ބައިޑެން "މުސްލިމް ބޭން" އުވާލައްވާ، ބޯޑަރު ފާރު ރޭނުން ހުއްޓުމަކަށް ގެންނަވައިފި

އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑެން އާއި އަނބިކަނބަލުން ޑރ. ޖިލް ބައިޑެން -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖެނުއަރީ 21): އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ ރައީސް ޖޯ ބައިޑެން އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަވައިފި އެވެ.

ބައިޑެންގެ ޓީމުން ބުނި ގޮތުގައި "ޓްރަމްޕްގެ ސަރުކާރުން ލިބުނު އެންމެ ބޮޑު ގެއްލުންތަކުން އަރައިގަތުމަށް" އަޅާ ފިޔަވަޅުތަކެއްގެ ގޮތުން ރައީސް ވަނީ މިހާރު 15 އަމުރެއްގައި ސޮއި ކުރައްވާފަ އެވެ. އަދި ބައިޑެން ވިދާޅުވި ގޮތުގައި އެ ބަދަލުތައް ގެނައުމުގައި "އެއްވެސް ވަގުތެއް ބޭކާރު ގޮތުގައި ހޭދަ ކުރެވޭކަށް" ނެތެވެ.

"އަޅުގަނޑު މިއަދު ސޮއި ކުރާ ބައެއް ރިޔާސީ އަމުރުތަކުން ކޮވިޑް ކާރިސާގެ ހާލަތު ބަދަލު ކުރުމަށް އެހީ ލިބޭނެ، އަޅުގަނޑުމެން މީގެ ކުރިން މަސައްކަތް ނުކުރާ ގޮތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މިހާރު މަސައްކަތްކޮށް، ނަސްލީ ހަމަހަމަކަން ކުރިއަރުވާ، އެކަށީގެންވާ ވަރަށް އެހީ ނުލިބޭ ކޮމިއުނިޓީތަކަށް އެހީތެރިވެދެވޭނެ،" ބައިޑެން ވިދާޅުވި އެވެ.

ބައިޑެން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، މުސްލިމުންގެ އާބާދީ ބޮޑު ހަތް ގައުމެއްގެ މީހުން އެމެރިކާއަށް ދިޔުން މަނާ ކުރަން ޓްރަމްޕް 2017 ވަނަ އަހަރު ސޮއި ކުރެއްވި އަމުރެއް އުވާލުން ހިމެނެ އެވެ.

އެ ފުރަތަމަ އަމުރުގައި އޮތީ އީރާން، އިރާގް، ސީރިއާ، ޔަމަން، ސޯމާލިއާ، ސޫދާން އަދި ލީބިޔާގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރުމަށެވެ. ނަމަވެސް އެއީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ބުނެ، އެ އަމުރު ތަންފީޒު ކުރުމަށް ކޯޓުތަކުން އެކި ފަހަރު މަތިން ހުރަސް އެޅުމުން އެ އަމުރަށް ދެ ފަހަރަކު ވަނީ ބަދަލު ގެނެސްފަ އެވެ.

އޭގެ ފަހުން 2018އިގައި އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އެ ބަދަލުތައް ގެނެސްފައިވާ އަމުރެއް ތަންފީޒު ކުރުމަށް ހުއްދަ ދީފަ އެވެ. އެ އަމުރުގައި އެމެރިކާއަށް ވަނުން މަނާ ކުރަނީ އިރާން، އުތުރު ކޮރެއާ، ސީރިއާ، ލީބިޔާ، ޔަމަން، ސޯމާލިއާ އަދި ވެނެޒުއޭލާގެ ރައްޔިތުންނެވެ.

މީގެ އިތުރުން ބައިޑެން ވަނީ އެމެރިކާ އާއި މެކްސިކޯގެ ބޯޑަރުގައި ފާރު ރޭނުމަށް ފައިސާ ހޯއްދެވުމަށް ޓްރަމްޕް އިއުލާން ކުރެއްވި އެމާޖެންސީ އަމުރު ބާތިލު ކުރައްވާ، ފާރު ރޭނުން ހުއްޓާލަން އަމުރު ކުރައްވާފަ އެވެ. އެ ފާރު ރޭނުމަކީ ގަވާއިދާ ހިލާފަށް އެމެރިކާއަށް މީހުން ހިޖުރަ ކުރުން ހުއްޓުވުމަށް ކަމަށް ވިދާޅުވެ، ޓްރަމްޕް ރިޔާސީ ކެމްޕޭން ތެރޭގައިވެ ވަޑައިގަތް ވައުދެކެވެ.

ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާއިން އަނެއްކާވެސް ޕެރިސް މުއާހަދާގައި ބައިވެރިވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯޯ)އިން ވަކިވުމަށް ކުރީގެ ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓާލާނެ އެވެ. އަދި އެމެރިކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން އެގައުމުގެ ހުރިހާ ފެޑެރަލް އިމާރާތްތަކުގައި 100 ދުވަސް ވަންދެން މާސްކު އަޅަން ވަނީ އަމުރު ކުރައްވާފަ އެވެ.

ޓްރަމްޕްގެ ސަރުކާރުން ޕެރިސް މުއާހަދާއިން ވަކިވާން ނިންމީ އޭގެ ސަބަބުން އެގައުމުގެ އިގުތިސާދަށް ގެއްލުންވާ ކަމަށް ބުނެ އެވެ. އަދި އެގައުމުން ޑަބްލިޔުއެޗްއޯއިން ވަކިވާން ނިންމީ އެއީ ޗައިނާގެ ނުފޫޒު ހިނގާ ޖަމްއިއްޔާއެއްކަމަށާއި އެޖަމްއިއްޔާއިން ކޮވިޑް-19 އާބެހޭ މައުލޫމާތު ދުނިޔޭގެ ގައުމުތަކަށް ދިނުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ރައީސް ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވެވަޑައިނުގަންނަވަ އެވެ. އަދި އެ ރަސްމިއްޔާތު ފެށުމުގެ ކުރިން ޓްރަމްޕް ވަނީ ވޮޝިންޓަން ޑީސީ ދޫކުރައްވާ ފްލޮރިޑާއަށް ވަޑައިގަންނަވާފަ އެވެ.

comment ކޮމެންޓް