ކޮންމެ ގައުމަކުން ވައިރަސް އަޔަސް، ވެކްސިން ދިނީ އިންޑިއާއިން: ސަފީރު

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކޮވިޑް19 ވައިރަސް ރާއްޖެ އައީ ދުނިޔޭގެ ކޮންމެ ގައުމަކުން ކަމުގައި ވީނަމަވެސް، އެ ވައިރަހަށް ވެކްސިން ފޯރުކޮށްދިނީ އިންޑިއާ އިން ކަމަށް، އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ހަދިޔާ ކުރި އެއް ލައްކަ ޑޯޒް ވެކްސިން ރާއްޖެ ގެނައުން ފާހަގަ ކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ މިއަދަކީ ރާއްޖެއަށް އުފާވެރި ދުވަހެއް ކަމަށެވެ.

އަދި މިއަދު އެއާ އިންޑިއާ ފްލައިޓުގައި ރާއްޖެއަށް ފޯރުކޮށްދިނީ "އުންމީދެއް" ކަމަށެވެ. އަދި ވެކްސިނާއެކު، އެންމެ ގޯސް ހާލަތުން އަރައިގަނެ، އާންމު ހާލަތަށް ދިއުމަށް މިއަދު ދަތުރު ފެށިގެން ގޮސްފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ އިންޑިއާ އަކީ މުޅި ދުނިޔޭގެ ވެސް ބޭސްފިހާރަ ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ވެކްސިންގެ 60 ޕަސެންޓު އުފައްދަނީ އެ ގައުމުން ކަމަށެވެ.

އަދި އިންޑިއާގެ ސެރަމް އިންސްޓިޓިއުޓަކީ ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އިންސްޓިޓިއުޓް ކަމަށާއި، 170 ގައުމެއްގެ 65 ޕަސެންޓު ކުޑަކުދިންނަށް އެ އިންސްޓިޓިއުޓުން އުފައްދާ ކޮންމެސް ވެކްސިނެއް ފޯރުކޮށްދޭ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް މިއަދު މި ގެނައި އެއް ލައްކަ ޑޯޒް އާއެކު، ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި، އުމުރުން ދުވަސްވީ ބޭފުޅުންނާއި އަދި އެހެނިހެން ބަލިތައް ހުންނަ ފަރާތްތަކަށް މިހާރުން މިހާރަށް ބޭނުންވާ ވަރު ވާނެ ކަމަށް،" ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމުގައި އިންޑިއާ އިން އިންސާނިއްޔަތުކަން ކުރިއަށް ނެރޭ ކަމަށެވެ. އަދި ބޮޑެތި ގައުމުތަކުން ގިނަ އަދަދުން ވެކްސިން ގަނެ، ފޮރުވުމުގެ ނަތީޖާއަކަށް ވާނީ، ފަގީރު ގައުމުތަކުގައި ތިބި އަދި ރައްކާތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ވެކްސިން ނުލިބުން ކަން ސަފީރު ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން މިފަދަ ދަތި ދަނޑިވަޅެއްގައި ވެސް އިންޑިއާ އިން އަވަށްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަން ދޭތީ އެކަމާ ފަޚުރުވެރިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ރާއްޖޭގެ އިތުރުން، ބޫޓާން، ބަންގްލަދޭޝް، ސޭޝެލްސް، މިޔަންމާ، ނޭޕާލް، ސްރީލަންކާ، މޮރިޝަސް އަށް ވެސް އިންޑިއާއިން ވެކްސިން ފޯރުކޮށްދޭނެ އެވެ.

ސަފީރުގެ ވާހަކައިގައި ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ޒަމާންވީ ވަރުގަދަ ގުޅުމަށް ވެސް އަލިއަޅުވާލެއްވި އެވެ. އަދި ރާއްޖެއިން ގެންގުޅޭ އިންޑިއާ ފަސްޓް ޕޮލިސީ އެ ގައުމުން ވެސް ރާއްޖެއާ މެދު ގެންގުޅޭ ކަމަށާއި، އެގައުމުން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދިން ގައުމަކަށް ރާއްޖެ ވެގެން ދިއުމަކީ ވެސް އެކަމުގެ ހެއްކެއް ކަމަށެވެ.

މީގެކުރިން ވެސް ރާއްޖެއަށް ބޭނުންޖެހިއްޖެ ކޮންމެ ވަގުތެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ކޮވިޑް19 އާ ދެކޮޅަށް ވެކްސިން ފޯރުކޮށްދިނުމަކީ އެ ތާރީހީ ގުޅުމަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތީ ދެކުނު އޭޝިއާގައި ނަމޫނާ ގުޅުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮވިޑް19 ވައިރަސް ރާއްޖެ އައީ ދުނިޔޭގެ ކޮންމެ ގައުމަކުން ކަމުގައި ވީނަމަވެސް، އެ ވައިރަހަށް ވެކްސިން ފޯރުކޮށްދިނީ އިންޑިއާ އިން،" ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ވެކްސިންގެ ސަބަބުން ފުރާނަތަކެއް ސަލާމަތް ކުރެވި، ދިވެހި ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ދަތިތަކަށް ލުޔެއް ލިބި، އިގްތިސޯދު ހަމައަކަށް އަޅުވަން އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް މިއަދު ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެހެން ނަމަވެސް ވެކްސިން ޖަހަން ފާށާނީ އެ ވެކްސިންގެ ރައްކާތެރިކަމަށް ޑަބްލިއުއެޗްއޯގެ ހުއްދަ ދިނުމުން ކަމަށް ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް