މިއަދު ޕޮޒިޓިވްވީ 51 މީހުން

އޭޕްރީލް 24، 2020: މާލޭ މަގެއްގެ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އިތުރު 51 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހެއްގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި ދެ މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހެކެވެ.

އިއްޔެ ރާއްޖެއިން 69 މީހަކި ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިއަދު ޕޮޒިޓިވްވި 51 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 14،633 އަށް އަރައިފައެވެ.

މިވަގުތު 962 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު 73 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެންނެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ 49 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 13،615 އެވެ.

މި ބަލީގައިި 49 މީހަކު ރާއްޖޭގައި ވަނީ މަރުވެފައެވެ.

މިދިޔަ ޑިސެމްބަރު ނިމުނުއިރު ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށުގައި ހުރުމަށްފަހު އެ އަދަދު އަލުން ވަނީ އިތުރުވާން ފަށައިފަ އެވެ.

ކޮންމެ ދުވަހަކު އާންމުކުރާ ހިސާބުތަކަށް ބަލާއިރު ސީދާ ދުވަހުން ދުވަހަށް ޕޮޒިޓިވްވާ އަދަދު އިތުރުވާކަމަށް ނުދެއްކި ނަމަވެސް ޖުމްލަކޮށް ބަލާނަމަ ޓްރެންޑު ދައްކާގޮތުުން މިހާރު މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާކަމަށް ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް