ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހި އެމްޓީސީސީއަށް

ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ
ހަވާލުކޮށްފި އެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގު އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން 3.64 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރާތާ 390 ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ އެ މަޝްރޫއުގެ ޖުމްލަ އަގަކީ 53.99 މިލިއަން ރުފިޔާ އެވެ.

ފޮނަދޫ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހި ވެސް ކުރިއަށް ގެންދިޔައީ އެމްޓީސީސީ އިންނެވެ. އެ މަޝްރޫއުގެ ދަށުން، ދިގުމިނުގައި 3.5 ކިލޯ މީޓަރު ހުންނަ 12 މަގު ތަރައްގީކުރި އެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

comment ކޮމެންޓް