އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވަނީ

ބައިޑެންގެ ސަރުކާރުގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން

ވޮޝިންޓަން (ޖަނަވަރީ 20) : އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވާނެކަމަށާ ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރާގޮތަށް ފަލަސްތީނު މައްސަލާގައިވެސް އެމެރިކާ ކުރިން ގެންގުޅުނު ސިޔާސަތަށް އެނބުރި ރުޖޫޢަވާނެކަމަށް ޖޯ ބައިޑަންގެ ސަރުކާރުގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ބްލިންކެން، އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަގާމަށް އައްޔަންކުރުމާބެހޭގޮތުން ސެނެޓުގައި އިއްޔެ ކުރިއަށް ދިޔަ ބަހުސްގައި ބައިޑެންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ހާމަކުރައްވަމުން ބްލިންކެން ވިދާޅުވީ ބައިޑަންގެ ސަރުކާރު އޮތީ އީރާނާއެކު އޮބަމާގެ ސަރުކާރުން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމަށް އެނބުރިދާން ތައްޔާރަށް ކަމަށާ ލަސްތަކެއްނުވެ އެކަން ކުރައްވާނެ ކަމުގައެވެ. ނަމަވެސް ނިއުކްލިޔާ އެއްބަސްވުމަށް އީރާނުންވެސް އަމަލުކުރަންވާނެކަމަށާ އެ އެއްބަސްވުމާ އެއްގޮތަށް އީރާނުން އަމަލުކުރޭތޯ އެމެރިކާ ބަލާނެކަމަށް ބްލިންކެން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސްކަމުން މިއަދު ވަކިވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުންވަނީ އެއްވެސް ސަބަބަކާނުލައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވެ ދުނިޔޭގެ ގައުމަކާ ދެކޮޅަށް އެމެރިކާ މިހާތަނަށް ނާޅާވަރުގެ ހަރުކަށި ފިޔަވަޅުތަކެއް އީރާނާދެކޮޅަށް އަޅާފައެވެ. މިކަމުގެ ބޭނުމަކީ އީރާންގެ ސަރުކާރު ވައްޓާލުން ނޫނީ އިސްރާއީލުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާވަރުގެ ނިކަމެތި ގައުމަކަށް އީރާން ހަދާލުންކަމަށް (އިރާގަށް ހަދާލިގޮތް) ވިޔަސް ޓްރަމްޕްގެ ވެރިކަން ނިމިގެންމިދަނީ މއިން އެއްވެސް މަގްސަދު ހާސިލް ނުކުރެވިއެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫޢަވުމަކީ އިސްރާއީލާއި ސައޫދީ އަރަބިއާއާއި ޔޫއޭއީ ފަދަ މެދުއިރުމަތީގައި އެމެރިކާއަށް ބަރޯސާވާ ގައުމުތައް ރުޅިއައިސް ވަރަށް ކަންބޮޑުވާނެކަމެކެވެ. ސައޫދީ އަރަބިއާއާއި ޔޫއޭއީ އަކީ ފަލަސްތީނު މައްސަލަ އެއްފަރާތްކުރުމަށްފަހު އަރަބިންނާއި މުސްލިމުންގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އިސްރާއިލާ ގާތްވެ އީރާނާ ގުޅުންތައް ކަނޑާލައި ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވުމަށާއި އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޓްރަމްޕްގެ ސަރުކާރަށް އެންމެ ބޮޑަށް ބާރުއެޅި ދެގައުމެވެ.

މީގެތެރެއިން ޔުއޭއީވަނީ ހާމަގޮތެއްގައި އިސްރާއީލާ ގުޅުންތައްވެސް ގާއިމްކޮށްފައެވެ. ސައޫދީން އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވަނީ ފަރުދާގެ އަނެއް ފަރާތުގައެވެ. މުއާމަލާތްތައް ހިންގަނީ ސިއްރުންނެވެ. އެއީ އަރަބި އިސްލާމީ ދުނިޔޭގައި ސައޫދީ އެކަހެރިވެދާނެކަމުގެ ބިރަށެވެ. ނަމަވެސް ފާއިތުވި 5 ވަރަކަށް އަހަރުތެރޭގައި އިސްރާއީލާ ގާތްވުމަށް ސައޫދީ ގެންގުޅުނު ސިޔާސަތުގެ ސަބަބުންނާއި ޔަމަންގައި ކުރަމުން ގެންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގެ ސަބަބުން އަރަބި އިސްލާމީ ދުނިޔޭގައި ސައޫދީގެ އަގު ވަރަށް ބޮޑަށް ވެއްޓި ސައޫދީގެ ނުފޫޒުވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. މިއާއެކު ތުރުކީއާއި ޕާކިސްތާން އަދި މެލޭޝިއާ ފަދަ ގައުމުތަށްވަނީ އިސްލާމީ ދުނިޔޭގައި ލީޑް ރޯލު އަދާކުރަން ފަށާފައެވެ.

ސެނެޓްގައި ފަލަސްތީނުގެ މައްސަލައާބެހޭގޮތުން ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވީ ދެ ދައުލަތުގެ ހައްލު ގެ އަސާސްގެ މައްޗަށް ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމަކީ ޓްރަމްޕްގެ ވެރިކަމުގައި ފިޔަވައި އެމެރިކާގެ ހުރިހާ ސަރުކާރުތަކެއްގައިވެސް އެމެރިކާގެ ސިޔާސަތު ކަމަށާ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަންވެސް ހަގީގަތުގައި ކަށަވަރުކުރުކޮށްދެވޭނީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ގާއިމްކޮށްދީގެން ކަމުގައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް އެއްކޮށް ނިގުޅައިގެންފިނަމަ އިސްރާއީލަށްވެސް ރައްކާތެރިކަމުގައި ދެމިނޯވެވޭނެކަމަށް ބްލިންކެން ވިދާޅުވިއެވެ. ނަމަވެސް އިސްރާއީލުގެ ރައްކާތެރިކަމަކީ އެމެރިކާގެ މެދުއިރުމަތީ ސިޔާސަތުގެ އަސާސް ކަމަށްވާތީ އިސްރާއީލުގެ ވެރިރަށަކީ ޤުދްސުކަމަށް ގަބޫލުކޮށް ޓްރަމްޕްގެ ވެރިކަމުގައި އެރަށަށް އެމެރިކާގެ އެންބަސީ ބަދަލުކުރިކުރުން އެގޮތުގައި ބާއްވާނެކަމަށް ބްލިންކެން ވިދާޅުވިއެވެ.

ބްލިންކެން ވަނީ ޓްރަމްޕް ސަރުކާރުން ގެންގުޅުނު އެމެރިކާ ފަސްޓް ޕޮލިސީވެސް ދުކޮށްލައްވާނެކަމަށް ވިދާޅުވެފައެވެ. މިސިޔާސަތުގެ ސަބަބުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި ޔޫރަޕްގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ރާއްޖޭގެ ގަޑިން 10 ޖަހާއިރުއެވެ. އެއީ އެމެރިކާގެ ގަޑިން މިއަދު 12 ޖަހާއިރެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު