ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކުރި ޕާކުގެ ކޮރަޕްޝަނުގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މައްޗަށް ތުހުމަތުކޮށް މޯލްޑިވްސް ނިއުސް ނެޓްވޯކު (އެމްއެންއެމް) އިން ޝާއިއުކުރި ލިޔުމުން އެކަމަނާގެ ފޮޓޯ އާއި އެހެން ނައްސުތައް އުނިކޮށް، މައާފަށް އެދުމަށް އެދިވަޑައިގެންފި އެވެ.
މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) ނަމަކަށް ކިޔާ ރާއްޖޭގެ އޮންލައިން ނޫހަކުން އިނގިރޭސިބަހުން ޝާއިއުކުރި ލިޔުމެއްގައި ބުނީ އަޑިޕާކަށް ގަސް ވިއްކަނީ ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށެވެ. އަދި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި އަޑި ޕާކަށް ގަސް ފޯރުކޮށްދިނީ މާކެޓްގެ އަގުތަކަށް ވުރެ ދެ ގުނަ ބޮޑުކަމަށްވެސް ބުނެފައިވެެ އެވެ.
ފަޒްނާގެ ފަރާތުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އަދި އެ ލިޔުމުގެ ސަބަބުން ފަސްޓްލޭޑީ ފަޒްނާގެ އިއްޒަތާއި އަބުރަށާއި ގަދަރަށް އުނިކަން ލިބި މުޖުތަމައުގައި އެކަމަނާ އާއި މެދު ނުބައި ތަސައްވަރެއް އުފެދިދާނެ ފަދަ ގޮތަކަށް ހަބަރު ޝާއިއުކޮށްފައިވާ ކަމަށާއި އެއީ ބްރޮޑްކާސްޓު ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަމެއް ކަމަށް ބުނެ އެކަމަނާގެ ވަކީލުންގެ ފަރާތުން ވަނީ އެ މައްސަލަ މީޑިއާ ކައުންސިލަށް ވެސް ހުށަހަޅައިފަ އެވެ.
މީޑިއާ ކައުންސިލުން އެދުނީ އެ މައްސަލައިގައި، "ސުލްހަވެރި ހައްލެއްގެ" ގޮތުގައި ހުށަހަޅާނެ ކަންކަން ބަޔާންކުރަން އެންގުމަށެވެ.
މީޑިއާ ކައުންސިލުން އެދުނު ގޮތަށް، ފަޒްނާގެ ގާނޫނީ ވަކީލުން މީޑިއާ ކައުންސިލްގެ ރައީސް، ސަހުބާން ފަހުމީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްއެންއެން އިން ގާނޫނާ ހިލާފުވެފައިވާ ކަމަށް މީޑިއާ ކައުންސިލްގެ ގާނޫނީ ވަކީލުވެސް ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް އެމްއެންއެން އިން ބުނެފައިވަނީ ލިޔުން ޝާއިއުކުރިފަހުން، ފުޓް ނޯޓެއްގައި ކަންކަން އިސްލާހު ކޮށްފައިވާނެ ކަމަށާއި ފަޒްނާ އާމެދު ލިޔެފައިވާ ވާހަކަތައް މުސްތަގިއްލު ގޮތެއްގައި ވެރިފައިކޮށްފައި ނުވާނެކަމަށް އެ ފުޓްނޯޓުގައި ބަޔާންކޮށްފައި ވާނެކަމަށެވެ.
"މިކަމާ ގުޅިގެން އަޅުގަނޑުމެން ބުނެފައިވާނީ އާޓިކަލްގެ މުވާލާތް ކެނޑުނުފަހުން ފުޓްނޯޓެއްގައި އެއީ ތެދަށް ނުވެދާނެކަން ބަޔާންކޮށްގެން ނުފުދޭކަމަށެވެ." ސިޓީގައިވެ އެވެ.
އަދި ލިޔުމުގައި ހުރި ކަންކަން އެއީ ތެދުތޯ ނުވަތަ ނޫންތޯ އެނގޭނެ މީހަކު ނެތްކަމަށާއި، ގާނޫނާ ހިލާފު ކަމެއް ކޮށްފައި ނުވާއިރު މައާފަށް އެދެން ނުޖެހޭނެ ކަމަށް ވެސް އެމްއެންއެން އިން ބުނެފައިވާ ކަމަށް ސިޓީގައިވެ އެވެ.
"ތެދާއި ދޮގު އެއީ ކޯޗެއްކަން ނޭނގޭނަމަ، ނުވަތަ އޭގެ ތަފާތު ހޯދަން ނޭނގޭނަމަ، ޝަކުވާ އަރާފަރާތުން މީޑިއާގެ ދާއިރާއިން ވަކިވެވަޑައިގެން ކޮންމެވެސް އެހެން ލާއިޤު ދާއިރާއަކަށް ބަދަލުވުން ބުއްދިވެރިއެވެ." ސިޓީގައި ވެއެވެ.
ފަޒްނާގެ ވަކީލުންގެ ފަރާތުން ވިދާޅުވެފައި ވަނީ ދޮގު މައުލޫމާތު ޝާއިއުކޮށްފައި ވާތީ، އެމްއެންއެން އިން މައާފަށް އެދެންޖެހޭނެ ކަމަށެވެ. އަދި ސުލްހަވެރި ހައްލުގެ ގޮތުގައި ވަކީލުންގެ ފަރާތުން ވަނީ ދެކަމަކަށް އެދިފަ އެވެ.
އެއީ އެމްއެންއެންއިން ފަޒްނާއާ ގުޅޭގޮތުން ޝާއިއު ކޮށްފައިވާ އާޓިކަލްގައިވާ އެކަމަނާގެ ފޮޓޯއާއި އެކަމަނާއާ ބެހޭ ގޮތުން ޝާއިއު ކޮށްފައިވާ އެންމެހާ ނައްސުތައް އާޓިކަލް އިން އުނިކުރުމަށާއި، އާޓިކަލްއާ ގުޅިގެން ފަޒްނާގެ އަރިހުން މައާފަށް އެދި، އެމްއެންއެންގެ ފަރާތުން، އެކަން އާންމުކޮށް އިއުލާނުކުރުމަށް ވަނީ އެދިފަ އެވެ.