ސަަސް ގަދަ ކުރަން މޯހަންއަށް ތިން އަހަރު

ސަސްގެ އައު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) --- އެފްއޭއެމް

މިފަހަރުގެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަން ފެށި ސުޕް ޔުނައިޓެޑް ސްޕޯޓްސް (ސަސް) މީހުން ބަލައިގަންނަ، ފެންވަރު ރަނގަޅު ކުލަބަކަށް ހެދުމަށް އެ ޓީމާއި އަލަށް ހަވާލުވި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަށް ތިން އަހަރުގެ މުއްދަތެއް ދީފި އެވެ.

ސަސްއިން ސީޒަނާ ކުރިމަތިލީ ގަދަ ހައެއްގައި ލީގު ނިންމާލަން އަމާޒުހިފައިގެންނެވެ. އެގޮތުން އެ ޓީމުގެ ކުރީގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ގެ އިރުޝާދުގެ ދަށުން ސަސްއިން މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކިއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ސަސް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންނެވެ.

އެހެން ނަމަވެސް އެންމެ ފަހުން ޔޫވީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނާދުގެ އެއްބަސްވުން އުވާލައި، ސަސްއިން ވަނީ އެ ޓީމުގެ ކޯޗަކަށް މޯހަން ހަމަޖައްސާފައެވެ. މޯހަން ސަސްގެ ކޯޗުގެ މަގާމާ ހަވާލުވިއިރު، އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ.

ގަދަ ހައެއްްގެ ޓާގެޓާ އެކު މިފަހަރުގެ ސީޒަނާ ކުރިމަތިލީ ސަސްއިން މޯހަންއަށް ދީފައިވަނީ ތިންއަހަރުގެ ދިގު ކޮންޓްރެކްޓެކެވެ. ކުރިން އީގަލްސް ކޯޗެއްގެ ގޮތުގައި ވެސް އަހަރުތަކެއް މަސައްކަތް ކުރި މޯހަން ބުނީ ސަސްގެ މެނޭޖްމަންޓުން ބޭނުންވަނީ ގިނަ ޕާސްތަކެއް ކޮށްގެން ކުޅޭ ރީތި ފުޓްބޯޅައެއް ކުޅެގެން ނަތީޖާ ނެރުން ކަމަށާއި އެކަމަށް ފޯކަސްކޮށްގެންނާއި މުސްތަގުބަލަށް ވިސްނައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ތިން އަހަރު ތެރޭ ނޫނީ މި ސީޒަން ވެސް ނިމޭ ހިސާބަށްދާއިރު އަޅުގަނޑަށް ކޮންމެވެސް ހިސާބަކަށް މި ބަދަލު އަންނަކަމުގެ އަލިކަމެއް ދެއްކެންޖެހޭނެ. ދެން ދެ އަހަރުވާއިރު އޭތި ރަނގަޅަށް ފެންނަން ޖެހޭނެ. ތިން ވަނަ އަހަރެއްގައި ލީގަށް ތަށްޓައް ވާދަކުރެވޭނެ ޓީމަކަށް ސަސް ހަދަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެ އުއްމީދާ އެކީގައި ހަވާލުވެ މި ހުރީ،" މޯހަން ބުންޏެވެ.

މޯހަން ބުނީ ސީޒަން ފެށުމުގެ ކުރިން ވެސް ސަސް އިން އޭނައަށް ހުށަހެޅި ކަމަށާއި އަދި އެހެން ކުލަބުތަކުންވެސް ހުށަހެޅުންތައް އަބަދުވެސް އަންނަ ކަމަށެވެ. ކުލަބުތަކުން އޭނަ އަށް ކުރާ އިތުބާރާ މެދު ހިތްހަމަޖެހި އުފާވާ ކަމަށް މޯހަން ބުންޏެވެ.

އީގަލްސްއަށް ތާރީހުގައި ވެސް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ މޯހަންގެ ކޯޗުކަމުގަ އެވެ. އެއީ މިދިޔަ ސީޒަނުގައި އެންމެ ތިން މެޗުން ބަލިވުމާ އެކު، ލީގުގެ ރަނަރަޕްކަން ލިބި އޭއެފްސީއަށް ކޮލިފައިވުމެވެ. އަދި އެހެންމެ މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއިން ދެ ގޯލު ޖަހައިފައިވަނިކޮށް ފަހަތުން އަރައި އީގަލްސް ވަނީ ތިން ގޯލު ޖެހުމަށްފަހު އެ މެޗު ކާމިޔާބުކޮށްފަ އެވެ.

އެކަމަކު އެ މެޗަށްފަހު އީގަލްސްގެ ކުޅުން މެޗަކަށްފަހު މެޗެއް ދަށްވެ، އީގަލްސް އިން މޯހަން ވަކިވިއިރު އެ ޓީމު އޮތީ އަށް ޓީމު ވާދަކުރާ ލީގުގެ ހަތް ވަނައިގަ އެވެ. އޭނާ ވަނީ އެ ޓީމުގެ ނަތީޖާތަކުގެ ޒިންމާނަގާ ކަމަށް ބުނެފަ އެވެ.

"އަދިވެސް އަޅުގަނޑު ގަބޫލު ކުރާ ހިތްވަނީ ކުޅުންތެރިންނަށް ބަލާއިރު އީގަލްސް އަކީ ލީގްގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު. އަޅުގަނޑު ގަބޫލު ކުރާ ހިތްއޮތީ އީގަލްސްގައި އަޅުގަނޑަށް ކުރެވުނު މަސައްކަތް ހުރިހާ އެންމެންވެސް ބަލައިގަންނާނެ ކަމަށް. ލީގަށް ޗެލެންޖު ކުރެވޭ ވަރުގެ ޓީމަކަށް އީގަލްސް ބަދަލު ކުރެވުނު ކަމަށް."

މޯހަންގެ ކޯޗުކަމުގައި ސަސްއިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ހަވީރު 4:00 ޖަހާއިރު އެވެ.

comment ކޮމެންޓް