އިންޑިއާގެ ވެކްސިން ކާރުހާނާގައި ރޯވެއްޖެ، ކޮވިޑް ވެކްސިން އުފެއްދުމަށް ބުރޫ ނާރާނެ

ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ އިމާރާތެއްގައި ވަނީ ރޯވެފަ -- ފޮޓޯ: އޭޕީ

ޕޫނޭ (ޖެނުއަރީ 21): ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ކާރުހަނާ ކަމަށްވާ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި)ގެ އިމާރާތެއްގައި މިއަދު ރޯވެއްޖެ އެވެ.

އެސްއައިއައި އަކީ އިންޑިއާގައި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާގެ ކޮވިޑް-19 ވެކްސިން އުފައްދާ ކާރުހާނާ އެވެ.

އެ އަލިފާނުގެ ހާދިސާއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެސްއައިއައިގެ ސީއީއޯ އަދަރު ޕޫނަވާލާ ވިދާޅުވި ގޮތުގައި އަލިފާން ރޯވީ ރޮޓާވައިރަސްއާ ދެކޮޅު ވެކްސިން އުފައްދާ އިމާރާތެއްގަ އެވެ. އަދި އަލިފާނުގެ އަސަރު ކޮވިޑް ވެކްސިން އުފައްދާ ޔުނިޓަށް ނުފޯރާ ކަމަށާއި އެ ޔުނިޓަށް ގެއްލުން ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޮވިޑް ވެކްސިން އުފައްދާ ޔުނިޓަށް ގެއްލުމެއް ނުލިބޭ އަދި އެ ޔުނިޓު ހުރީ އަލިފާނުގެ އަސަރު ކުރާ ހިސާބެއްގައެއް ނޫން. ނަމަވެސް އަލިފާނުގެ ސަބަބުން ރޮޓާވައިރަސް ވެކްސިންގެ 30-40 ޕަސެންޓު ސަޕްލައިއަށް ބުރޫ އަރާނެ،" ޕޫނަވާލާ ވިދާޅުވި އެވެ.

ޕޫނަވާލާ އިތުރަށް ވިދާޅުވި ގޮތުގައި އެ ހާދިސާގައި އިމާރާތަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކު މަރުވެ، އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މީގެ އިތުރުން ޕޫނޭގެ ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި އަލިފާން ރޯވި އިމާރާތުގައި ތިބި އެންމެން މިހާރު ވަނީ ނެރެފަ އެވެ. އަދި އެއް ގަޑި އިރު ތެރޭ އަލިފާންގަނޑު ނިއްވާލެވޭނެ އެވެ.

އިންޑިއާއިން ވަނީ އެގައުމުގައި އުފައްދާ އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން އާއި އެގައުމުގެ ބާރަތު ބަޔޯޓެކްއިން އުފެއްދި ކޯވެކްސިން އެގައުމުގައި ބޭނުން ކުރަން މިމަހުގެ ހަތަރެއްގައި ހުއްދަ ދީފަ އެވެ. އަދި އެ ދެ ވެކްސިން މީހުންގެ ގަޔަށް ޖެހުމުގެ ޕްރޮގްރާމް މިދިޔަ އާދިއްތަ ދުވަހު ވަނީ ފަށާފަ އެވެ.

މީގެ އިތުރުން އިއްޔެ އިންޑިއާއިން ވަނީ އެގައުމުގައި އުފައްދާ އެސްޓްރާޒެނެކާގެ ވެކްސިން އަވަށްޓެރި ގައުމުތަކަށް އެކްސްޕޯޓު ކުރަން ފަށާފަ އެވެ. އެގޮތުން މިހާތަނަށް އެގައުމުން ވަނީ ރާއްޖެ އާއި ބޫޓާން އާއި ނޭޕާލް އާއި ބަންގުލަދޭޝްއަށް ވެކްސިންގެ ޑޯޒްތައް ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް