އޮސްޓްރޭލިއާގައި ގޫގުލް ސާޗް ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމުގެ އިންޒާރު ދީފި

ގޫގުލް ސާޗް އިންޖީން އޮސްޓްރޭލިއާގައި ބޭނުން ނުކުރެވޭ ގޮތް ހަދަން ޖެހިދާނެ ކަމުގެ އިންޒާރު އެ ކުންފުނިން ވަނީ ދީފަ -- ފޮޓޯ: ރޮއިޓަސް

ސިޑްނީ (ޖެނުއަރީ 22): ގޫގުލް އާއި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުން ފެންނަ ހަބަރުތަކަށް އެ ކުންފުނިތަކުން ފައިސާ ދައްކަން މަޖުބޫރު ކުރާ ގާނޫނެއް އޮސްޓްރޭލިއާއިން ފާސް ކުރަން އުޅޭތީ، އެގައުމުގައި ގޫގުލް ސާޗް އިންޖީން ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދީފި އެވެ.

އޮސްޓްރޭލިއާގެ ޕާލަމެންޓަށް މިދިޔަ އަހަރު ހުށަހަޅާފައިވާ "ނިއުސް މީޑިއާ ބާގެއިނިން ކޯޑު"ގައިވާ ގޮތުން ނޫސް މީޑިއާތަކުން އުފައްދާ ލިޔުންތަކުގެ ތެރެއިން ފޭސްބުކާއި ގޫގުލްގައި ހިއްސާ ކުރާ ލިޔުންތަކަށް އެ ދެ ކުންފުނިން ފައިސާ ދޭން ޖެހޭނެ އެވެ. އަދި ފައިސާ ދޭނެ ވަރެއް ނިންމާނީ އެ ކުންފުނިތަކާއި މީޑިއާތަކުން މަޝްވަރާ ކުރުމަށް ފަހު އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ބުނާ ގޮތުގައި ހަބަރު ކިޔަން ބޭނުންވާ މީހުންގެ ފަރާތުން ގޫގުލް އާއި ފޭސްބުކަށް ކަސްޓަމަރުން ލިބޭތީ އެ ދެ ކުންފުނިން މީޑިއާތަކަށް ފައިސާ ދޭން ޖެހެ އެވެ. އަދި އެއީ ޑިމޮކްރަސީގެ މުހިއްމު ބައެއް ކަމަށްވާ ނޫސްވެރިކަމަށް ލިބިގެންދާނެ ބޮޑު އެހީއެކެވެ.

ނަމަވެސް އޮސްޓްރޭލިއާގައި ހުންނަވާ ގޫގުލްގެ މެނޭޖިން ޑިރެކްޓަރު މެލް ސިލްވާ އެގައުމުގެ ސެނެޓުގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި އެއީ އަމަލު ކުރެވޭނެ ގާނޫނެއް ނޫނެވެ. އަދި އެއީ އޮންލައިންކޮށް ހިލޭ މައުލޫމާތު ފޯރުކޮށްދިނުމާއި "މުޅި އިންޓަނެޓު މަސައްކަތް ކުރާ" ގޮތާ ހިލާފު ގާނޫނެކެވެ.

ސިލްވާ ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާއިން އެ ގާނޫނު ފާސްކޮށްފި ނަމަ އެގައުމުގައި އެ ކުންފުނީގެ ސާޗް އިންޖީން ބޭނުން ނުކުރެވޭ ގޮތް ހަދާނެ އެވެ.

"މި ކޯޑު މިހާރު މި އޮތް ގޮތަށް ގާނޫނަކަށް ހަދައިފި ނަމަ އޮސްޓްރޭލިއާގައި ގޫގުލް ސާޗް އިންޖީން ބޭނުން ނުކުރެވޭ ގޮތް ހެދުން ނޫން ގޮތެއް އަޅުގަނޑުމެންނަަކަށް ނޯންނާނެ،" ސިލްވާ ވިދާޅުވި އެވެ.

ގޫގުލްއާ އެއްގޮތަށް ފޭސްބުކްއިން ވެސް ވަނީ ނިއުސް މީޑިއާ ބާގެއިނިން ކޯޑާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. އަދި އެ ގާނޫނު ފާސްކޮށްފި ނަމަ ފޭސްބުކުގައި އޮސްޓްރޭލިއާގެ ހަބަރުތައް ހިއްސާ ނުކުރެވޭ ގޮތް ހަދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މީގެ އިތުރުން ގޫގުލް އާއި ފޭސްބުކުން ވަނީ މިހާރުވެސް މީޑިއާތަކަށް އެ ކުންފުނިތަކުގެ އެހީ ލިބޭ ކަމަށް ބުނެފަ އެވެ. އެގޮތުން ގޫގުލް އާއި ފޭސްބުކުން މީޑިއާތަކުގެ އުފެއްދުންތައް ފެނުމުން އެ ވެބްސައިޓުތަކަށް ވަންނަ މީހުންގެ އަދަދު އިތުރުވާކަން ފާހަގަ ކޮށްފަ އެވެ.

ގޫގުލް އާއި ފޭސްބުކްއިން އެގޮތަށް ރައްދު ދިނުމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ. އަދި އެގައުމުން އިންޒާރުތަކަށް ބޯނުލަނބާނެ ކަމަށް ވިދާޅުވެފަ އެވެ.

"އޮސްޓްރޭލިއާގައި ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ގާނޫނުތައް ހަދާނީ މި ގައުމުގެ ޕާލިމެންޓުން. އަދި އޮސްޓްރޭލިއާގައި މަސައްކަތް ކުރަން ބޭނުން ބަޔަކަށް މަރުހަބާ ކިޔަން ނަމަވެސް އަޅުގަނޑުމެން އިންޒާރުތަކަށް ބޯނުލަނބަން،" މޮރިސަން ވިދާޅުވި އެވެ.

އެ ބިލުގެ މައްސަލައިގައި އޮސްޓްރޭލިއާގެ ރައްޔިތުން ވަނީ ސަރުކާރަށާއި ޓެކް ކުންފުނިތަކަށްވެސް ފާޑު ކިޔާފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ގޫގުލް ނޫން އެހެން ސާޗް އިންޖީންތައް ބޭނުން ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަދި އެހެން މީހުން ވަނީ ގޫގުލް ސާޗް އިންޖީން ބޭނުން ނުކުރެވޭ ގޮތް ހަދައިފި ނަަމަ ޖީމެއިލް އާއި ގޫގުލް މެޕްސް އާއި ގޫގުލް ހޯމް ހިދުމަތްތަކަށް ވާނެ ގޮތާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. ނަމަވެސް ގޫގުލްއިން އެ ސުވާލުތަކަށް އަދި ޖަވާބެއް ދީފައި ނުވެ އެވެ.

comment ކޮމެންޓް