އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދޭ 100،000 ޑޯޒްގެ ވެކްސިން ރާއްޖެ ގެނެސްފި އެވެ.
އެއާ އިންޑިއާގެ ފްލައިޓެއްގައި މިއަދު މި ވެކްސިން ޑޯޒްތައް ރާއްޖެ ގެނައި އިރު މިއީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒް ވެކްސިނެވެ.
މިއީ ގާތްގަނޑަކަށް 50،000 މީހުންނަށް ޖެހޭ ވަރުގެ އަދަދެކެވެ.
ރާއްޖެއިން ވަނީ އެސްޓްރާ ެނެކާ އާއެކު 700،000 ޑޯޒްގެ ވެކްސިން ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އިންޑިއާ އިން ދޭ ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށާއި މި ސަރަހައްދުގެ އިތުރު ގައުމުތަކަށް އެ ގައުމުން ވެކްސިން ފޯރުކޮށްދޭނެ އެވެ.
އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ އެ ވެކްސިން ރާއްޖެ އަށް ފޯރުކޮށްދިނުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޑިއާގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާ ކުރައްވައިފަ އެވެ.
އިންޑިއާއިން ވަނީ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ އޮކްސްފޯޑް- އަސްޓްރާޒެނެކާ ވެކްސިން އާއި އިންޑިއާ އަމިއްލަ އަށް އުފައްދާފައިވާ ބާރަތު ވެކްސިން ކުއްލި ހާލަތްތަކުގައި އާންމުންގެ ގަޔަށް ޖެހުމުގެ ހުއްދަ ދީފަ އެވެ.