އިންޑިއާ އިން ރާއްޖެއަށް ފޮނުވަނީ ވެކްސިންގެ އެއް ލައްކަ ޑޯޒް

އިންޑިއާއިން މިއަދު ރާއްޖެއަށް އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒް ވެކްސިން ފޯރުކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ އެ ވެކްސިން ހިފައިގެން މިއަދު މެންދުރު 02:00 ގައި އެއާ އިންޑިއާގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ އެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެފައި ވަނީ ދިވެހި ސަރުކާރުން ހޯދަންޖެހޭ ހުރިހާ ހުއްދައެއް މިހާރު ލިބިފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެ ވެގެންދާނީ އިންޑިއާގެ ވެކްސިން ލިބޭ ފުރަތަމަ ގައުމަށެވެ. އިންޑިއާ ނޫސްތަކުން ބުނެފައި ވަނީ ރާއްޖެއަށް ވެކްސިން ފޮނުވަނީ ފްރަންޓްލައިން ވޯކަރުންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ވަރަށް ކަމަށެވެ.

މަޖިލިސް ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު އެއާ އިންޑިއާ ފްލައިޓުން އެއް ލައްކަ ޑޯޒްގެ ވެކްސިން ގެންނާނެ ކަމަށާއި، އެއީ އިންޑިއާ އިން ދޭ ހަދިޔާއެއް ކަމަށެވެ.

އަދި ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ ފަހަރެއްގައި ވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ، އެންމެ ބޮޑަށް ބަރޯސާވެވޭ އެކުވެރިޔަކީ އިންޑިއާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.

އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ އާއި، 1988 ވަނަ އަހަރު ދިވެހިންގެ ބަޔަކާ ގުޅިގެން ތަމަޅަ ޓައިގަރުން ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި މާލެއަށް ދިމާވި ފެނުގެ ކާރިސާގައި ވެސް އެންމެ އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާ އިން ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އިންޑިއާ އިން ވަނީ ސަރަހައްދީ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ފަށައިފަ އެވެ. އެގޮތުން މިއަދު ރާއްޖޭގެ އިތުރުން، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް މިޔަންމާ އަދި ސީޝެލްސް އަށް ވެސް ވެކްސިންގެ ޝިޕްމަންޓްތައް ފޮނުވާނެ ކަމަށް ހަބަރުތައް ބުނެ އެވެ. ސްރީލަންކާ އާއި އަފްޣާނިސްތާނުން ބޭނުންވާ ހުއްދަތައް އަދި މުޅިން ފުރިހަމަ ނުވާތީ، އެ ގައުމުތަކަށް ވެކްސިން ފޮނުވާނެ ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

އިންޑިއާއިން ވަނީ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ އޮކްސްފޯޑް- އަސްޓްރާޒެނެކާ ވެކްސިން އާއި އިންޑިއާ އަމިއްލަ އަށް އުފައްދާފައިވާ ބާރަތު ވެކްސިން ކުއްލި ހާލަތްތަކުގައި އާންމުންގެ ގަޔަށް ޖެހުމުގެ ހުއްދަ ދީފައެވެ.

ރާއްޖެ އަށް ގެންނަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ވެކްސިން އެވެ. އެ ވެކްސިން ގެނައުމަށް މާލިއްޔަތު ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރުންވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.

ވެކްސިން ޖެހަން ފެށުމަށް މިހާރު އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޓްރެއިނިން ދިނުމުގެ މަސައްކަތް ރާއްޖޭގައި ފަށާފައި ވާއިރު، ވެކްސިން ދޭން ފެށޭނެ ސީދާ ތާރީހެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް