އެމްޑަބްލިއުއެސްސީގެ ރިހި ޔޫބިލް ފާހަގަ ކުރަން ހެދި ފޮތެއް ރައީސަށް އަރުވައިފި

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝާހު އެ ކުންފުނީގެ ހާއްސަ ފޮތް ރައީސަށް އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ދިގު ތާރީހުގެ މައްޗަށް ބިނާކޮށް އެކުލަވައިލާފައިވާ ފޮތެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ހަދިޔާކުރައްވައިފި އެވެ.

މިއަދު ރައީސަށް ހަދިޔާކޮށްފައިވާ ފޮތަކީ އެމްޑަބްލިއުއެސްސީގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ދިގު ތާރީހުގެ މައްޗަށް ބިނާކޮށް ޝާއިއުކޮށްފައިވާ ފޮތެކެވެ. އެ ފޮތުގައި އެ ކުންފުނީގެ 25 އަހަރުގައި ހާސިލްކޮށްފައިވާ ފާހަގަކޮށްލެވޭ ލަނޑުދަނޑިތަކުގެ ތަފްސީލުތައް ހިމަނާފައިވެއެވެ.

އެގޮތުން، 1902 ވަނަ އަހަރުން ފެށިގެން މާލޭގެ ފެނާއި ފާހާނާކުރުމުގެ ނިޒާމުގެ ހާލަތު އެކި ދުވަސްވަރުގެ މަތިން ބަދަލުވަމުން އައިސްފައިވާ ގޮތުގެ މައުލޫމާތާއި، ފެނާއި ނަޖިހުގެ ހާލަތާމެދު މާލޭގައި އެންމެ ފުރަތަމަ ކުރެވުނު އިލްމީ ދިރާސާ ރިޕޯޓާއި، އެކި ދައުރުތަކުގައި މާލޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތާ ބެހޭ މައުލޫމާތު އެ ފޮތުގައިވެ އެވެ.

އެ ފޮތް ރައީސް ސޯލިހަށް އަރުވާފައި ވަނީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝާހެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެމްޑަބްލިއުއެސްސީއަކީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގިނަ ރަށްތަކެއްގެ ރައްޔިތުންނަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދެމުންދާ ކުންފުންޏެއްކަން ރައީސް އެ ބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ.

އަދި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ ފެނާއި ނަރުދަމާގެ އެކިއެކި މަޝްރޫއުތަކަކީ، ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގަމުންދާ މަޝްރޫއުތަކާއި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް އެމަނިކުފާނު ވާހަކަަފުޅުދެއްކެވި އެވެ.

comment ކޮމެންޓް