އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ގެއްލިގެން ހޯދި އަހްމަދު އާދަމް މަނިކު --

ކ. މާފުށިން އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ 81 އަހަރުގެ މީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދީ އެރަށު، ޝޭޑީ ގްރޯވ، އަހްމަދު އާދަމް މަނިކު އެވެ. އެމްއެންޑީއެފް އިން ބުނީ އެމީހާ ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓުކުރީ މިއަދު މެންދުރު 2:08 ހާއިރު ކަމަށެވެ.

ސިފައިން ކުރި މަސައްކަތުން މިހާރު އޭނާ ވަނީ ފެނިފަ އެވެ. ފެނުނު އިރު އޭނާގެ ހާލު ރަނގަޅެވެ.

އެމްއެންޑީއެފްއިން ބުނީ އޭނާ ފެނުނީ ރަންނާޅި ރިސޯޓުގެ އިރުމަތިން ކަމަށެވެ. އަދި އޭނާ މިހާރު ކޯސްޓު ގާޑަށް ނަގައި މާފުށްޓަށް ދަތުރުފަށައިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ގެއްލިގެން ހޯދި މީހާއަކީ އަޑުއިވުމާއި ވާހަކަދެއްކުމުން މަހްރޫމްވެފައިވާ މީހެކެވެ.

އަދި އޭނާއަކީ އެއްގޮތަަކަށްވެސް ކުރިން މަހަށް ގޮސް އުޅުނު މީހެއް ނޫން ކަމަށްވެސް މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވިއެވެ. އެ ދޯނީގައި ހުއްޓާ މިއަދު ފަތިހު ފެނުނު ކަމަށް މީހަކު ބުނުމުން، އެމީހާ ގޭގައި އުޅޭތޯ ބެލި އިރު ގޭގައި ނެތް ކަމަށް ވެސް އުސްމާން ރަޝީދު ވިދާޅުވި އެވެ.

އެމީހާ މަހަށް ނުކުތީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އޭނާ ގެއްލިގެން މާފުށީ ކައުންސިލަށް ހުށަހެޅީ މިއަދު ހެނދުނު ނުވައެއް ޖަހާއިރުއެވެ.

ކައުންސިލުން ބުނީ ހެނދުނު ހައެއް ޖަހާކަށްހާއިރު ދޯނީގެ ވެރިފަރާތުން ދިޔަ އިރު އެ ދޯނި ނެތް ކަމަށާއި، އަދި ނުވައެއް ޖެހި އިރުވެސް ދޯންޏަށް ވީގޮތެއް ނޭނގިގެން ކައުންސިލަށް އެންގީ ކަމަށެވެ.

comment ކޮމެންޓް