ވެލެންސިއާގެ "މައި ތަނބު" އަނިޔާގައި ހުރުމުން ކޯޗު އާތީގެ ކަންބޮޑުވުން

ވެލެންސިއާއާއި ދަ ގްރާންޑޭ ކުޅުނު މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) އިދިކޮޅު ޓީމު ކުޅުންތެރިއެއް ގާތުން ނައްޓާލަނީ --- ފޮޓޯ// އެފްއޭއެމް

ކްލަބް ވެލެންސިއާގެ މައި ތަނބު ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) މިވަގުތު އަނިޔާގައި ހުރުމަކީ ޓީމަށް ދިމާވެފައިވާ ބޮޑު ދަތިކަމެއް ކަމަށާއި، ބޭނުންވަނީ އޭނާއަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރިކަވާވެގެން މެޗުތަކުގައި ކުޅުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ކުރީ ސީޒަނުގައި ގްރީންސްޓްރީޓްސްއާއި ޓީސީ ސްޕޯޓްސް ކުލަބުން ފެނުނު އަޝްފާގު މި ސީޒަނުގައި ވެލެންސިއާއަށް ކުޅެން އެ ޓީމާއި ގުޅުނީ ލީގު ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. އެއާ އެކު ވެލެންސިއާއިން އަޝްފާގު، އެ ޓީމުގެ "މައި ތަނބު" ގެ ގޮތުގައި ބަހައްޓައިގެން ލީގާއި ކުރިމަތިލި އިރު، އޭނާ ވަނީ ފަސް ގޯލު މިހާތަނަށް ޖަހައިފަ އެެވެ.

ރަނގަޅު ފޯމެއްގައި ކުޅެމުން ދިޔަ އަޝްފާގަށް ފުރަތަމަ އަނިޔާވީ މި މަހުގެ ކުރީކޮޅު ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ގޯލެއް ވެސް ޖެހި އަޝްފާގަށް ލިބުނު އަނިޔާއާ ގުޅިގެން އެ މެޗުގައި އޭނާ ބަދަލު ކުރި އިރު، އެ ފަހުން ދަ ގްރާންޑޭއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގައި ވެސް އެ ޓީމުން މެޗު ފެށީ އަޝްފާގު ނުލަ އެވެ. އެހެން ނަމަވެސް ދަގްރާންޑޭ ލީޑުގައި އޮތް ވަގުތު، ފަހު ހާފުގައި އަޝްފާގު ވަނީ ކުޅެން ނުކުމެ ގޯލެއް ޖަހައި، ޕެނަލްޓީއެއް ވެސް ހޯދައިދީފަ އެވެ.

އަނިޔާގައި ހުރެގެން ވެސް އާދައިގެ ކުޅުންތެރިއަކަށް ވުރެން ތަފާތުކޮށް އަޝްފާގުގެ ކުޅުން ފެނުނު ނަމަވެސް އޭނާ އެއްކޮށް ފިޓްނޫން ނަމަ މެޗުގައި އެއްވެސް ވަރަކަށް ކުޅުވަން ބޭނުން ނުވާ ކަމަށް ކޯޗު އާތީ ވަނީ ބުނެފަ އެވެ.

"ވެލެންސިއާގައި އެބައުޅޭ... އަޅުގަނޑުމެންގެ މައި ތަނބު ކަމުގައިވާ އަލީ އަޝްފާގު އަނިޔާގައި ހުރުމުން ޓީމުގައި ކުޑަ އުނދަގޫތަކެއް އެބަހުރި. އެެހެން ނަމަވެސް ވެލެންސިއާ ޖެހޭނީ ވަކި ޕްލޭޔަރުން ނުލައި ވެސް ކުޅެން،" އާތީ ބުންޏެވެ.

އާތީ ބުނީ އަޝްފާގަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށެވެ. އަދި އަނިޔާ ސީރިއަސް ނަމަ ކުރީ މެޗުގައި އަޝްފާގު އެއްވެސް ގޮތަކަށް ނުކުޅޭނެ ކަމަށެވެ.

"އަޝްފާގު (ދަގަނޑޭ)ގެ އިންޖަރީ ދެން ޓެސްޓްތަކެއް ހަދާފައި ގޯސްނުވީމަ ކަންނޭނގެ އެންމެ ފަހުން މެޗުގައި ވެސް ކުޅެން އެ އެރީ. އެހެން ނަމަވެސް އެއް މެޗަށް ވުރެން މުޅި ލީގަށް ވިސްނާތީވެ އަޝްފާގު ނުކުޅެވޭތޯ މި ބަލަނީ. އެހެން ނަމަވެސް ކުރިން މެޗުގައި ވެސް ރިޒަލްޓް އައި ގޮތަކުން އަޝްފާގު މި ލީ. މި ވަގުތު އަޝްފާގު ހުރީ ކުޑަ ވަގުތު ކޮޅެއްގައި ކުޅެލެވޭ ވަރުގެ އިންޖަރީއެއްގައި. އަހަރެމެން މި ބަލަނީ މެޗު ނުކުޅެ ރިކަވާ ކުރެވޭތޯ. ބޭނުމީ އޭނާ ރިކަވާވެގެން މެޗު ކުޅުވަން،" އާތީ ބުންޏެވެ.

ލީގުގެ ދެވަނައިގައި އޮތް ވެލެންސިއާ މިއަދު ސުޕަ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ އިރު، އާތީ ބުނީ ލީގުގައި ބައްޔަކަށްފަހު އަންނައިރު، އެންމެ މުހިންމު ކަމަކީ ކުރިއަށް އޮތް މެޗަށް ކުޅުންތެރިން މެންޓަލީ ތައްޔާރުވުން ކަމަށެވެ.

އަދި ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު ހުންނާނީ އެއް ހަމައެއްގައި ކަމަށާއި، މިދިޔަ މެޗުން ބަލިވިއިރު، އެކަމުގެ ސަބަބުން އަސަރުކުރާނީ އެ ކުޅުންތެރިން ސައިކޮލޮޖިކަލީ ތައްޔާރުވެފައި ތިބި މިންވަރަކަށް ކަމަށްވެސް އާތީ ބުންޏެވެ. އެހެންކަމުން މިއީ ވެލެންސިއާގެ ކޯޗުންނަށްވެސް އައު ތަޖުރިބާއަކަށް ވެގެންދާނެ ކަމަށްވެސް އާތީ ވަނީ ބުނެފައެވެ.

"ވިނިން ސްޕިރިޓެއްގައި ޓީމު އަންނައިރު އެ މީހުން (ކުޅުންތެރިން) ކުޅޭގޮތާއި ބައްޔެއް ވެގެން ޓީމު ކުޅެން އަންނަ ގޮތާ ހުރިހާ އެއްޗެއް ފެންނާނެ މި މެޗުން. ކުޅުންތެރިން ސައިކޮލޮޖިކަލީ ކިހާ ވަރަކަށްތޯ ތައްޔާރުވެފައި މި އިނީ އެ ވެސް އެނގޭނެ. އަހަރެމެންނަށް މިއީ ވަރަށް ރަނގަޅު އެކްސްޕީރިއަންސެއް. ބޭނުންވަނީ ވެލެންސިއާ ބައްޔަކަށް ފަހު އެނބުރި އަންނަނީ ކިހިނެއްތޯ ބަލާލަން."

comment ކޮމެންޓް