ޝީރީންގެ މަރު: ބެންޗުގެ ސުވާލުތައް ސީދާ ނަޖާހަށް

ޝީރީނު އާއި އޭނާގެ ލޯބިވެރިޔާ ނަޖާހު

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މީގެ 10 އަހަރު ކުރިން މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާ މުހައްމަދު ނަޖާހަށް ސުޕްރީމް ކޯޓުގެ ބެންޗުން ސުވާލުތަކެއް ކުރިމަތިކުރުވައިފި އެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ، 2009 ވަނަ އަހަރު ޑިސެމްބަރު މަސް ތެރޭގަ އެވެ. އޭގެ ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ތުހުމަތުވާ މުހައްމަދު ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފަ އެވެ.

ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ ޑިސެމްބަރު، 20، 2009 އިން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުންދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމުގައިވާތީ، ޕޯސްޓްމޯޓަމް ހެދުމަށް ލަފާދީފައިވާނެ ކަމަށް ޝީރީން ބެއްލެވި ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ޝީރީންގެ ޕޯސްޓްމޯޓަމް ހެދިކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށް އެ ހުކުމްގައިވެ އެވެ.

ނަމަވެސް ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކަމަށް ހައިކޯޓުން ކަނޑައެޅީ މިދިޔަ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހު އެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ގަސްތުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވި ނަމަވެސް ހުށަހަޅާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ނާޖުހެގެ މައްޗަށް "ގަސްދުމަރާއި ވައްތަރުގެ މަރު" ޝަރީއަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން 12 އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުން ވަނީ އޭނާގެ މައްޗަށް އިއްވައިފަ އެވެ.

ހައިކޯޓުގެ ހުކުމް ނަޖާހުގެ ފަރާތުން އިސްތިއުނާފު ކުރުމުން، މިއަދު ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ނަޖާހު އަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ.

ފަނޑިޔާރު: 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ގެއަށް ދިޔަ ފަހުން، ދަންވަރު 4:30 ދެމެދު ކަން ހިނގި ގޮތް ވިދާޅުވެދެއްވާ؟

ފަނޑިޔާރުގެ ސުވާލަށް ޖަވާބުދެމުން ނަޖާހު ބުނީ އެ ރޭ ގާތްގަނޑަކަށް 10:30 ހާއިރު އޭނައަށް ނިދުނު ކަމަށާއި، ނަމަވެސް އާ އަހަރު ފެށޭތީ، އެ ރޭ 12 ޖަހާއިރު ޝީރީން ކޮންމެސް ތަނަކަށް ދާން ނިންމާފައިވާ ކަމަށެވެ.

ނިދުނު ފަހުން އޭނާއަށް ދެން ހޭލެވުނީ އެ ރޭ ތިނެއް ޖަހާކަށް ހާއިރު ކަމަށާއި، އޭރު ޝީރީން ގޭގައި ނެތް ކަމަށެވެ.

"ދެން އޭގެ ފަހުން އޭނާ ގެއަކަށް ނާދޭ. އަނެއް ދުވަހު ވެސް ނާދޭ. ނައިގެންސް ނުފެނިގެން ޖެހިގެން އައި ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސް އަށް އެންގިން. އޭނާގެ ފޯނަކަށް ނުއެއް ގުޅޭ. ފޯނު އޮފް ކޮށްލާފަ އޮތީ. ފުލުހުންނަށް އެންގިން އޭނާ ގެއްލިގެން އުޅޭ ވާހަކަ. އަޅުގަނޑާ އެއްކޮށް އުޅޭތީ ގެއްލިގެން އުޅޭ ވާހަކަ އެންގިން. އޭނާގެ އާއިލާއަށް ވެސް އެންގިން،" ނަޖާޙު ބުންޏެވެ.

ނަޖާހު ބުނީ އެ ދެމީހުން ދިރިއުޅުމެއް ދިޔައީ ޝީރީން ކުއްޔަށް ހިފާފައި ހުރި ތަނެއްގައި ކަމުން، ޝީރީން ނެތުމުން އެތަނުން ނުކުތުމަށް ގޭގެ ވެރިފަރާތް، މިރުފަތު ހަނީފް އެންގި ކަމަށެވެ.

އެގޮތަށް އެންގުމުން ޝީރީންގެ ފޮށްޓަށް އަންނައުނު އަޅައިގެން އެގެއިން ނުކުމެގެން ގޮސް އަންނައުނު ބެހެއްޓީ އޭނާއާއެކު މަސައްކަތް ކުރާ ބިދޭސީންތަކެއް ދިރިއުޅޭ ގެއެއްގައި ކަމަށެވެ. ނަމަވެސް ޝީރީންގެ ފޮށްޓެއްގައި އެއްޗެހި ގެންދިއުމުން، އެ ފޮށި އަނބުރާ ގެނެސްދިނުމަށް މިރުފަތު އެދުނު ކަމަށް ވެސް ނަޖާހު ބުންޏެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑު އަންނައުނު ބަދަލުކޮށްލާފަ ފޮށި ގެނެސްދޭނަމޭ. ދެން ގެންގޮސް ފޮށި މިރުފަތު ހަނީފުއާ ހަވާލުކޮށްލިން،" ނަޖާހު ބުންޏެވެ.

ފަނޑިޔާރު: އެ ރޭ ޝީރީންގެ ދަރިފުޅު އެހެން ގެއެއްގައި ބަހައްޓަން ނިންމީ ކާކު؟

އެ ސުވާލަށް ޖަވާބު ދެމުން ނަޖާހު ބުނީ ދަރިފުޅު އެ ދެމީހުންނާ އެކު ގެއަށް ނުގެންގޮސް، ޝީރީންގެ އާއިލާ ދިރިއުޅެމުން ދިޔަ ގޭގައި ބަހައްޓަން ނިންމި ނިންމުމަކީ ޝީރީންގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި އެގޮތަށް ނިންނީ ޝީރީން 12 ޖަހާއިރު ތަނަކަށް ދާން ނިންމާފައި އޮތުމުން ކަމަށާއި އެއީ ނަޖާހު ބުނެގެން، ނަޖާހު އަށް އެނގިގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ.

ފަނޑިޔާރު: ޝީރީންގެ ދަރިފުޅު ރަނގަޅަށް ބަލައްޗޭ، ހަރަދު ކުރާނަމޭ ބުނީ ކީއްވެ؟

ނަޖާހު ބުނީ ޝީރީންގެ ދަރިފުޅަށް ހަރަދު ކުރާނެ ކަމަށް އޭނާ ބުނެފައި ނުވާނެ ކަމަށެވެ. އަދި އެކުއްޖާގެ އަންނައުނު ހުރީ ޝީރީން އާއި ނަޖާހު ދިރިއުޅެމުން ދިޔަ ގޭގައި ކަމަށްވާއިރު، އަދި އެކުއްޖާގެ މަންމަ "ނެތުމުން" އެކުއްޖާގެ އެއްޗެހި ގެނެސްދޭން އެދުނީ ވެސް ޝީރީންގެ އާއިލާއިން ކަމަށް ނަޖާހު ބުންޏެވެ.

ނަޖާހު ބުނީ އެކުއްޖާގެ އެއްޗެހި ބަލާ ގޮސް ގެއަށް ނުވަންނަ ކަމަށާއި، އެއްޗެހި ނެރެދިނީ މިރުފަތު ހަނީފް ކަމަށެވެ. އަދި އެއްޗެހި ހިފައިގެން ގޮސް އެކުއްޖާ ޝީރީންގެ އާއިލާއާ ހަވާލުކުރި އިރު ވެސް އެ ގޭގެ ތެރެއިން މީހަކާ ވާހަކަ ދެއްކި ހަނދާން ނުވާ ކަމަށެވެ.

"އިތުރު އެއްވެސް ވާހަކައެއް އަޅުގަނޑު ނުބުނަން. އަޅުގަނޑު ހަނދާން ވަނީ [ނަން އުނިކޮށްފައި] އަތަށް ދީފަ އެތެރެއަށްވެއްދި ހަނދާން،" ނަޖާހު ބުންޏެވެ.

31 ޑިސެމްބަރު 4:30 ގައި ފުރިޖުން ނަގައިގެން ކޮޓަރިއަށް ވެއްދި ފެންފުޅި ތަޅައިގެން ދިޔައީ ކިހިނެތް؟

ނަޖާހު ބުނީ އޭނާ އެ ރޭ ދަންވަރު ހޭލެވިގެން ފެން ބޮވައިގަނެގެން ފުރިޖުން ފެން ފުޅިއެއް ނަގައިގެން ކޮޓަރިއަށް ދިޔަ ކަމަށެވެ. ނަމަވެސް އޭނާގެ އެނދު މަތީގައި ފެން ފުޅި ބާއްވަން އުޅުމުގެ ތެރޭގައި އަތުން ފެން ފުޅި ދޫވެގެން ވެއްޓި ތެޅުނީ ކަމަށެވެ.

31 ޑިސެމްބަރު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި މިރުފަތު ކައިރީގައި ކީއްކުރަންތޯ އެހީ ޝިރީން އުޅެނީ އެހެން މީހަކާ ރައްޓެހިވެގެންތޯ؟

"ނާހަން،" ނަޖާހު ބުންޏެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވާނީ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.

މިއަދުގެ އަޑުއެހުމުގައި ނަޖާހުގެ ދިފާއީ ވަކީލު އަހްމަދު ޒަނީން އާދަމް ވެސް ވަނީ ދިގުކޮށް ވާހަކަދައްކަވައިފަ އެވެ. ވަކީލު ވިދާޅުވީ މުހައްމަދު ނަޖާހު މީހަކު މަރާލިކަމަށް ސާބިތު ނުވާކަމަށް ދަށު ކޯޓުން ނިންމަވާފައި ވަނިކޮށް، ދައުވާގެ ސީޣާ ބަދަލުކޮށް ހައިކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވަކަމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާކަމަށް ނިންމީ ހައިކޯޓުގައި އެކަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރުމެއް ނެތި، އަދި ދައުލަތުން ވެސް އެކަމާ ގުޅެގޮތުން އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި، ތިލްގާއީ ގޮތެއްގައި ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް މައްސަލަ ބަދަލުކުރައްވައިގެން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ކަންކަމަކީ ޝަރުއީ މަރުހަލާތަކުގައި އަލަށް ކުރެވިގެން ދިޔަ ކަމެއް. އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑު ކޮށްފައިވާ ދިރާސާތަކުން ދައްކަނީ ދުނިޔޭގެ ތަހުޒީބު އެއްވެސް ކޯޓަކުން މިފަދަ ގޮތަކަށް ދަށު ކޯޓަކުން ނިންމަވާފައިވާ މައްސަލައިގެ މައުޟޫއަށް ނުބައްލަވައި މަތީ މަރުހަލާގެ ކޯޓުން ފެނިވަޑައިގަންނަވާ ގޮތަކަށް އަޣުލަބިއްޔަތުން ވެސް ނިންމާފައެއް ނުވެ،" އޭނާ ވިދާޅުވި އެވެ.

މަރުގެ މައްސަލަތަކަކީ އިސްލާމީ ޝަރީއަތުގައި ވެސް ވަރަށް ފުންކޮށް އެއަށް ނަޒަރު ހިންގާ އަދި ފިގުހު އިލްމުވެރިންގެ ރައުޔުތަކަށް ބަލަން ޖެހޭ މައްސަލަތަކަށް ވާއިރު، ރާއްޖޭގައި މާފަހުން އުފެދިފައިވާ ގާނޫނަކަށް ރިއާޔަތްކޮށް މާކުރިން ނިމިފައިވާ މައްސަލައެއްގައި މީހެއްގެ މައްޗަށް ވަކިގޮތަކަށް ކުށް ސާބިތުވާ ކަމަށް ނިންމި އިރު ގަސްދު މަރާ ވައްތަރުގެ މަރުގެ އެއްވެސް ރުކުނެއް ސާބިތުނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

"މީހެއްގެ މަރު ސާބިތުކުރެވޭނީ އެމީހަކު މަރުވެފައިވާ ގޮތް ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ވިޔަސް އަދި މެޑިކަލީވެސް ސާބިތުވެގެން ކަމަށް އަޅުގަނޑު ދެކެން. އެކަނި ކުރެވޭ ތުހުމަތަކަށް އެމީހާ އެކަން ކުރި ކަމަށް ދަލާލަތު ކޮށްދޭ ގަރީނާތަކެއް ހުރިކަމަށް ދެކެވަޑަިގެން އެކަމަށް ފިޔަވަޅު އެޅުމަކީ އެއްވެސް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އެއްވެސް މަރުހަލާއެއްގައި ފަނޑިޔާރުންނަށް ލިބިގެންޗާ ހައްގެއް ނޫން،" ވަކީލު ވިދާޅުވި އެވެ.

ނަޖާހު ގެންދިޔަ ފޮށިން ޝީރީންގެ ޑީއެންއޭ ފެނިފައިވާތީ، އެކަމާ ގުޅިގެން ވަކީލު ވިދާޅުވީ އެއީ ޝީރީންގެ ފޮށްޓަކަށް ވާތީ އޭގައި އޭނާގެ ޑީއެންއޭ ހުންނާނެ ކަމަށެވެ. އަދި ޑީއެންއޭ ނެގި ފަރާތާ ސުވާލުކުރުމުން، ފޮށީގައި ތަތްމުޑު ވަހެއް ހުރި ކަމަށާއި ފޮށިން ފެނުނީ ލޭ ކަމަށް ވެސް ހީނުވާކަމަށް ބުނި ކަމަށެވެ.

"މަރިޔަމް ޝީރީންގެ ފޮށްޓެއްގައި މަރިޔަމް ޝީރީންގެ ޑީއެންއޭ ހުރުމަކުން އެއީ މުހައްމަދު ނަޖާހު އެ ފޮށްޓަށް މަރިޔަމް ޝީރީން ލީ ކަމުގެ ގަރީނާ އަކަށް ނުބެލެވޭނެ،" ވަކީލު ވިދާޅުވި އެވެ.

ޓެކްސީއެއްގައި މުހައްމަދު ނަޖާހު ގެންދިޔަ ކަމަށް ބުނާ ފޮށްޓާ ގުޅުންހުރި ރޮދިކޮޅެއް ޓެކްސީއަކުން ފެނިފައިވާތީ އެކަމާ ގުޅިގެން ވަކީލު ވިދާޅުވީ ރާއްޖޭގައި ޓެކްސީ ކުރާ މީހަކު ދުވާލަކު އެތައް ފޮށްޓެއް އުފުލާނެ ކަމަށާއި މަހެއްގެ ތެރޭގައި އެތައް ވައްތަރެއްގެ ފޮށި އުފުލާނެ ކަމަށެވެ.

"ރާއްޖޭގައި ގެންގުޅޭ ކޮންމެ ފޮށްޓަކީ އެތައް ބައިވަރު މީހުން ގެންގުޅޭ ފޮށްޓެއް. އެހެންވީމަ އެ ފޮށީގެ ނުވަތަ އެބާވަތުގެ ފޮށްޓެއްގެ ރޮދިކޮޅެއް ޑީކީގައި އޮތުމަކީ މަރްޔަމް ޝީރީން ލައިގެން ގެންދިޔަ ފޮށްޓެއް ޑިކީއަށް ލައިގެން ގެންދިޔަ ކަމަށް ދަލީލުކޮށްދޭ ކަމެއް ނޫން،" ވަކީލު ވިދާޅުވި އެވެ.

ހެކިބަސް ދިން ޑްރައިވަރު ބުނެފައި ވަނީ ކާރުގެ ޑިކީ އިން ތަތްމުޑު ވަސް ދުވި ވާހަކަ ކަމަށާއި މަރުވެފައި އޮތް އިންސާނަކު ބާއްވާފައި އޮތް ތަނަކުން ދުވާނީ ތަތްމުޑު ވަސް ނޫން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

"މިފަދަ ކުށެއް ސާބިތުކުރެވޭނީ، މަރުވެފައިވާ މީހާ މަރުވި ގޮތް ސީދާ ހޯދައިގެން. އެހެން ނަމަވެސް ޕީޖީ އޮފީހުން ވިދާޅުވީ، އެ އޮފީހުން ހޯދާފައިވާ ގަރީނާތަކާއި މުހައްމަދު ނަޖާހާ ގުޅުވާލުމުން އެ ގަރީނާތަކުން އުފަންވެގެން އަންނަނީ މުހައްމަދު ނަޖާހު، މަރިޔަމް ޝީރީން މަރާލިކަން ދަލާލަތުކޮށްދޭ ގަރީނާއެކޭ. ގަރީނާތަކަކުން މީހެއްގެ މައްޗަށް ތުހުމަތުގެ އިނގިލި ދިއްކޮށް އޭނާ އެކަން ކުރި ކަމަށް ދަލާލަތު ކޮށްދޭ ގަރީނާތަކެއް އުފެންވެގެން ނާންނާނެ ކަމީ ހަމަބުއްދި ގަބޫލުކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ކަމެއް،" ވަކީލު ވިދާޅުވި އެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން މިއަދު އެދުނީ ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، ސުޕްރީމް ކޯޓުން މައްސަލަ ނިންމައިދިނުމަށެވެ.

comment ކޮމެންޓް