ޗައިނާއާ ގުޅޭ ކަމަށްބުނެ ގުޖުރާތުގައި ޑްރެގަންފްރުޓުގެ ނަން ބަދަލުކޮށްފި

ގުޖުރާތުން ވަނީ ޑްރެގަން ފުރުޓުގެ ނަން ބަދަލު ކުރަން ނިންމާފަ -- ފޮޓޯ: ސީއެފްޕީ

ދިއްލީ (ޖެނުއަރީ 22): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތު ސްޓޭޓުން ޑްރެގަން ފުރުޓަށް ކިޔާ ނަން ބަދަލު ކުރަން ނިންމައިފި އެވެ.

ގުޖުރާތުގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ ވިދާޅުވި ގޮތުގައި އެ ސްޓޭޓުގެ ސަރުކާރުން ނިންމީ ޑްރެގަން ފުރުޓަށް މިހާރު ކިޔާ ނަމަކީ އެ މޭވާއަށް އެންމެ އެކަށީގެންވާ ނަން ނޫން ކަމަށާއި އެއީ ޗައިނާއާ ގުޅުން ހުރި ނަމެއް ކަމަށެވެ. އަދި އެ މޭވާއިން އިންޑިއާގެ ރަސްމީ މާ ކަމަށްވާ ލޮޓަސް ސިފަވާ ކަމަށާއި ވީމާ އެ މޭވާއަށް ދޭނީ ލޮޓަސްގެ ސަންސްކްރިޓް ނަން ކަމަށްވާ ކަމަލަމް ކަމަށް ވިދާޅުވެފަ އެވެ.

"ގުޖުރާތުގެ ސަރުކާރުން ވަނީ ޑްރެގަން ފުރުޓު އެ ބަހަކީ [އެ މޭވާއަށް] އެންމެ ރަނގަޅު ބަސް ނޫން ކަމަށާއި އެއީ ޗައިނާއާ ގުޅުން ހުރި ނަމެއް ކަމަށް ނިންމާފަ. އެމޭވާ ހުންނަނީ ލޮޓަސްއަކާ އެއްގޮތަށް، ވީމާ އަޅުގަނޑުމެން ވަނީ އެއަށް އާ ސަންސްކްރިޓް ނަމެއް ދީފަ، އެއީ ކަމަލަމް،" ރުޕާނީ ވިދާޅުވި އެވެ.

ލޮޓަސްއަކީ މޯދީގެ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ރަމްޒުވެސްމެ އެވެ. ނަމަވެސް ރުޕާނީ ވަނީ ޑްރެގަން ފުރުޓުގެ ނަން ބަދަލު ކުރުމުގައި އެއްވެސް ސިޔާސީ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ގުޖުރާތުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ އެ ނިންމުމަށް ފާޑު ކިޔާފަ އެވެ. އަދި އެ ސްޓޭޓުގައި ހުންނަވާ ކޮންގްރެސް ޕާޓީގެ ތަރުޖަމާނު މަނީޝް ދޮޝީ ވިދާޅުވި ގޮތުގައި ޑްރެގަން ފުރުޓުގެ ނަން ބަދަލުކޮށްފައި ވަނީ ގައުމުގައި ހިނގަމުންދާ އަސްލު މައްސަލަތަކުން މީހުންގެ ސަމާލުކަން ދަމައިގަތުމަށް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ މީހުން ވަނީ އެއީ ޗައިނާއަށް ދޭން އެންމެ ރަނގަޅު ރައްދުތޯ ސުވާލުކޮށް، އެ ނިންމުމަށް މަލާމާތްކޮށްފަ އެވެ.

ޗައިނާ އާއި އިންޑިއާއާ ގުޅޭ ބޯޑަރު ސަރަހައްދުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ މެދުތެރޭގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ތަޅާފޮޅުމެއް ހިނގާ، އިންޑިއާގެ 20 ސިފައިން މަރުވި ފަހުން ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ހީނަރުވެފަ އެވެ.

comment ކޮމެންޓް