ޖަޕާނުން ރާއްޖެއަށް 86 މިލިއަން ރުފިޔާގެ ސިއްހީ އާލާތްތައް

ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް 5.6 މިލިއަން ޑޮލަރު (86 މިލިއަން ރުފިޔާ)ގެ ސިއްހީ އާލަތްތައް ހަދިޔާކޮށްފި އެވެ.

އެތަކެތި ހަވާލުކުރުމަށް މިއަދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

މިއަދު ހަދިޔާކުރި ސިއްހީ އާލާތްތަކުގެ ތެރޭގައި 65 ބެޑްސައިޑް މޮނީޓަރާއި 19 ޕޯޓަބަލް އަލްޓްރާ ސައުންޑް މެޝިނާއި 19 ޑީފައިބްރިލޭޓަރާއި 10 ޕޯޓަބަލް އެކްސްރޭ މެޝިން ހިމެނެ އެވެ. އަދި ގިނައަދަދެއްގެ ސިރިންޖު ޕަމްޕާއި އޭގެ އެސެސަރީސް ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

އެއީ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށް ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށް ޖަޕާނުން ބުންޏެވެ.

ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޖަޕާން ސަރުކާރުން ވަނީ މީގެކުރިން ވެސް ބޮޑެތި އެހީތަކެއް ދީފަ އެވެ.

comment ކޮމެންޓް