އަންދަލުސްގެ ޕްރިންސް 15

އަންދުލުސް ޕްރިންސް

"ފާދިރީ މާޓިންގެ އަނގައެކޭ ދެ ފަރުބަދަ ދޭތެރޭގައި އޮތް ވާދީއެކޭ ތަފާތެއްނެތް. އަނގަމަތީ ޖަހާ ދަތްތައް ލުއްސައިލަން ބޭނުންވިޔަސް އެންމެ ދަތެއްވެސް ހުރީއެއްނޫން. އެހެންނޫންނަމަ އެގޮތަށް އަނގަ ހުޅުވައިލާކަށް ނުކެރޭނެ.." ފާދިރީއަކަށް ވެފައި ކަމޭހިތަން ޖެހުނަސް އާލްފްގެ ހިތުގައި ގަދަރެއް އިހުތިރާމެއް ނެތެވެ. އެ ހުރިހާ އެއްޗެއް ވަނީ އޭނަގެ ބައްޕައާއެކު ވަޅުލެވިފައެވެ. މާޓިންގެ ދުވަސް ދުއްވައިލާނެގޮތްތައް އޭނަގެ ސިކުނޑީގައި އެކި ގޮތްގޮތަށް ރާވާލުމަށްފަހު ކަންނެތް ހިނގުމެއްގައި ގޮސް ކޮޓަރިއާއި އަރާހަމވިއެވެ. އޭނަގެ ވަފާތެރި ޚާދިމު ޔައުގޫބު އަމުރަކަށް ބަލަ ބަލާ އިންތިޒާރުގައި ހުއްޓެވެ. ބޭރަށް ނިކުމެފައިވާ ދެލޮލާއި ލެނބިފައިވާ ނޭފަތާއި ނުކޮށާ ތަރުތީބު ގެއްލިފައިވާ ތުނބުޅީގެ ސަބަބުން އޭނަ މަޖާ ސިފައެއްގައި ފެނުނަސް އެއީ ހިތް ހެޔޮ އަބަދު ހިނިތުންވުމެއްގައި ހުންނަ މީހެކެވެ. އާލްފްގެ ބައްޕަ ވިޓިޒާގެ ގަނޑުވަރުގައި ބޮޑުވެ ވިޓިޒާއަށް ރަސްކަން ލިބުމުން އޭނަގެ ވަފާތެރި ޚާދިމެއްގެ ގޮތުގައި ހުއްޓެވެ. ގަނޑުވަރުގައި ދިރިއުޅޭ އެހެން މީހުންގެ ހިތްތަކުގައި އޭރު ޔައުގޫބާއިމެދު ހަސަދަ ވެރިކަން އޮތީ ރަސްގެފާނާއި އޭނަގެ އޮތް ގާތް ގުޅުމާއިހެދިއެވެ. ޚާއްސަކޮށް އޭނައަކީ ގޫތަކަށްވެސް ނުވުމާއެކުގައިވެސް އެފަދަ ގުޅުމެއް އޮތުމުންނެވެ. އޭނަގެ ހަސަބާއި ނަސަބު އަދި ދަރިކޮޅު އެއްވެސް މީހަކަށް ނޭގެއެވެ. އެކަމަކު މިހާ މަތީ މަގާމަކަށް އެރީ ކިހިނެއްކަމާއިމެދު އެންމެން ހައިރާންވިއެވެ.

ރަސްގެފާނަށް އޭނަގެ ނިމުން އަންނަނީ ކަން އެނގުމުން ޔައުގޫބު އާއި ދަރިންކޮޅު ހަވާލުކުރިއެވެ. ރަސްގެފާނު ދަރިފުޅު އާލްފްއަށް ވަސިއްޔަތް ކުރީ ޔައުގޫބަށް އިތުބާރުކުރުމަށެވެ. ބައްޕަގެ ދުނިޔޭގައިވެސް އާލްފްވަނީ އޭނައަށް އިތުބާރުކޮށް ކަމޭހިތަށް ދަސްކޮށްފައެވެ. ޔައުގޫބު ވެފައިވަނީ އާލްފްއަށް ވަފާތެރި ލޯބިވާ ޚާދިމަކަށެވެ. އޭނަގެ ހުންނަ މަޖާ މިޒާޖާއި ހަރަކާތެރި އަދި ހަލުވިކަމުން އޭނައަކީ ސީރިޔަސް ވިސްނުންތައް ގެންގުޅޭ މީހެއްކަމެއް އެއްވެސް މީހަކަށް އެނގިފައެއް ނެތެވެ. ހަގީގަތުގައި ޔައުގޫބަކީ ކަންކަމާއިމެދު ފުންކޮށް ވިސްނާ ތަފާތު މީހެކެވެ.

އާލްފް އަނގައިން ބުނުމެއް މަޖާ ކޮށްލުމެއް ނެތި ސީދާ ކޮޓަރިއަށް ވަނުމުން ކަމެއް ގޯސްވެއްޖެކަން ދެނެގަނެވި ޔައުގޫބުވެސް ހިމޭންވިއެވެ. އާލްފްގެ ޚިޔާލުތަކުގެ ވާފަށް ކަނޑައިލާ އޭނަގެ ނުތަނަވަސްކަން އިތުރުކުރަން ބޭނުމެއްނުވިއެވެ.

އާލްފް އޭނަގެ ބޮލުގައިވާ ތޮތްޕާއި ކަނޑި ނަގާ ފާރުގައި އެޅުވިއެވެ. ކުޑަދޮރުކައިރީ ހުރި ލަކުނޑި ގޮނޑިއެއްގައި އިށީދެ ދުރުން ފެންނަ މޭވާ ބަގީޗާތަކާއި ދިމާލަށް ނަޒަރު ހުއްޓާލިގޮތަށް އެ ނަޒަރާއި ހިމޭންކަން ދިގު ދެމިގެން ދިޔައެވެ.

"ޔައުގޫބު.....އަހަރެން ނެތީސް ބޮޑުބޭބެ ދުރުވިތަ؟" އާލްފް އެނބުރުނުއިރު ދިމާ ކުރިމަތީގައި ޔައުގޫބު ހުރިތަން ފެނި އޭނަ ސުވާލުކުރިއެވެ.

"ނޫން ސާހިބާ. އޭނަ ނުދުރުވޭ. ފައްޅިން ދިމާނުވަނީތޯ؟ "

އާލްފްގެ ވިސްނުން ފައްޅީގައި ކުރެވުނު އީދާއި އަޅުކަމާއި ހިސާބަށް ދަތުރުކުރިއެވެ. އޭނަގެ އާއިލާއާއި ރަސްގެފާނާ ދޭތެރޭ އޮތް ބޮޑު މައްސަލައިގެ ބާވަތުން ބޮޑުބޭބެ އެހެން ފައްޅިއަކަށް އަޅުކަން ކުރައްވަން ދުރުވީކަމަށް ވެދާނެއެވެ.

"ބޮޑުބޭބެ ފައްޅިއަށް ދުރުވިހެން ހީވޭތަ؟ ކީއްވެ ޔައުގޫބު ފައްޅިއަށް ނުދިޔައީ؟ " އާލްފް ސުވާލުކުރިއެވެ.

"ގޭގެ މަސައްކަތްތަކާއި އަވަދިނެތި އުޅުނީ. މިތަނުގައި އަޅުގަނޑު އަޅުކަންކޮށްފިން... އެވަރުން ނުފުދޭނެތޯ؟ " ޔައުގޫބު އެހިއެވެ.

"އޯ...މާފުކުރައްޗޭ..." އާލްފް ކަމެއް ހަދާންވެގެން ކަހަލަ ގޮތަކަށް ބުނެލިއެވެ. " ޔައުގޫބުގެ އަޅުކަންތައްތަކާއި ބެހޭގޮތުން ސުވާލު ނުކުރަން ބައްޕައަށް ވެފައިވާ ވައުދުމަތިން ހަދާން ނެތުނީ. އެކަމަކު ބޮޑުބޭބެއާއި ދޭތެރޭ ދެކެނީ ކިހިނެއް؟ އަހަރެން ބޮޑުބޭބެއަށް ބޭނުން ވޭ........................"

"ހަމައެކަނި އެ ޖުމްލަ ބުނުައްވާ. ވަގުތުން އަޅުގަނޑުގޮސް ބޮޑުބޭނެ ގެނެސްދޭނަން. އެ ހެޔޮ ރޫމީންގެ ފައްޅީގައި އޭނަ ހުންނެވިޔަސް................" ޔައުގޫބު އެހެން ބުނެލިއިރު ހިނި އައީ އާލްފްގެ އާއިލާއިން ފައްޅިއާއި ދެކޮޅު ޚިޔާލު ގެންގުޅޭކަން އެނގި ސާބިތުވެފައިވާތިއެވެ.

"އޯ.."އާލްފް ޔައުގޫބުގެ ޖޯކުގައި ބައިވެރިވުމުގެ ގޮތުން ހުނެވެ. " އޭނަ އެހާ ދުރުގައި ހެން ހިޔެއްނުވޭ. އަވަހަށް ގޮސް ހޯދައިގެން އާދޭ......"

ޔައުގޫބު އޭނަ ދިރިއުޅޭ ޚާދިމުންގެ ގެއާއި ހަމަޔަށް ގޮސް ޚާދިމުންނަށް ފަދިރީ އޮޕާސް ހޯދައިގެން އަންނަން އެންގިއެވެ. އެކަކު ފައްޅިއަށް އަނެކަކު އޭނަގެ ގެއަށް އަދި އަނެކަކު އޮޕާސް އާއްމުކޮށް އުޅޭނެހެން ހީވާ ތަންތަން ބެލުމަށް ފޮނުވިއެވެ. އެނބުރި ކޮޓަރިއަށް އައުމަށްފަހު އާލްފްގެ ޚިޔާލުގައިވާ ކަމެއްނޭގި ފިކުރު ބޮޑުވެ އޭނަގެ ތުނބުޅިއާއި ކުޅެން މަޑުމަޑުން އެއްފަރާތެއްގައި ހުރީ އަތުވެދާނެ އަމުރަކަށް ބަލަ ބަލައެވެ. އާލްފް ފުން ޚިޔާލަކަށް ގެއްލިފައި ހުރިވަރުން ޔައުގޫބު އައިކަމެއްވެސް ނޭގުނެވެ. އެތައް ޚިޔާލައި ފިކުރެއް އޭނަގެ ސިކުނޑީގައި ދައުރުވެ ޖަމާވަމުން ދިޔައެވެ. ޝާހީކަމާއެކު އެތައް ބަޔެއްގެ ލޯބީގެ ނަޒަރުތައް އަމާޒުވި ދުވަސްތައް މާޒީއާއެކުވެ މިހާރު އޭނައެކޭ އެންމެ ދަށްފަންތީގެ މީހެކޭ ތަފާތެއް ނެތެވެ. ތަޚުރު ލަދްރީކް އަތުން ދަމައިގަންނާނެ ގޮތަކާއިމެދު ވިސްނިޔަސް ރަގަޅު ހައްލަކާއި ހަމަޔަށް ނައެވެ. އޭނަ އަތުގައި ފައިސާ އަދި ހަގުރާމަވެރިންނެއްވެސް ނެތެވެ. އެހިސާބުން ފްލޮރިންޑާމަތިން ހަދާންވެ ކުރެވުނު ވައުދުވެސް ސިކުނޑިއަށް އުދަގޫކުރަން ފެށިއެވެ. ހަގުރާމައިގެ މައިދާނުން ބަލިކަށިވެ ވައުދާއި ޚިލާފު ވެވޭނެހެއްޔެވެ؟ ހުރިހާ ކަމެއް ކުއްލިއަކަށް ނުއުފެލޭފަދަ މުސީބާތަކަށްވެ ހިތްވަރު އެލުވައިލާ ނާކާމިޔާބު އޭނަގެ ލޮލުގެ ކުރިމަތީގައި ސިފަވިއެވެ. އޭނަގެ ލޯބިވާ ފްލޮރިންޑާ ގާތު އެފަދަ ވައުދެއް ވެވުނުކަމާމެދު ހިތާމަ ކުރިއެވެ. ނުގޑާފަދަ އަޒުމަކާއިއެކު ހިތްވަރުކުރަން މަސައްކަތްކުރިޔަސް ކަރުނަތައް ހުއްޓުވައެއް ނުލެވުނެވެ. އުދަގޫ ދަތި ހާލަތަކުން އަރައި ނުގަނެވުމުން ކަރުނައިން އެތިފަހަރުގެ ބާރު ކޮންމެވެސް ވަރަކަށް ކުޑަކޮށްދެއެވެ.

ޔައުގޫބު އޭރުވެސް ހުރީ ދޮރުމަތީގައެވެ. އާލްފް ފުން ނޭވައެއް ދޫކޮށްލިގޮތުންނާއި ހަރަކާތް ހުރިގޮތުން އޭނަ ކަރުނައިގެ ކޯރެއްގައި ގެނބެމުންދާކަން އެނގި އަދި އާލްފް އެގޮތަށް ކަރުނަ އޮއްސާނީ އެކަނި ހުރިކަން ޔަގީންކޮށްކަމަށް ވާތީ އޭނަ ވަގު ފިޔަވަޅުތަކެއްގައި އެތަނުން ނުކުތެވެ. އާލްފްއަށް ރޭކާ ނުލިއެވެ. ޔައުގޫބު ކޮޓަރީގެ ބޭރުގައި ހުރި އޭނަގެ ގޮނޑީގައި ޖައްސައިލިގޮތަށް ވިސްނަމުން ދިޔައީ އޮޕާސްގާތުން ސުވާލު ކުރުމަށެވެ. އޮޕާސްގެ ނުފޫޒު ފުދޭވަރަކަށް ގަދަވާނެއެވެ.

***

ފްލޮރިންޑާ ރަސްގެފާނު އިން ކޮޓަރިއަށް ވަނީ އިސްއުފުލާލައިގެން ހުރެ އަމިއްލަ ނަފުސަށް އިތުބާރު އޮތްފަދަ ގޮތަކަށެވެ. އޭރު އޭނަގެ ހިތް ފަޚުރާއި ހިތްތިރިކަމާއި ދެމެދުގެ މަސްހުނި އިހުސާސްތަކެއްގައި ގެނބެމުން ދިޔައިރު ރުޅިވެރިކަމާއި އެކު ބިރުވެރިކަމުގެ ޝުއޫރުތައް މޫނުމަތިން ފެނެއެވެ. ރަސްގެފާނު އޭނައަށްވުރެ ކުރިންގޮސް ކައުޗުގައި އިށީދެފައި ފްލޮރިންޑާ އޭނަ ގާތު އިށީންނަން އިޝާރަތްކުރިއެވެ.

"އިއްޒަތްތެރި ސާހިބާ. "ލަދުވެތިކަން އެ މޫނުމަތީ ލިޔެވިފައިވާފަދައެވެ. " ސާހިބާގެ އަރިހުގައި އިށީނުމަށް އެކަށީގެނެއް ނުވޭ..."

"އިށީދޭ. " ރަސްގެފާނު ލަޒްރީކް ހެމުން ބުނެލިއެވެ. " އަހަރެން ފްލޮރިންޑާ މިތަނަށް ގެނައީ ތި އަދަބުވެރިކަން ޖައްސުވާކަށް ނޫން. އަހަރެން ބޭނުންވީ އުފަލާއިއެކު ހަމަޖެހިފައި ހުންނަތަން ދެކެން.... އަވަހަށް އިށީދޭ.."

"މާފުކުރައްވާ ސާހިބާ....އެކަމަކު." ފްލޮރިންޑާ އެއްޗެކޭ ބުނަން އުޅުނެވެ.

"ފްލޮރިންޑާ ޖުމްލަ ފުރިހަމަކުރުމުގެ ފުރުސަތެއްވެސް ނުދީ އޭނަ އެކުއްޖާގެ އަތުގައި ހިފާ ގަދަކަމުން ކައިރީގައި ބޭންދިއެވެ. އޭނަގެ އަތް ޖެހުމުން ހީވީ ޝައިތާނާ ބީހިލިހެންނެވެ. އޭނަ ވަގުތުން އަތް ދަމައިގަތްގޮތަށް މަސައްކަތް ކުރަމުން ދިޔައީ ދެމީހުންގެ ހަށިގަނޑުގައިވާ ހެދުންތައްވެސް ނުޖެހި ވޭތޯއެވެ.

"ތިހާ ހާސްވެ ކަންބޮޑުވީތީ އަހަރެން ފްލޮރިންޑާ ކުށްވެރިއެއް ނުކުރާނަން. ސްޕެއިންގެ ރަސްގެފާނުގެ އަރިހުގައި އިށީނުމުގެ ފުރުސަތު ލިބުނީމަ އިމްޕްރެސްވާނެ. މިފަދަ މަގާމެއްގައި ތިޔަ އިށީދެވުނީ އަލަށް. އެކަމަކު ވިސްނަން ޖެހޭނެ ތަންކޮޅަކީ ތިޔަ ރީތިކަމުގެ ރާނީ މިތަނަށް ގެނައީ ހަގީގީ އުފާވެރިކަމުގެ ހަޔާތެއް ދިނުމަށް ހުށަހަޅަން. އަހަންނަށް ރަސްގެފާނުގެ ނަމުން މުޚާތަބު ކުރުމުގެ ބަދަލުގައި ކަމަނާދެކެ އިންތިހާއަށް ލޯބިވާ އިންސާނެއްގެ ގޮތުގައި ދެކުމަށް އެދެން. އަހަރެން މިހިރީ ކަމަނާއަކީ ދުނިޔޭގައި ހުރި އެންމެ ޝަރަފުވެރި އެންމެ އުފާވެރި އަންހެނާކަމަށް ހަދައިދޭން....."

ރަސްގެފާނުގެ ޖުމްލަތަކާއެކު ފްލޮރިންޑާގެ ހިތުގައި އުފަންވި ބިރުވެރިކަން ހަގީގަތަކަށްވެ އޭނަގެ ކުރިމައްޗަށް ޖެހިގަތެވެ. އެކަމަކު އޭނަ ނިންމީ ރަސްގެފާނުގެ މި ޖެހިލުންކުޑަ ހުށަހެޅުމާއި ދުރަށް ދެވޭނީ އެކުވެރިކަން ދައްކައިގެންކަމެވެ.

"އިއްޒަތްތެރި ސާހިބާ. ތިޔފަދަ ގަދަރުވެރި ސްޕެއިންގެ ރަސްގެފާނުގެ ހާޟިރުގައި އަޅުގަނޑަކީ ހަމައެކަނި ނިކަމެތި ޚާދިމާއެއްކަމުގައި ނޫނީ ނުދެކެން. ރަސްގެފާނުގެ އަމުރުއާއްމު މުޅި ރައްޔިތުންނަށް ..............."

ފްލޮރިންޑާ ތެދުވުނެވެ.

"އަހަރެންގެ ލޯބިވެރިޔާއަށް ވުމަށް ހުރަސް އަޅަނީ ކޮންކަމެއްތަ؟ ހަމައެކަނި އެކަމެއްނޫނޭ. އަހަރެންގެ ހިތާއި މުޅި ރަސްކަމުގެ ރާނީވެސް މެ..............." ރަސްގެފާނު ލަޒްރީކް އަނެއްކާވެސް ފްލޮރިންޑާގެ ޖުމްލަ މެދުކަނޑުވައިލިއެވެ. އޭނަ ވާހަކަދައްކަމުން ދިޔައިރު ޖަޒުބާތުތައް އޭނަގެ މޫނުމަތިން ހާމަވިއެވެ. ރަތްވެފައިވާ ދެލޮލާއި ތުރުތުރުލަމުން ދިޔަ ތުންފަތެވެ. އޭނަގެ ލަފުޒުތަކާއި އަމަލުތައް ކިތަންމެ މަޑުމައިތިރިކޮށް ހުއްޓަސް ފްލޮރިންޑާއަށް ނެގުނީ އޭގެ އިދިކޮޅަށެވެ.

"ނޫން ނޫން ސާހިބާ. އަޅުގަނޑަކަށް ތިއިން އެއްވެސް މީހަކަށް ނުވެވޭނެ. ތިހާ މަތީ މަގާމަކަށް އެކަށީގެނެއް ނުވޭ...."

ލުޒްރީކްވެސް ތެދުވެ ދެއަތް ފުރަގަހަށް ލައިގެން އިނގިލިތައް މަހާލިއެވެ. ފްލޮރިންޑާއަށް އޭނަގެ މަތިވެރި ލޯބި ގަބޫލު ނުކުރެވި އޭނަ ކެއްސެއްދޭން އުޅޭކަމުގައި ހީކުރެވުނީއެވެ.

"އަހަންނަށް ހީވަނީ އަހަރެންގެ ވާހަކަތައް ގަބޫލުނުކުރެވުނުހެން. އަހަރެންގެ ވާހަކަތަކާއި އަހަރެން މިހިރަ މަގާމުގައި ހުރެ މިފަދަ ހުށަހެޅުމެއް ހުށަހެޅުމުން ސިހުމެއް ލިބިދާނެ. އެކަމަކު އަހަރެން ބުނަން ބޭނުންވޭ. އަހަރެންގެ ހިތަށް ކަމަނާ ވެރިވެގެންފި. އަހަރެންގެ ހުރިހާ ޖަޒުބާތްތަކުގެ އަސްލަކީ ތިއީ. އަހަންނާއިމެދު ހަމްދަރުދީވެ އަހަރެންގެ ހުށަހެޅުން ގަބޫލުކުރޭ......" ލުޒްރީކް އަދަބުވެރިކަމާއެކު ގުދުވަމުން އަތް ދިއްކޮށްލައިފިއެވެ. އެފަދަ އެއްވެސް އަމަލަކަށް ސަމަލުކަމެއް ނުދީ ފްލޮރިންޑާ ހަމަޖެހެން މަސައްކަތްކުރިއެވެ.

"ކޮންކަމެއް ގަބޫލުކުރާ ވާހަކަ؟ " ފްލޮރިންޑާ އެހިއެވެ.

"އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ވެދީ....." ފްލޮރިންޑާގެ ވާހަކަތަކުން އުއްމީދު އާވެ ހުށަހެޅުން ގަބޫލުކޮށްފާނެކަމުގައި ހީކުރެވުނެވެ. " އުފާވެރި ފަސޭހަ ދިރިއުޅުމެއް ހޯދަން....."

"ރާނީއަށް ކިހިނެއް ހަދަނީ؟ " ފްލޮރިންޑާ ފޫހި ނަޒަރަކުން ބަލައިލިއެވެ.

އެ ޖުމްލަ ތޫނު ވިދުވަރެއްހެން އޭނަގެ ގައިގާ ޖެހިގަތްފަދައެވެ. ފްލޮރިންޑާ މިހާ ފަޚުރުވެރިވެދާނެ ކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އަބުރުވެރިކަމާއި މިނިވަންކަމަކީ ކޮބާކަން އޭނައަށް އިހުސަސް ނުކުރެވޭތީއެވެ. އޭނަ ދެކުނު ގޮތުން އެންމެ ހިނިތުންވުމަކަށްޓަކާ ފްލޮރިންޑާ އޭނަގެ ފައިތިލަ މައްޗަށް ވެއްޓި އޭނަގެ އަސީރަކަށް ވެދާނެއެވެ. އޭނައަށް ނުވިސްނުނީ ފްލޮރިންޑާއަށްޓަކާ އަބުރުވެރިކަމާ އިއްފަތްތެރި ކަމަކީ ރަސްކަލުންގެ ޚަޒާނާތަކަށްވުރެ އަގުހުރި އަދި އެމީހުން އިށީންނަ ތަޚުތަށްވުރެ ގަދަރުވެރި އަދި އެމީހުންގެ ތަހުޒީބާއި ތަމައްދުނުގައި ހިމެނޭ ލެވެލްގައިވެސް މަތީ އެއްޗަކަށްވާކަމެވެ. އިއްފަތްތެރިކަމަކީ އަންހެންކުދިންގެ އެންމެ ރީތި ގަހަނާއެވެ. އަދި ޒުވާން އަންހެންކުއްޖަކަށްޓަކަށް ރަސްކަލަކަށްވުރެވެސް ބާރުގަދަކަން އަންގާދޭ ތޫނު ހަތިޔާރެކެވެ. ފްލޮރިންޑާ ޚިޔާރުކުރި ހިމޭންކަމާ މަޑުމައިތިރިކަން އެއްކިބާކޮށް އޭނަ ލުޒްރީކްއާއި ކުރިމަތިލީ ރަސްކަލަކު އަނެއް ރަސްކަލަކާއި ކުރިމަތިލައިގެން ހުންނާނެ ފަދަ ގޮތަކަށެވެ. ރަސްގެފާނު އިން ހުރަސްކުރުމުން އޭނަވެސް ޖަވާބުދިނީ އެފަދަ ގޮތަކަށެވެ. "ރާނީ" އެ ލަފުޒުން އޭނަ ލުޒްރީކްއަށް ހަދާންކޮށްދިނީ ރާނީއާއި ލުޒްރީކްގެ އޮތް މާތް ވަރުގަދަ ގުޅުމާއި އެހެން އަންހެނުންނާއި ދުރުހެލިވާން ޖެހޭނެކަމެވެ.

އޭނަގެ އަނބިމީހާގެ ވާހަކަ ދައްކާ އޭނަގެ ހުށަހެޅުން ބޮލާ ލާ ޖެހުމުން ލުޒްރީކް ހިތްހަމަނުޖެހުނެވެ. އެކަމަކުވެސް ފްލޮރިންޑާގެ މެސެޖް އޭނައަށް ނަގައިގަނެވުނު ކަމަކަށް ނެހެދިއެވެ.

"ތިހާ ޖާހިލު ކުއްޖަކަށް ވެދާނެކަމަކަށް ހިޔެއް ނުކުރަން. އަހަރެން މިތާހުރެ ހުރިހާ އުފަލަކާއި ޝަރަފެއް ދީ މަގުތައް ކޮށާދޭން އުޅޭއިރު ތިއުޅެނީ ހުރަސްތައް ކުރިމަތިކުރަން. މި ރަސްކަމުގެ ކޮންމެ ޒުވާން އަންހެންކުއްޖަކު މި މަގާމު ހޯދަން ކޮންމެފަދަ ގުރުބާނީއެއް ވެދާނެކަން ކަމަނާއަށް ނުވިސްނެނީތަ؟ ހޭޖެހިގެން ވިސްނަބަލަ. މަދު ނަސީބުން ފުރިގެންވާ މީހަކަށް ނޫނީ ހާސިލު ނުކުރެވޭނެ އަދި މައިން އެމީހުންގެ ދަރިންނަށް ހޯދަދޭން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ވިސްނަބަލަ. އަހަރެންގެ ހުށަހެޅުން ގަބޫލުކޮށްފިއްޔާ ތިޔަ އާއިލާގެ މީހުންނަށް ކަމަނާއަށް ނުދެވޭނެ ދަރަޖައަކަށް ދެވޭނެ. ތިގޮތަށް ބޮޑާ ހާކަންޏާ ބައްޕައަށްވެސް ދެވެނީ ގެއްލުމެއް ނޫންތަ؟ އެއްބަސްވެއްޖެއްޔާ ބައްޕަގެ ދަރަޖަ މަތިވެރިކޮށް އަހަރެންގެ އެންމެ އަރިސްމީހަކަށް ހަދާނަން....."

ލުޒްރީކްގެ ޖުމްލަތަކާއެކު ފްލޮރިންޑާގެ އެތެރެހަށީގައި އަނދަމުން ދިޔަ ރުޅިވެރިކަން ކޮންމެވެސް ވަރަކަށް ބޭރުވިއެވެ. އެވަރުންވެސް އޭނަ ކެތްކުރިއެވެ. އެކަމަކު ރަސްކަލަކާއި ވާހަކަދައްކަން ޖެހޭ އަދަބުވެރިކަން އޭނަގެ ވާހަކަތަކުން އުނިވިއެވެ.

"ވިއިރު ލުޒްރީކް......" ފްލޮރިންޑާ އޭނަގެ މެޔާއި ދިމާލަށް އިޝާރަތްކުރިއެވެ. " ތި ދައުވާކުރަނީ އަހަންނަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނަކަމަށް އެކަމަކު އަހަންނަށް ހިތާމައާއި މޮޅިވެރިކަން ނޫން އެއްޗެއް ނުލިބޭނެ. ތި ވާހަކަތަކުން އަހަންނަށް ކުޑަމީސްކުރުމާއި މަލާމާތް ނޫން އެއްޗެއް ނުހިމެނޭ. އަހަރެން އެއްބަސްވާނެކަމަށް ހީކޮށް އަހަރެން އެންމެ ނިކަމެތި މަޚުލޫގަކަށް ހަދައިފި.ތި ޚިޔާލު ދޫކޮށް އަހަރެންގެ މަގަށް އަހަރެން ދޫކޮށްލާ. ތިއީ ޝަރަފުވެރި ރަސްކަލެއް އަދި އާރާއި ބާރު ލިބިގެންވާ މުއްސަންޖެއް. އަހަންނަށް މި ނޫން ޖަވާހިރެއް ލިބިފައެއް ނުވޭ. އެވެސް ފޭރިގަންނަން ތިއުޅެނީ؟ ބޭނުންވިއޭ ކިޔާފައި ލިބޭނެހެން ހީވޭތަ؟ " ފްލޮރިންޑާ ތަންކޮޅެއް ހަރުކަށިގޮތަކަށް ވާހަކަދެއްކިއެވެ. "އެއްވެސް މީހަކަށް މި ޖަވާހިރު ނުގެންދެވޭނެ. ދުނިޔޭގެ ހުރިހާ އަގުބޮޑު ގަހަނާތަކަށްވުރެ މާއަގުބޮޑު."

ފްލޮރިންޑާގެ ލަފުޒުތައް ހަތިޔާރަކަށްވެ އޭނަގެ ހިތުގައި ލޭ ކޮށާލިޔަސް އަދި އޭނަގެ ރުޅިވެރިކަން ފައުޅުނުކޮށް ކެތްތެރިވިއެވެ. އޭނައަށްވެސް ހައްގާއި ބާތިލު ވަކިވެ ހަގީގަތް ވިސްނެއެވެ.

"ވީއިރު އެ ފިރިހެންކުއްޖާއަށް އަހަންނަށްވުރެ ކަމަނާގެ މައްޗަށް އޮތް ހައްގު ބޮޑީތަ؟ "

އެ ސުވާލުން އަދި ފްލޮރިންޑާއަށް އޭނަގެ ގޮތުގައި ހުރުމަށް ހިތްވަރު ލިބުނެވެ. މިހާރު އެއުޅެނީ އާލްފްގެ ގަދަރުކުޑަވާގޮތަށް ވާހަކަ ދައްކާށެވެ.

"ކޮންމެ ގޮތަކަށް ކަން ހިނގިކަމުގައި ވިޔަސް އޭނައަކީ އަހަރެންގެ ދިރިއުޅުމުގެ ބޮޑުބަޔެއް. މާތްރަސްކަލާނގެ ޝަރީއަތުގައިވާ ގޮތުން އަހަރެމެން ދެމީހުން އެންގޭޖް ވެފައިވަނީ...."

އެ ކެރޭ ޖަވާބުން ރަސްގެފާނަށް ސިހުމާއި ހައިރާންކަމެއް ލިބި ބަސްހުއްޓިފައި ހުރެވުނެވެ. އޭނަގެ ޟަމީރު އެންގީ ފްލޮރިންޑާއާއިމެދު ހެޔޮކޮށް ހިތުން ދޫކޮށްލުމަށެވެ. ނަމަވެސް އަދި އެންމެ ފަހުގެ ތީރުވެސް ރުވާލާފައެވެ.

"ފްލޮރިންޑާގެ ޅަކަމުން ދައްކާ ވާހަކަތައްހެން ހީވޭ. ވިސްނޭ މީހެއްނަމަ ސްޕެއިންގެ ރަސްގެފާނު ހުއްޓާ އެއްވެސް މަގާމެއް ދަރަޖައެއްނެތް އާދައިގެ ފިރިހެންކުއްޖަކު ނުހޮވާނެ. އެހެންވީމަ އަހަރެން ތިޔަ އަދަބެއްނެތް އަމަލުތަކަށް މާފުދޭން ނިންމައިފިން. އަދި ވިސްނަން ވަގުތުވެސް ދޭނަން. ހޭވެރިކަން ވެ ރަގަޅަށް ވިސްނާފައި މި އިއްޒަތާއި ކަރާމާތަށް އަދި އުފާވެރިކަމަށް އާއެކޭ ބުނޭ. ޚިޔާލީ ފޮލާތަކުގައި ހިފަހައްޓައިގެން ހުރެ ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި މި ރަނުގެ ފުރުސަތު ނަގާނުލާ....އަހަރެން ދޭން އޮތް ނަސޭހަތަކީ މިއީ.."

އޭނަގެ ވާހަކަތަކުން ލުޒްރީކްއަށް އަސަރު ނުކުރިކަން އެނގުމުން ޚިޔާލުތައް އެއްކޮށްލާ ރަސްގެފާނު ދެއްކި ސަބަބުތައް މެދުވެރިކޮށް އޭނަގެ ވިސްނުން ބަދަލުކުރުވަން މަސައްކަތްކުރިއެވެ.

"މާތް ސާހިބާ ތިޔަ ވިދާޅުވަނީ އަޅުގަނޑު ޚިޔާލީ ދުނިޔެއެއްގައި ހުރެ ބޭކާރު ހުވަފެންތައް ދެކެނީ ކަމަށް. އިއްޒަތްތެރި މަހާ ރާނީ ކައިވެނިން ބޭރު ގުޅުމެއް އެހެން ޒުވާނަކާއި ހިންގަވާ ހަޔާތުގެ ބައިވެރިޔަކަށް އޭނަ ހައްދަވައިފިއްޔާ؟ " ފްލޮރިންޑާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ރަސްގެފާނުގެ މޫނު ރަތްވެގެން ދިޔައީ އެ ހަގީގަތުން ކުރި އަސަރަކުންނެވެ. ފްލޮރިންޑާ އޭނައަށް އެ ދެއްކީ ރަގަޅު މިސާލެކެވެ. އެކަމަކު އޭނައަށް ކުރެވުނު މަލާމާތެއްވެސް މެއެވެ. ރުޅިވެރިކަން އޭނަގެ މުޅި ހަށިގަނޑުގައި ހިނގައިލުމާއެކު ފްލޮރިންޑާގެ މޫނުމަތީ ނުޖެހުނީ ކިރިޔާއެވެ. ފްލޮރިންޑާ ހައްޔަރުކޮށް އާލްފްއާއި އޮތް ގުޅުން ކަނޑައިލަންދެން އަނިޔާކުރުމުގެ އަމުރެއް ނުނެރުނީވެސް ކިރިޔާއެވެ. ފްލޮރިންޑާ ދެކޮޅުހަދަނީ އާލްފްދެކެ ވާ ލޯތްބަކުން އަދި ކޮންމެވެސް ދުވަހަކުން އާލްފްބާރުގަދަ މުއްސަންޖަކަށް ވެދާނެކަމުގެ އުއްމީދުގައި ކަމަށް ހީކުރެވި ވަކިން ރުޅިގަދަވިއެވެ. އާލްފްގެ ނިކަމެތިކަމާއި އެއްވެސް ބާރެއްނެތްކަން އަދިވެސް ފްލޮރިންޑާއަށް ވިސްނާ ދެވުނީމަ ސްޕެއިންގެ ރަސްގެފާނުގެ ގާތަށް އަތުވެދާނެކަން ނޭގެއެވެ. އެހުރިހާ އެއްޗެއް އޭނަ ވިސްނަނީ ތެދުވެރި ލޯތްބަކީ ކޮބައިކަމާއި އަބުރުވެރިކަމުގެ މުހިއްމުކަން ވިސްނިފައި ނުވާތީއެވެ. ދެހިތެއް ގުޅުުމަށްފަހު އެއީ ހުރިހާ އުފަލެއްގެ އަސާސްކަން ނޭގޭތީއެވެ. މުއްސަދިކަމާއި މަގާމު އޭގައި ކުޅޭނެ ރޯލެއް ނެތެވެ. އާލްފް ނިކަމެތިކޮށް ދެރަކޮށްލުމުން ފްލޮރިންޑާ އެކަން ހުއްޓާލަފާނެއެވެ.

"ނޭގޭތަ؟ އާލްފަންސޫއަކީ އަހަރެންގެ ޚިދުމަތުގައި ހުރި މީހެއް. އަހަރެން ބޭނުންހާ ކަމެއްކޮށްދޭން އަމުރުކުރަން ހުރި މީހެއް. އަދިވެސް އެކަން އެނގޭހެނެއް ހިޔެއްނުވޭ. އޭނަގެ އަތުގެ ތެރެއިން ރަސްކަން ބީވުމުގެ ކުރިން ހުރި ގޮތަށް ކަންތައް އޮތީހެން ހީވީތަ؟ " ރަސްގެފާނު އާލްފްއާއި ޖައްސައިލާ އިންޒާރުދޭން ފެށުމުން އޭނަގެ ހިތުގައިވާ އަޒުމާއި ލޯބި އިތުރުވުން ނޫންކަމެއް ނުވިއެވެ. އާލްފްއަށް މި އަނިޔާވެރި ރަސްގެފާނުގެ ފަރާތުން ލިބިދާނެ ނުރައްކަލަށްޓަކާ އޭނަ ގަސްތުކުރީ ރަސްގެފާނުގެ ރުޅިވެރިކަން މައިތިރިކޮށް ރީތި ބަހުން ވާހަކަ ދެއްކުމަށެވެ. މި އަނިޔާއިން މާތް ރަސްކަލާނގެ އެމީހުން ސަލާމަތްކޮށްދެއްވާނެއެވެ.

"ތިއީ ތެދަކަށް ވަންޏާ މުއްސަދި އަދި ދަރަޖައިގެ ގޮތުން މޮޅު މީހުންދެކެ ލޯބިވާން މަޖުބޫރުކަމުގައި ވަންޏާ ރަސްގެފާނު އަޅުގަނޑުފަދަ ނިކަމެތި ޚާދިމާއެއް ދެކެ ލޯބިވެ ވަޑައިގެން އެކުއްޖާ ރާނީއަކަށް ހައްދަވާ ދަރަޖައަށް ދިޔައީ ކީއްވެތޯ؟އެއީ އުސޫލު ކަމުގައި ވަންޏާ އަދި އަޅުގަނޑުމެން ފަގީރު ނިކަމެތިން ދެކެ ލޯބިވުން ލާޒިމް ނުކުރަންޏާ ރަސްގެފާނު މިވަގުތު ކުރައްވަން ވީ ކަމަކީ އަޅުގަނޑު ރަސްކަމުގެ ކޮއިލުން ނެރުއްވާ. މަނިކުފާނުގެ ދަރަޖައާއި އިއްޒަތާއި އެކަށީގެންވަނީ އެގޮތް......" ފްލޮރިންޑާގެ ފައިވެސް ރޫރޫއަޅާ ވާގިނެތި ވެއްޓިދާނެހެން ވެސް ހީވިއެވެ. އެހާ ބިރުގަނެ ހާސްކަމާއި ނުތަނަވަސްކަން އޭނަ ވަށައިލިއެވެ. އޭނަ އެކަން ނުދައްކަން އިސްތަށިގަނޑާއި ކުޅެމުން ލުޒްރީކްގެ ޖަވާބެއްގެ އިންތިޒާރުގައި ހުއްޓެވެ.

ރަސްގެފާނަށް ޔަގީންވީ އެހާ ފަސޭހައިން އަދި ފްލޮރިންޑާ ހައްލައިނުލެވޭނެ ކަމެވެ. އެކުއްޖާއަށް ކެއްސެއްދީ އަނިޔާކުރުމުގެ ޚިޔާލު ދޫކޮށް އަދިވެސް ފުރުސަތެއް ދޭން ނިންމިއެވެ. އަލްފަންސޫދެކެ އެހާ ބޮޑަށް އެހިތުގައި ލޯބި އޮތްއރު އަލްފަންސޫ މިރަށުން ބޭރުކޮށް އެހެން ތަނަކަށް އަރުވާލައިފިއްޔާ ފަހަރެއްގައި ފްލޮރިންޑާގެ ހިތް އަތުލެވިދާނެއެވެ. އެހެންވެ ކޮންމެހެން ދާން ޖެހޭ މުހިއްމު ބޭނުމެއް އޮތްކަމަށް ހެދިގެން އެތަނުން ދާން ނިންމިއެވެ.

"އަހަރެން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ޝާހީ ގަނޑުވަރުގައި އެބައޮތްކަން ހަދާންވެއްޖެ. ކަމަނާއަށް ރަގަޅަށް މިވީ. ވިސްނައިލާނެ ފުރުސަތު ލިބުނީ. ރަގަޅު ނިންމުމެއް ނިންމަން ނޭގިއްޖެއްޔާ އަމިއްލަ ނަފުސް ކުށްވެރިކުރަން ޖެހޭނީ......" އިންޒާރުދޭފަދަ ރާގެއްގައި އިއްވައިލި ބަސްތަކަށް ފަހު އޭނަ އެ ކޮޓަރިން ނުކުތީ ފްލޮރިންޑާ ދޫކޮށްލާފައެވެ.

އެ އަނިޔާވެރިޔާގެ ވަކިތަކުން ސަލާމަތް މިވަގުތަށް ނަމަވެސް ވެވުނީތީ އޭނައަށް ލިބުނު ހިތްހަމަޖެހުމާއެކު އަވަސްވެގަތީ ކޮޓަރިއަށް ދިޔުމަށެވެ. އެކަމަކު އެހިސާބަށް ދެވުނުއިރު އަނެއްކާވެސް ހިތާމައާއި މޮޅިވެރިކަން ވަށާލީ ސާލެއްފަދައިންނެވެ. ދޮރުމަތީގައި ހުރި ބޮޑުދައިތަ ކަންބޮޑުވެފައިވާ ނަޒަރަކުން ބަލައިލިއެވެ.

"ކިހިނެއްވީ ފްލޯރާ...."

ފްލޮރިންޑާ ޖަވާބެއް ނުދީ ގޮސް މަސީހުގެ ބުދުގެ ކުރިމައްޗަށް ތިރިވިގޮތަށް ދެއަތް އުފުލައިލިގޮތަށް ދުޢާކުރަން ފެށިއިރު ކަރުނަތައް ދެލޯ ފުރިގެން ފައިބަމުން ދިޔައީ މެދުކެނޑުމެއްނެތިއެވެ. ބޮޑުދައިތަވެސް އޭނަގެ ކައިރީގައި އިށީދެ ކޮންމެ ދުޢާއަކަށް އާމީން ކިއެވެ. ކަރުނަތައް އޮއްސުމުން ނުތަވަސްކަމާއި ހިތްހަމަނުޖެހުން ވަގުތީގޮތުން އޭނައާއި ވަކިވިއެވެ. އޭނަ ވިސްނަމުން ދިޔައީ ލުޒްރީކްގެ ވަކިތަކުން ސަލާމަތްވެ މިނިވަން ވާނެ ގޮތެކެވެ. އޭނަގެ ހާލަތު އާލްފްއަށް އަންގާނެ ގޮތެކެވެ. އޭނަ އަށް އާލްފްގެ ހިމާޔަތް ނުލިބުނިއްޔާ އޭނައާއިމެދު ކަންތައް ވާނެގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

***

ބޮޑުބޭބެ އޮޕާސް ފެނުމުން އާލްފްގެ ލޮލުން ކަރުނަ އައުމާއެކު ޝަކުވާތައް ބަންޑުންކޮށްލިއެވެ.

ނުނިމޭ

comment ކޮމެންޓް