286 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލައެއް ބާތިލު

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ބައެއްގެ މެދުގައި ހެދި މަދަނީ އެއްބަސްވުމެއްގެ ދަށުން ދައްކަން ޖެހުނު ދެ ލައްކަ ރުފިޔާއެއް ނުދައްކައިގެން 286 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ސިވިލް ކޯޓުން ކުރި ހުކުމެއް ހައިކޯޓުން ބާތިލުކޮށްފި އެވެ.

އަމިއްލަ ބައެއްގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަން ޖެހޭ ކަމަށް ބުނާ 227،570 ރުފިޔާ ނުދައްކައިގެން ސިވިލް ކޯޓުން 2016 ވަނަ އަހަރު ހުކުމްކޮށްފައި ވަނީ، އެ ފައިސާ ނުދައްކާ ހޭދަވި މުއްދަތުގައި އެރި ޖޫރިމަނާއާއެކު 286 މިލިއަން ރުފިޔާ ދައްކާށެވެ.

އެ މައްސަލައިގައި ހިމެނޭ އެއްބަސްވުމުގައި ވަނީ ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް 80 ޕަސެންޓްގެ ރޭޓުން ޖޫރިމަނާ އަރާނެ ކަމަށެވެ. އެއީ ދުވާލެއްގެ މައްޗަށް 182،056 ރުފިޔާ އެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިމުނުއިރު ފައިސާ ނުދައްކާ 1572 ދުވަސް އޮތީ ވެފަ އެވެ. ޖޫރިމަނާގެ ފައިސާ އެހާ ބޮޑުވީ އެހެންވެ އެވެ.

ސިވިލް ކޯޓުން އަންގާފައި އޮތީ އެ ފައިސާ މަހަކު މަދުވެގެން 20،000 ރުފިޔާ ދައްކާ ގޮތަށް ދެއްްކުމަށެވެ. އެ ރޭޓުގައި ފައިސާ ދައްކާ ނަމަ 286 މިލިއަން ރުފިޔާ ދައްކާ ނިމޭނީ 1،100 އަށް ވުރެ ގިނަ އަހަރުންނެވެ.

ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އިއްޔެ ވަނީ އެ ހުކުމް ބާތިލުކޮށް، ޖޫރިމަނާގެ އަދަދު ކުޑަކޮށްދީފަ އެވެ.

ބައިނަލްއަގުވާމީ އިސްލާމީ ފިގުހު އެކެޑަމީއިން ނެރެފައިވާ ގަރާރަކާ ހަވާލާދީ ހައިކޯޓުގެ ހުކުމުގައި ވަނީ ޖޫރިމަނާގެ ގޮތުގައި ނަގައިދެވޭ ބަދަލުގެ މިންވަރު އެކަށީގެންވާވަރަށްވުރެ މާބޮޑުނަމަ، ނަގައިދެވޭ މިންވަރު ކޯޓުން އުނިކުރެވިދާނެ ކަމަށެވެ.

އޭގެ އިތުރުން މައްސަލައިގައި ނުދައްކައިގެން އުޅޭ އަސްލު މިންވަރަށް ވުރެ ޖޫރިމަނާގެ ފައިސާ ބޮޑުކުރެވިގެން ނުވާނެ ކަމަށް ހުކުމުގައިވެ އެވެ. އެ އަދަދަށް ވުރެ ބޮޑަށް ޖޫރިމަނާ ނެގޭނީ އެ ފައިސާ ނުދެއްކުމުން، އެ އަދަދަށް ވުރެ ބޮޑު ގެއލްުމެއް ލިބިފައިވާކަން ސާބިތު ކުރެވުމުން ކަމަށް ބުނެފައިވެ އެވެ.

"އެ ބަދަލުގެ މިންވަރު އަަސްލީ އިލްތިޒާމުގެ ގޮތުގައި އަދާނުކުރެވިވާ މިންވަރަށް ވުރެ ބޮޑުކޮށް ނަގައިދެވޭނީ، އަސްލީ އިލްތިޒާމު އަދާނުކުރުމުން، ނުވަތަ އަދާނުކޮށް ލަސްކުރުމުން ލިބިފައިވާ ގެއްލުން އެމިންވަރަށް ވުރެ ބޮޑުކަން ޝަރީއަތަށް ސާބިތުކޮށްދެވޭ ހާލަތުގައެވެ. މި މައްސަލާގައި އެކަން އެގޮތަށް ސާބިތުކޮށްދީފައި ނުވެއެވެ،" ހުކުމުގައިވެ އެވެ.

އެހެންކަމުން، އެ މައްސަލައިގައި ހުކުމް ކުރީ ޖޫރިމަނާގެ ގޮތުގައި ނަގައިދެވޭނީ ނުދައްކައިވާ 227،570 ރުފިޔާ ކަމަށެވެ. އަދި އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމަކީ ރާއްޖޭގެ ތާރީހުގައި އެއްފަހަރާ އެންމެ ގިނަ އަދަދަކުން ބަޔަކު ޖޫރިމަނާ ކުރި ހުކުމެވެ.

comment ކޮމެންޓް