އިންޑިއާގެ މިއަދު ރާއްޖެ އަށް 100،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާ ކުރުމާ ގުޅިގެން އިންޑިއާ އިން ރާއްޖެއާ ދެމެދު ބަހައްޓާ ގާތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރައްވައިފި އެވެ.
އިންޑިއާ އިން ހަދިޔާ ކުރި ވެކްސިން ރާއްޖެ ގެނައުން ފާހަގަ ކުރުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިން ހަދިޔާ ކުރާ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމަކީ އިންޑިއާ އިން ރާއްޖެ އާއި ދެމެދު ބަހައްޓާ ގާތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ކޮވިޑް19ގެ ދަތި ހާލުގައި އެކި ފަހަރު މަތިން އިންޑިއާ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވަނީ އެ ހުރިހާ ފަހަރަކުވެސް އެ ގައުމުން ރާއްޖެއާ ދެމެދު ބެހެއްޓި ގާތްކަމާއި ދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިންޑިއާގައި އުފައްދާ އެ ވެކްސިނަކީ ތިން ލެވެލްގެ ޓްރައިޔަލް ނިންމަފައިވާ ރައްކާތެރި ވެކްސިނެއް ކަން މިނިސްޓަރު ޝާހިދު ފާހަގަ ކުރެއްވި އެވެ. ވެކްސިން އުފައްދާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ކުންފުނި ކަމަށާއި އަހަރެއްގެ މައްޗަށް އެކި ވެކްސިންގެ 1.5 ބިލިއަން ޑޯޒްގެ ވެކްސިން އެ ކުންފުނިން އުފައްދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"އިންޑިއާގެ އަވައްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަކީ އިންޑިއާ އިން އެ ގައުމުތަކާއެކު ބާއްވާ ގާތްކަން ރަމްޒުކޮށްދޭ ކަމެއް، ރާއްޖެއަށް ފުރަތަމަ ލިބުމަކީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ހިންދީ ބަހުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާ އިން މި ހާލަތުގައި ރާއްޖެއަށް ދޭ އެހީތެރިކަމަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާ ކުރައްވައިފަ އެވެ.