ޗެލްސީ ބަލިކޮށް ލެސްޓާ އެއްވަނައަށް ޖެހިލައިފި

ޗެލްސީއާއި ލެސްޓާ ކުޅުނު މެޗުގައި ލެސްޓާގެ ފޯވާޑް މެޑިސަން ޗެލްސީގެ ކީޕަރު މެންޑީ ކައިރިން ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ//ބީބީސީ

މިފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގަށް އެންމެ ބޮޑު ޙަރަދެއް ކޮށްގެން ތައްޔާރުވި ޗެލްސީ ބަލިކޮށް ލެސްޓާ ސިޓީ އެއްވަނައަށް ޖެހިލައިފި އެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ޗެލްސީގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ލެސްޓާ ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ 19 މެޗު ކުޅެ 38 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑް 18 މެޗު ކުޅެގެން 37 ޕޮއިންޓް ހޯދާފައިވާ އިރު، ތިންވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 17 މެޗުން ލިބިފައި ވަނީ 35 ޕޮއިންޓް އެވެ. ރޭގެ މެޗުން ބަލިވި ޗެލްސީ މިވަގުތު އޮތީ 29 ޕޮއިންޓާ އެކު އަށްވަނައިގަ އެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި ގައިގަނޑަކަށް 300 މިލިއަނެއްހާ ޑޮލަރު ހޭދަކޮށް އަގުބޮޑު ގިނަ ކުޅުންތެރިންތަކެއް ޗެލްސީން ގެނައި އިރު، ސީޒަނުގެ ކުރީކޮޅު އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ތާވަލުގެ އެންމެ ކުރީގައި ވެސް އޮވެފަ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ޗެލްސީ މޮޅުވީ ދެ މެޗުންނެވެ.

އެއާ އެކު ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑުގެ މުސްތަގުބަލާ މެދު މިހާރު އޮތީ ސުވާލު އުފެދިފަ އެވެ. ޗެލްސީން ޙަރަދު ކުރި ވަރާ އެއްވަރަށް ނަތީޖާ ނުނެރެވި ސަޕޯޓަރުންގެ ޕްރެޝަރު ވެސް ލަމްޕާޑަށް ކުރިމަތިވެފައިވާ އިރު، ކުރިއަށް ހުރި މެޗުތަކަކީ އޭނާއަށް ޓާގެޓް ހާސިލް ކުރަން މުހިއްމު މެޗުތަކެކެވެ.

ރޭ ލެސްޓާ އަށް ލީޑުނަގައިދިނީ މެޗުގެ ހަ ވަނަ މިނިޓްގައި ނައިޖީރިއާގެ މިޑްފީލްޑަރު ވިލްފްރިއެޑް އެންޑީޑީ އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ޗެލްސީ އަށް އެއްވަރުކޮށްދޭން ކަލުމް ހަޑްސަން އޮޑޯއި އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއްނުކުރެވުނެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ލެސްޓާގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފު ނިމުގެ ކުރިން ކާމިޔާބު ކުރީ ޖޭމްސް މެޑިސަން އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލަމްޕާޑް ބުނީ، މިހާރު ދިމާވެގެން އުޅޭ މައްސަލަ އަކީ ޓީމުގެ ފޯމު ދަށްވުމުގެ މައްސަލަ ކަމަށާއި އެކަމުގެ ސަބަބުން ދިމާވެފައިވާ ޕްރެޝަރާ ކުރިމަތިލާން ތައްޔާރު ކަމަށެވެ.

"މިހާރު މިއޮތީ އަލުން ބިނާ ކުރަމުން އަންނަ ޓީމެއް. މިކަހަލަ ކަންތައްތައް ކުރިމަތިވާނެ. އެކަމަކު ގޮތް ހުސްވާ ހިސާބަކަށް އަދި ނުދޭ. ޕްރެޝަރު އެބައޮތް. އެކަމަކު އެކަމާ ކުރިމަތިލާނަން." ލަމްޕާޑް ބުންޏެވެ.

comment ކޮމެންޓް