ފަނޑިޔާރު ޝަހީދުގެ ރައުޔު: ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނުނީ ހެޔޮ ނިޔަތް

ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އެމަނިކުފާނު އަމަލު ކުރެއްވި ގޮތުން ފާހަގަވީ އެމަނިކުފާނުގެ ހެޔޮ ނިޔަތް ކަމަށާއި ކުށެއް ކުރުމުގެ ނިޔަތެއް ނެތްކަން ކަމަށް ހައިކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައިވެ އެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019 ގަ އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި އަޑުއެހުންތައް ނިންމާލީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ހުކުމް ކުރުމުގެ އަޑުއެހުން މިއަދު ވަނީ ލައިވްކޮށް ދުރަށް ދައްކައިގެން ކުރިއަށް ގެންގޮސްފަ އެވެ.

ގާތްގަނޑަކަށް ހަ ގަޑިއިރުވަންދެން ކުރިއަށްދިޔަ އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ހުސެއިން މަަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒު ނިންމެވީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓާށެވެ. އެއާ ހިލާފަށް ރައުޔު ނެރުނު ފަނޑިޔާރު ހުސެއިން ޝަހީދު ދިގު ރައުޔެއް ނެރުއްވި އެވެ. އޭނާގެ ރައުޔު އިއްވަން ތިން ގަޑިއިރު ހޭދަވި އެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ގޯސް ކޮށް ކަމަށެވެ. އަދި ރައީސް ޔާމީނަށް އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ތާފާތު ކުރުމުގެ ތެރެއިން ކަމަށް އޭނާ ލިޔުއްވި އެވެ.

ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމަށް ފަހު، އެކަމާ ގުޅިގެން އެމަނިކުފާނު އަމަލު ކުރައްވާފައިވާ ގޮތުންވެސް އެނގެނީ އެމަނިކުފާނުގެ ތެދު ނިޔަތް ކަމަށެވެ.

"މަނީ ލޯންޑާ ކުރުމުގެ އެންމެ އަސާސީ އެއް އުންސުރަކީ އަދި ހުށަހެޅިފައިވާ ދައުވާގައި ދައުލަތުންވެސް ފާހަގަ ކުރާ އެންމެ މުހިންމު އެއް އުންސުރަކީ އަސްލު އޮޅުވާލުން ކަމަށްވާއިރު އިސްތިއުނާފު ކުރާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެ ފަރާތުން އަމަލުކޮށްފައި ވަނީ ތެދު ނިޔަތުގައިކަން ވަރަށް ސާފުކޮށް އެނގެން އޮވޭ،" ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.

އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެމަނިކުފާނު ފައިސާ ބެހެއްޓެވީ އަމިއްލަ އިސްނެގުމަށް ކަމަށާއި އެކަމުންވެސް ތެދު ނިޔަތް އެނގޭ ކަމަށް ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.

އޭގެ އިތުރުން، އެމަނިކުފާނު އެ ފައިސާ އިންވެސްޓްމެންޓް އެކައުންޓަށް ޖަމާ ކުރި އިރު، އެކައުންޓަށް ޖަމާވި ފައިސާ އަނބުރާ ރައްދު ކުރަން އޭސީސީ އިން ވެސް އެހެން ތަނަކުންވެސް ރައީސް ޔާމީނަށް އަންގާފައި ނުވާ ކަމަށާއި، އެ ފައިސާ އަކީ ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓު ކަމަށް އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާ ކަމަށް އެ ރައުޔުގައިވެ އެވެ. އެހެންކަމުން، އެއީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަމެއް އެމަނިކުފާނަށް ޝައްކު ވާން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައިވެ އެވެ.

"އެހެންކަމުން، އިސްތިއުނާފު ކުރާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަމަލުކުރައްވާފައި ވަނީ އެ އަދަދަށްވާ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރަން ކަމަށާއި އެއްވެސް ހާލެއްގައި މަނީ ލޯންޑާ ކުރުމުގެ ނުވަތަ އެ ނޫންވެސް ޖަރީމާއެއް ހިންގުމުގެ ނުބައި ނިޔަތެއް ނެތްކަން އެ މުޅި މުއާމަލާތައް ބެލުމުން އެނގެން އޮވޭ،" ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.

އޭގެ އިތުރުން، އެމަނިކުފާނަށް ކުރި ދައުވާ އަކީ ފުލުހުންގެ ތަހުގީގުގައި ސުވާލު ނުކުރާ ކަމެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް އޭނާގެ ރައުުޔުގައިވެ އެވެ. އަދި ފުލުހުން ސުވާލު ކުރީ އެމަނިކުފާނު ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށާ ގުޅިގެންކަން ފާހަގަކޮށްފައިވެ އެވެ. އެހެންވެ އެއީ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވިފައި ނުވާ އަދި ރައީސް ޔާމީންގެ ހައްގުތައް ގެއްލޭ ގޮތަށް ކޮށްފައިވާ ދައުވާއެއް ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

ރައީސް ޔާމީންގެ މައްސަލައިގައި އަދީބާއި ޒިޔަތާއި މުއައްވިޒްގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.

އޭނާގެ ރައުޔުގައި ވަނީ އިސްލާމީ ޝަރީއަތުގެ ދަށުން، ގަބޫލު ކުރެވޭނީ އަދުލުވެރިންގެ ހެކިބަސް ކަމަށް ފާހަގަކުރައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓުންވެސް މީގެ ކުރިން އެގޮތަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދީބާއި ޒިޔަތަކީ މީގެ ކުރިން ކުށް ސާބިތުވެފައިވާ މީހުންކަންވެސް އެ ރައުޔުގައި ފާހަގަކުރެއްވި އެވެ. އެހެންކަމުން، އެ ދެ މީހުންގެ ހެކިބަސް ދަށު ކޯޓުން ނެގީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާއަކާ ހިލާފަށް ކަމަށްވެސް އެ ރައުޔުގައިވެ އެވެ.

"މި މައްސަލައިގައި ހެކިބަސް އަދާކޮށްފައިވާ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހަކީ ޝަރީއަަތަށް ބަލައިގަނެވޭނެ އަދި އެ ހެކިބަހަށް އެއްވެސް ބުރަދަނެއް ދެވޭނެ ހެކިބަހެއް ނޫންކަން އެނގޭ އިރު އެ މީހުންގެ ހެކިބަސް ކްރިމިނަލް ކޯޓުން ބަލައިގަނެ، އެއަށް ބުރަދަން ދީފައި ވަނީ ސުޕްރީމް ކޯޓުގެ 2012/އެސްސީ-އޭ/1 ގަޒިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ހިލާފަށްކަން އެނގެން އޮވޭ،" ފަނޑިޔާރު ޝަހީދުގެ ރައުޔުގައިވެ އެވެ.

އަދި އެމަނިކުފާނު ޑޮލަރުން ޖޫރިމަނާ ކުރީ ގޯސްކޮށް ކަަމަށްވެސް ކަނޑައަޅާފައިވެ އެވެެ.

comment ކޮމެންޓް