ރެޑްވޭވަށް 21 މިލިއަން ރުފިޔާ ނުދެއްކި މީހަކު ގޭބަންދު ކޮށްފި

ސިވިލް ކޯޓު--

ބިމާއި އިމާރާތް ކުއްޔަށް ދިނުމާ ބެހޭ މައްސަލައެއްގައި ރެޑްވޭވަށް ދައްކަން ޖެހޭ 21 މިލިއަން ރުފިޔާ ނުދައްކައިގެން މީހަކު ގޭބަންދުކޮށްފި އެވެ.

ރެޑްވޭވަށް ފައިސާ ދައްކަން 2017 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކުރީ ސ. ހިތަދޫ، ހިރުދުމާގެ އަހްމަދު ސާބިގު އަށެވެ.

އޭނާގެ މައްޗަށް ކޯޓުން ހުކުމް ކުރީ ރެޑްވޭވަށް 21،282،000 ރުފިޔާ ދެއްކުމަށެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެއްވެސް ވަރަކަށް ފައިސާ ދައްކާފައި ނުވެ އެވެ.

ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ މައްސަލާގައި މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، ދެ ފަރާތުގެ ބަހަށް ބަލާއިރު، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އަދި މިއީ ފައިސާ ނުދައްކައިގެން މި މައްސަލާގައި އަހްމަދު ސާބިގަށް ފިޔަވަޅު އަޅާ ފުރަތަމަ ފަހަރު ކަމަށްވާތީ، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ދަށުން، އޭނާ އެއް މަސް ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމް ކުރާ ކަމަށެވެ.

އަދި އެ ހުކުމަށް އިހްތިރާމް ކުރުމަށް އޭނާއަށް ވަނީ އަންގައިފަ އެވެ. ކޯޓުން އެގޮތަށް ހުކުމް ކުރީ އަހްމަދު ސާބިގުގެ ޣައިރު ހާޒިރުގަ އެވެ.

comment ކޮމެންޓް