ޗައިނާއިން ޕާކިސްތާނަށް ކޮވިޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް ހަދިޔާ ކުރަނީ

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ޗައިނާއިން އެގައުމަށް ބައި މިލިއަން ޑޯޒްގެ ވެކްސިން ހަދިޔާ ކުރާނެ -- ފޮޓޯ: ރޮއިޓާސް

އިސްލާމްއާބާދު (ޖެނުއަރީ 22): ޗައިނާއިން ޕާކިސްތާނަށް ކޮވިޑް-19 ވެކްސިންގެ ފަސް ލައްކަ ޑޯޒް މި މަސް ނިމުމުގެ ކުރިން ހަދިޔާ ކުރާނެ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރޭޝީ ވިދާޅުވެއްޖެ އެވެ.

ގުރޭޝީ އެފަދައިން ވިދާޅުވީ، ޗައިނާގެ ދައުލަތުގެ ކުންފުނި ސައިނޯފާމްގެ ސަބްސިޑަރީއެއް ކަމަށްވާ ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސްއިން އުފެއްދި ކޮވިޑް ވެކްސިން ޕާކިސްތާނުގައި ބޭނުން ކުރަން އެގައުމުން މިދިޔަ ހޯމަ ދުވަހު ހުއްދަ ދިން ފަހުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ފޯނުން ވާހަކަ ދެއްކެވުމަށް ފަހު ގުރޭޝީ ވިދާޅުވި ގޮތުގައި އެގައުމުން ވަނީ ޕާކިސްތާނުން މަތިންދާބޯޓެއް ފޮނުވުމާއެކު ވެކްސިންގެ ޑޯޒްތައް ދޭނެ ކަމަށް ބުނެފަ އެވެ.

"ޖެނުއަރީ 31ގެ ކުރިން ޕާކިސްތާނަށް ވެކްސިންގެ 500،000 ޑޯޒް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާއިން ވަނީ ދީފައި. އެގައުމުން ވަނީ އަޅުގަނޑުމެންގެ މަތިންދާބޯޓެއް ފޮނުވުމުން ވައިގެ މަގުން ވަގުތުން ވެކްސިން ގެންދެވޭނެ ކަމަށް ބުނެފަ،" ގުރޭޝީ ވިދާޅުވި އެވެ.

އެ ފޯނު ކޯލާ ބެހޭ ގޮތުން ގުރޭޝީ ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ޗައިނާއިން ފޮނުވަނީ ސައިނޯފާމްގެ ވެކްސިން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޕާކިސްތާނުން ސައިނޯފާމްގެ ވެކްސިން ބޭނުން ކުރަން ހުއްދަ ދީފައިވާ ކަން ފާހަގަ ކުރައްވާ، އެ ވެކްސިންގެ ޓެސްޓުތަކުގެ ނަތީޖާ ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެ ޑޯޒްތަކަށް ޕާކިސްތާނުން ފައިސާ ދައްކަން ނުޖެހޭނެ ކަމަށްވެސް ގުރޭޝީ ވިދާޅުވި އެވެ. އަދި ދެ ގައުމުގެ މެދުގައި އޮންނަ ސްޓްރެޓީޖިކް ގުޅުމާ ހެދި ޗައިނާއިން އެންމެ ފުރަތަމަ އެހީވާން ނިންމި ގައުމަކީ ޕާކިސްތާން ކަމަށް މިނިސްޓަރު ވަންގް ވިދާޅުވި ކަމަށް ގުރޭޝީގެ ވީޑިއޯ މެސެޖެއްގައިވެ އެވެ.

ސައިނޯފާމްއިން މިދިޔަ މަހު ބުނި ގޮތުގައި އެ ކުންފުނީގެ ކޮވިޑް ވެކްސިންގެ ފަހު މަރުހަލާގެ ޓެސްޓުތަކުން ދައްކާ ގޮތުގައި އެ ވެކްސިންއިން 79.3 ޕަސެންޓު މީހުން ކޮވިޑުން ރައްކާތެރިކޮށްދެ އެވެ.

ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ ސައިނޯފާމްގެ ވެކްސިންގެ އިތުރުން އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންވެސް އެގައުމުގައި ބޭނުން ކުރަން ހުއްދަ ދީފަ އެވެ. އަދި އެގައުމުގެ ސަރުކާރުން ވަނީ، ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާއެކު ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް އެގައުމަށްވެސް ވެކްސިން ލިބޭނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް