ 14:00 ގެކުރިން vote.adhaalath.org.mv ޒިޔާރަތްކޮށް، ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބަލައި އަދި ޝަކުވާއެއް ވާނަމަ އޮންލައިންކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އަދާލަތު ޕާޓީ ރަސްމީގޮތުން ރަޖިސްޓްރީ ކޮށްފައިވަނީ އޯގަސްޓް 18، 2005ގައި އެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ، 6،640 އެވެ.