ވެކްސިންގެ 700،000 ޑޯޒް ހޯދަން އެސްޓްރާޒެނެކާ އެކު ވަނީ އެއްބަސްވެފައި: ނަޒްލާ

ޑރ. ނަޒްލާ ރަފީގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑް ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން 700،000 ޑޯޒްގެ ވެކްސިން ގެންނާނެ ކަމަށް ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި އެއްލައްކަ ޑޯޒްގެ ވެކްސިން ރާއްޖެ އަށް ގެނައުމާ ގުޅިގެން ރާއްޖެ ޓީވީ އިން ގެނެސްދިން ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މިއަދު ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ ވެކްސިން ގެނައުމަށް އިތުުރު ގައުމުތަކާއެކުވެސް ވާހަކަ ދައްކަމުންދާ ކަމަށެވެ.

"ރާއްޖެއިން ވަނީ އެސްޓްރާޒެނެކާ ކުންފުންޏާ ސީދާ އެގްރިމެންޓު ގައި ސޮއިކޮށްފައި 700،000 ޑޯޒް ވެކްސިން ގަތުމަށްޓަކައި. އޭގެ އިތުރަށްވެސް އެހެން ގައުމުތަކާޢެކު ވެސް އެބަ މަސައްކަތް ކުރެވޭ އަވަހަށް ވެކްސިން ލިބެނެ މަގެއް އޮތްތޯ ބެލުމަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ އިން ކުރިއަށް ގެންދާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ލިބޭނެ ކަމަށެވެ.

މަސައްކަތް ކުރަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގައި ހިމެނޭ ވެކްސިން ޖަހާ އުމުރުގެ ހުރިހާ އެންމެންނަށް ވެކްސިން ދިނުމަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ކޮވިޑް-19ގެ ވެކްސިން ރާއްޖެއަށް ގަންނަން ނިންމައި ސަރުކާރުން ވަނީ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ސަސްޕެންޑު ކޮށްފަ އެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށާއި އަަޒާމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވި އެވެ.

comment ކޮމެންޓް