ފުލުހުންނަށް ހުށަހެޅި ޖިންސީ އަދި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެއްޖެ

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކުރުވާ ޕޯސްޓަރެއް-- ފޮޓޯ: ޔޫއެންޑީޕީ

ދެހާސް ނަވާރަ ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތައް މަދުވެފައިވީ ނަމަވެސް މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެފައިވާކަން ހާމަވެއްޖެ އެވެ.

ފުލުހުންގެ ތަފާސް ހިސާބަށް ބަލާއިރު، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 16،482 މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ.

ނަމަވެސް ހުސްވި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހުށަހަޅާފައި ވަނީ 12،787 މައްސަލަ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެެރެއިން މާލެ ސަަރަހައްދުން ހުށަހަޅާފައި ވަނީ 8060 މައްސަލަ ކަމަށެވެ. މިދިޔަ އަހަރު އަތޮޅުތަކުން 4727 މައްސަލަ ހުށަހަޅާފައިވެ އެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކަށް ބަލާލާއިރު، ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމާއި މާރާމާރީގެ މައްސަލަތަކުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ޓްރެފިކްގެ މައްސަލަތައް ވެސް މިދިޔަ އަހަރު ވަނީ މަދުވެފަ އެވެ.

އެގޮތުން މާރާމާރީގެ 661 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި އިރު 2019 ވަނަ އަހަރު ހުށަހެޅީ އެބާވަތުގެ 633 މައްސަލައެކެވެ. ވައްކަމުގެ 3581 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި އިރު 2019 ވަނަ އަހަރު ހުށަހެޅީ 4551 މައްސަލަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު 2186 މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް މިދިޔަ އަހަރު ހުށަހެޅީ މަސްތުވާތަކެތީގެ 1425 މައްސަލަ އެވެ.

މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކަށް ބަލާއިރު، 2019 ވަނަ އަހަރު 467 މައްސަލަ އަދި މިދިޔަ އަހަރު 394 މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، ބިރުދައްކައިގެން ފައިސާ ފޭރުމުގެ 11 މައްސަލައެއް މިދިޔަ އަހަރު ވަނީ ހުށަހަޅައިފަ އެވެ. އަދި ހަތިޔާރު ބޭނުންކޮށްގެން ފައިސާ ފޭރުމުގެ ނުވަ މައްސަލައެއް ވެސް ހުށަހަޅާފައި ވެއެވެ. ފޭރުމުގެ އެހެނިހެން 449 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅި އިރު، މިދިޔަ އަހަރު އެފަދަ 328 މައްސަލަ ހުށަހެޅި އެވެ.

މިދިޔަ އަހަރު ޓްރެފިކް އެކްސިޑެންޓްގެ 1390 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ޓްރެފިކް އެކްސިޑެންޓް ތަކުގައި 2019 އަހަރު ފަސް މީހަކު މަރުވި އިރު، މިދިޔަ އަހަރު މީހަކު މަރުވެފައެއް ނުވެ އެވެ. އަދި ކަނޑުމަތީގެ އެކްސިޑެންޓްގެ 86 މައްސަލައެއް ވެސް މިދިޔަ އަހަރު ހުށަހެޅި އެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ބަދުއަހުލާގީ މައްސަލަތަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން ކައުންޓާ ފީޑް ފޯޖަރީގެ މައްސަލަތަކާއި، މަކަރާ ހީލަތުގެ މައްސަލަތައް ހުށަހެޅި އަދަދު މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން 2019 ވަނަ އަހަރު ބަދުއަހުލާގީ މައްސަލަތަކުގެ 411 މައްސަލައެއް ފުލުހުންނަށް ހުށަހެޅި އިރު، މިދިޔަ އަހަރު އެބާވަތުގެ 490 މައްސަލައެއް ހުށަހެޅި އެވެ. އަދި ޖިންސީ ފުރައްސާރައިގެ 38 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅި އިރު މިދިޔަ އަހަރު 72 މައްސަލައެއް ހުށަހެޅި އެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު ހުށަހެޅީ، 219 މައްސަލައެކެވެ. ނަމަވެސް މިދިޔަ އަހަރު ގެވެށި އަނިޔާގެ 245 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

މިދިޔަ އަހަރު ކައުންޓާ ފީޑް ފޯޖަރީގެ 108 މައްސަލައަކާއި މަކަރާއި ހީލަތުގެ 609 މައްސަލަ ހުށެހެޅި އެވެ. އޭގެ ކުރީ އަހަރު ހުށަހެޅީ ކައުންޓާ ފީޑް ފޯޖަރީގެ 87 މައްސަލައަކާއި މަކަރާއި ހީލަތުގެ 498 މައްސަލައެކެވެ.

ފުލުހުންނަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތަފާސް ހިސާބަށް ބަލާއިރު، އެކި މައްސަލަތަކާ ގުޅިގެން 2019 ވަނަ އަހަރު 3327 މީހުން ހައްޔަރުކޮށްފައިވާއިރު، ފާއިތުވި އަހަރު 3849 މީހުން އެކި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވެ އެވެ.

އޭގެއިތުރުން ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަތަކުގެ އަދަދު ވެސް 2020 ގައި ވަނީ އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި އަހަރު 1724 މައްސަލައެއް ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

comment ކޮމެންޓް