އިންޑިއާއިން ވެކްސިން ދިނަސް ޖަހަން ފަށާނީ ޑަބްލިއުއެޗްއޯ އިން ހުއްދަ ދިނުމުން: ނަޒްލާ

ވެކްސިން ހިފައިގެން ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓު -- ސަން ފޮޓޯ: ފަޔާޒު މޫސާ

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ރާއްޖެ އަށް ލިބުނު ނަމަވެސް، ވެކްސިން ޖަހަން ފާށާނީ އެ ވެކްސިންގެ ރައްކާތެރިކަމަށް ޑަބްލިއުއެޗްއޯގެ ހުއްދަ ދިނުމުން ކަމަށް ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން މިއަދު ގެނައުމާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ވެކްސިން ރާއްޖޭގެ ރައްޔިތުންނަށް ދޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށްފަހު ކަމަށާއި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ވެސް ހޯދާނެ ކަމަށެވެ.

އިންޑިއާގައި އުފައްދާ މި ވެކްސިނަކީ އޮކްސްފޯޑް އަދި އެސްޓްރަޒެނެކާ އިން ލައިސެންސްދީގެން އުފައްދާ ވެކްސިނެކެވެ.

"ރާއްޖެ އަށް މި ގެނައީ ކޮވިޝީލްޑް މި ވެކްސިނަކީ އޮކްސްފޯޑް އެސްޓްރަޒެނެކާ އިން އުފެއްދި ވެކްސިންގެ ސޭމް ވައްތަރު. އެކަމަކު އެބޭފުޅުންގެ ސަބް ލައިސަންސް އަކުން ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ގައި މި ވެކްސިން މި އުފައްދަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖަހާނީ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭނަމަ ކަމަށެވެ.

"ކުރިންވެސް ދަންނަވާފައިވާ ފަދައިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މިންގަނޑު ތަކަމަށް ފެތޭނަމަ. އަޅުގަނޑުމެން ރާއްޖޭގައިވެސް މި ވެކްސިން ރެޖިސްޓާ ކުރުމަށް ފަހު ވެކްސިން ޖަހާނީ. އަދި ވެކްސިން ރަޖިސްޓާ ކުރާއިރު އެ ބަލަންހުންނަ ހުރިހާ މިންގަނޑު ތަކަށް ބެލުމަށް ފަހު[ރެޖިސްޓާ]ކުރާނީ،" ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލަ ވިދާޅުވީ އިންޑިއާ ސީރަމް އިންސްޓިޓިއުޓްގެ ކޮވިޝީލްޑް ވެކްސިނަކީވެސް ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ތެރޭގައި ހިމެނިގެން ހިމެނިފައވާ ވެކްސިނެއް ކަމަށާއި ކޮވެކްސްގެެ ތެރެއިންވެސް އޭގެ ވެކްސިން ސަޕްލައި ކުރެވޭނެ ކަމަށެވެ.

"އެ ބޭފުޅުންވެސް [ސީރަމް އިންސްޓިޓިއުޓް] ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާ އެއްކޮށް މަސައްކަތް ކުރަމުންދަނީ ރެޖިސްޓާ ކުރުމުގެ މަސައްކަތްތައްވެސް. ޑަބްލިއުއެޗްއޯގެ އީޔޫ [އިމަޖެންސީ ޔޫސް] ގެ ލިސްޓިން ގައި ހިމެނުމަށް ބޭނުންވާ ޑޭޓާ ޕްރޮވައިޑުކޮށްދީ، އެ މަސައްކަތް އެބޭފުޅުން އެ ކުރިއަށް ގެންދަވަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެ މަސައްކަތް ނިމުނީމާ އަޅުގަނޑުމެންގެވެސް، އެމްއެފްޑީއޭ އިން އެ ކަންކަމަށް ބެލުމަށްފަހު ރެޖިސްޓާ ކުރީމާ ވެކްސިން ޖަހާނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލަ ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖަހަން ފަށާއިރު، ވެކްސިން ޖަހާ ތަންތަނުގައި ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައްވެސް ކުރާނެކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް މީހުން ތަމްރީނުކޮށް ވެކްސިން ދެވޭ މީހުންނަށް ކުރިމަތިވެދާނެ ސައިޑް އެފެކްޓްސް އާ ގުޅިގެން ކުރަން ހުންނަ ކަންތަކަށްވެސް ތައްޔާރު ވަނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ކޮންމެ ވެކްސިނެއްގައިވެސް ސައިޑް އެފެކްޓްސް ހުންނާނެ. ތަދުވުން، ހުން އައުން ވަރުބަލިވުން.. އެތައް ލައްކަ މީހުންނެއްގެ ތެރެއިން އެކަކު، އެލާޖިކް ރިއެކްޝަންއެއް މި އަންނަނީ. އެހެން ވެއްޖެ ނަމަވެސް ތައްޔާރު ވުމުމަށް ވަގުތުން ދޭނެ އިންޖެކްޝަން ހުންނާނެ،"

ޑރ. ނަޒްލާ ވިދަޅުވީ ކޮވިޑް އަށް ޕޮޒިޓޮވްވެ ބަލިން ރަނގަޅުވެފައި ތިބޭ މީހުންނަށްވެސް ވެކްސިން ޖަހާނެ ކަމަށެވެ.

"ރަނގަޅުވެފައި ތިބި މީހުންނަށްވެސް، ރީ އިންފެކްޝަންވެސް އެބަ އުޅޭ،"

ރާއްޖޭގައި ވެކްސިން ޖަހަން ފަށާނެ ސީދާ ދުވަހެއް ބުނަން ދަތި އަމަށް ޑރ. ނަޒްލާ މިއަދު ވެސް ވިދާޅުވިއެވެ،

ރާއްޖޭގައި ވެކްސިން ޖަހާނެ ތަރުތީބު

1. ހެލްތު ކެއާ ވޯކެއާ ވޯކަރުން. އަދި އުމުރުން 50 އަހަރުން މަތީގެ މީހުން

2. 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ކޮވިޑް ޖެހިއްޖެ ނަމަ ނުރައްކާވެދާނެ ފަދަ ބައްޔެއް ހުންނަ މީހުން (ފުއްޕާމޭގެ ބަލިތައް، ޑައިބެޓީސް)

3. އެހެނިހެން އަސާސީ ހިދުމަތްތައް ދޭ ފަރާތްތައް (ފުލުހުން ،ޓީޗަރުން، އެމްއެންޑީއެފް ފަދަ)

4. ބައްޔަށް ހުށަހެލުމުގެ ފުރުސަތު ބޮޑު ފަރާތްތައް (ޓޫރިޒަމް ދާއިރާ އާއި އެއާޕޯޓުގައި މަސައްކަތް ކުރާ ފަރާތްތައް)

ޑރ ނަޒްލާ ވިދާޅުވީ އެންމެންނަށް އެފަހަރާ ވެކްސިން ނުޖެހޭނެ ކަމަށާއި ެކްސިން ދޭނީވ އެކި ގްރޫޕުތަކަށް ބަހާލައިގެން ކަމަށެވެ.

އަދި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހެންދެން މާސްކުއެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަމަހައްޓަން ޖެހޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

comment ކޮމެންޓް