އެމްޑަބްލިއުއެސްސީގެ އައު ލޯގޯ އިފްތިތާހުކޮށްފި

އެމްޑަބްލިއުއެސްސީއަށް 25 އަހަރު ފުރުމާގުޅިގެން އައު ލޯގޯއެއް އިފްތިތާހުކުރުން.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އައު ލޯގޯއެއް އިފްތިތާހުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެން ކުންފުނީގެ އައު ލޯގޯ އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

ލޯގޯ އިފްތިތާހު ކޮށްދެއްވުމަށް ފަހު ޝާހު ވިދާޅުވީ އައު ލޯގޯ ފަރުމާކޮށްފައި ވަނީ ކުރިން ބޭނުން ކުރަމުންދިޔަ ލޯގޯގެ ބައްޓަމާއި ސިފަތަކުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށެވެ.

"ކުންފުންޏަށް 25 އަހަރު ފުރުމާ ގުޅިގެން މިއަދު ކުންފުނީގެ ލޯގޯއަށް މި ގެނައި ބަދަލަކީ ކުންފުންޏަށް އައިސްފައިވާ ހެޔޮ ބަދަލާއި ޒަމާނީ ކުރިއެރުންތަކަށް ޒަމާނީ ކުލަ ޖެހިގެން އައި ގޮތް ރަމްޒުކޮށްދޭ ލޯގޯއެއް." ޝާހު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޝާހު ވަނީ އެމްޑަބްލިއުއެސްސީ ވުޖޫދުވެގެން މިއަދާ ހަމައަށް އައި އިރު އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް އައި ބަދަލުތައް ފާހަގަކުރައްވައިފަ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މީގެ 25 އަހަރު ކުރިން މި ކުންފުނި ވުޖޫދަށް އައީ އޭރު މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް... އެމްޑަބްލިއުއެސްސީ އުފެދި، ބަރާބަރު އެއް އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ހުރިހާ ގެއަކަށް ފެން ހޮޅި އަޅައި، އިސްކުރުން ފެން ދޫކުރަން ފެށި އަދި ޒަމާނީ ނަރުދަމާގެ ހިދުމަތް ދޭން ފެށި." ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީ އެންމެ ފުރަތަމަ އުދެއްދީ ދުވާލަކު 3900 ޓަނުގެ ފެނެވެ. އޭރު ކުންފުނީގައި ތިބީ ގާތްގަނޑަކަށް 60 މުވައްޒަފުންނެވެ. އެހެން ނަމަވެސް ފާއިތުވެ ދިޔަ 25 އަހަރުގެ ތެރޭގައި ކުންފުނީގެ ކެޕޭސިޓީ ވަނީ ދުވާލަކު 30،043 ޓަނަށް އިތުރުކޮށް، މުވައްޒަފުންގެ އަދަދު ވަނީ 900 އަށް ވުރެ އިތުރުކޮށްފަ އެވެ.

ކުރިން ހަމައެކަނި މާލޭގައި ހިދުމަތް ދެމުންދިޔަ ނަމަވެސް، ފަހުން އެމްޑަބްލިއުއެސްސީ އިން ވަނީ ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު، މާފުށި، ދުވާފަރު އަދި ކުޅުދުއްފުށްޓަށް ހިދުމަތް ފުޅާކޮށްފަ އެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީ އުފެއްދީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ކަމަށްވީ ނަމަވެސް، އިންޖިނިއަރިން، މެނުފެކްޗަރިން އަދި ޓްރޭޑިންގެ ދާއިރާއަށް ވެސް އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކޮށްފައިވާ ކަމަށެވެ.

އޭޕްރީލް 1، 1995ގައި އުފެއްދި އެމްޑަބްލިއުއެސްސީއަކީ ދިވެހި ސަރުކާރުގެ 80 ޕަސެންޓް ހިއްސާ އަދި ޖަޕާނުގެ ހިޓާޗީ ކުންފުނީގެ 20 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.

comment ކޮމެންޓް