އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޕްރޮޖެކްޓެއް ކުރިއަށްގެންދަނީ

އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

އަންހެނުންނަށާއި އަންހެން ކުދިންނަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އދ. އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

"ޕްރޮޓެކްޓިން ވިމެން އެންޑް ޗިލްޑްރަން: ޑިޖިޓަލައިޒިން އެންޑް ސްޓްރީީމް ލައިނިން ސޯޝަލް ސާވިސަސް އެންޑް ކްރިއޭޓިން އަ ޔުނިފައިޑް ޕްލެޓްފޯމް ފޯ ނޭޝަނަލް ކެއާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސަރުކަރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އދ. ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ކެތްރީން ހޯސްވެލް އެވެ.

މި އެއްބަސްވުމުގެ ދަށުން ކޮވިޑް19އާ ގުޅިގެން ރާއްޖެ އަށް ދިމާވެފައިވާ އިޖުތިމާއީ ގޮންޖެހުން ތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އިތުރު ބާރަކަށް ވާނެ އެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތުގައި މި ޕްރޮޖެކްޓު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މި ޕްރޮޖެކްޓަށް ފަންޑު ކުރާނީ އދ.ގެ ކޮވިޑް19 ރެސްޕޮންސް އެންޑް ރިކަވަރީ މަލްޓި ޕާޓްނާ ޓްރަސްޓު ފަންޑުންނެވެ. މި ޕްރޮޖެކްޓު އިމްޕްލިމެންޓު ކުރާނީ އދ.ގެ ދަށުން ހިންގާ ޖަމާއަތްތަކާއި ދިވެހި ސިވިލް ސޮސައިޓީ ގުޅިގެން ކަމަށާއި ޕްރޮޖެކްޓަށް އދ. އިން 452,500 ޑޮލަރު ހަރަދު ކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތުގެ އިތުރުން މުޖުތަމައުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ފުރައްސާރަ އަދި އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރުމުމުގެ އިތުރުން އިންކްލޫސިވް އަދި ސަސްޓެއިނެބަލް ސޯޝަލް ސިސްޓަމެއް ގާއިމްކޮށް ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ އދ.ގެ މަލްޓި ޕާޓްނާ ޓްރަސްޓު ފަންޑުން ދެ ވަނަ ފަހަރަށް ރާއްޖެ އަށް އެހީތެރިވެދިންކަން ފާހަގަ ކުރައްވާ އެކަމަސް ޝުކުރު އަދާކުރައްވައިފަ އެވެ.

comment ކޮމެންޓް