އެޗްޕީއޭ އިން އިންތިހާބާ ބެހޭ ގައިޑްލައިން ފޮނުވައިފި، އީސީގެ ކަންބޮޑުވުންތަކެއް

ޑިސެމްބަރ 10، 2020: އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުންސިލް އިންތިހާބު ބޭއްވާނަމަ އަމަލުކުރަންޖެހޭނެ ގޮތުގެ ގައިޑްލައިން ޑްރާފްޓްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ބަދަލުކޮށް އެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދު އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ އެ ބިލު ފާސްވުމާއެކު އެޗްޕީއޭގެ ފަރާތުން އިންތިހާބު ބާއްވާނެ ގޮތުގެ ގައިޑްލައިނުގެ ޑްރާފްޓް ފޮނުވާފައިވާ ކަމަށެވެ.

އަދި އެ ޑްރާފްޓާ ގުޅޭގޮތުން އީސީން ފާހަގަކުރަން ހުރި ކަންކަން ފާހަގަކޮށް މި ހަފްތާގެ ތެރޭގައި އެޗްޕީއޭ އާ ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެ ޑްރާފްޓާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން ދެކޭގޮތް ބެލުމަށް މާދަމާ އިންތިހާބާ ބެހޭ އެޑްވައިޒަރީ ކޮމެޓީގެ ބައްދަލުވުމެއް މާދަމާ ބާއްވާން ނިންމާފައިވާ ކަމަށެވެ.

"އެއީ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމާ އަދި މި ގައިޑްލައިނާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުން ދެކެނީ ކިހިނެތްތޯ، އަދި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބެލުމަށް އެބޭފުޅުންނާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމެއް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެޗްޕީއޭ އިން ފޮނުވި ގައިޑްލައިންގައި އީސީން ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އޮފިޝަލުން ތަމްރީނުކުރަން ރަށްތަކަށް ފޮނުވާ މީހުން 10 ދުވަހަށް ކަރަންޓީނުވާން ޖެހުމާއި، ބެކަޕް އޮފިޝަލުން ނަގަން ޖެހުމާއި އަދި ވޯޓުލާ ކިޔޫ ތަރުތީބުކުރުމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވާ ގޮތާމެދު ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"މިސާލަކަށް އޮފިޝަލުންގެ ބަޔަކު ޕޮޒިޓިވްވެއްޖެއްޔާ ދެން ކަންތައް ކުރަންޖެހޭނެ ގޮތް އެބޭފުޅުން ހުށަހަޅުއްވާފައި އޮތް ޕްލޭނަކީ އިތުރު އޮފިޝަލުން ނަގާށޭ. އިތުރު އޮފިޝަލުން ނެގުމަކީ އަނެއްކާ ބަޖެޓަށް ބުރަ ބޮޑުވެގެން ދާނެ ކަމެއް. އަނެއްކާ ރަށްރަށަށް 10 ދުވަހުގެ ކުރިން ޓްރެއިނަރުން ފޮނުވައިފިއްޔާ އެ 10 ދުވަހުގެ ހަރަދު އަނެއްކާ، މިސާލަކަށް 80 ވަރަކަށް 100 ވަރަކަށް ޓްރެއިނަރުންގެ 10 ދުވަހުގެ ހަރަދަށް ވެސް ފުދޭވަރަކަށް ބޮޑު ފައިސާ ހަރަދުވާނެ. އެހެންވީމަ ތަންކޮޅެއް ހަރަދު ބޮޑު ކަހަލަ ގޮތަކަށް ގައިޑްލައިން އޮތީ،" ޝަރީފް ވިދާޅުވި އެވެ.

ހަމައެއާއެކު ކިޔޫ ތަރުތީބުކޮށް، ވޯޓުލާ މަރުކަޒުތަކަށް އެއްފަހަރާ ވެއްދޭނެ މީހުންގެ އަދަދާ ގުޅޭގޮތުން ވެސް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޝަރީފް ވިދާޅުވީ ގައިޑްލައިންގައި ވާގޮތުން، އިންތިހާބުގައި ވޯޓުލުމަށް ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމަށެވެ. އަދި ގިނަ ވަގުތު ހޭދަވާނަމަ ގިނަ ބަޔަކު ވޯޓުނުލައި، އަނބުރާ ގެއަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އެހެންވިމަ ވޯޓުގެ ޓާންއައުޓް ވަރަށް ބޮޑަށް ދަށްވެގެން ހިނގައިދާނެ. އަދި އިންތިހާބުގެ ވެލިޑިޓީއާ މެދު މީހުން ސުވާލުއުފައްދާފާނެ ފަހަރެއްގަ. މަދު ބަޔަކު ވޯޓުލީމަ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އީސީގެ ފަރާތުން ހުރި ކަންބޮޑުވުންތަކާއި، ޕާޓީތަކުގެ ކަންބޮޑުވުންތައް ވެސް ބެލުމަށްފަހު، މި ހަފްތާގެ ތެރޭގައި އެ ކަންކަން އެޗްޕީއޭ އާ ހިއްސާކުރާނެ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.

އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ.

އެކަމުގެ ސަބަބުން އިންތިހާބު ބާއްވަން ހުރަސް އެޅޭތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގަވެސް އިންތިހާބު ބޭއްވޭނެ ގޮތަށް ބޭވޭނެ ގޮތަށް ބިލު އިސްލާހު ކުރުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ.

މަޖިލީހުން މިއަދު އެ ބިލު ފާސް ކުރީ، ވޯޓުގައި ބައިވެރި 38 މެމްބަރުންގެ ވޯޓާއެކު އެވެ.

މިހާރު ބިލު އޮތް ގޮތުން، އަދިވެސް މެއި 10ގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް މިހާރު ބިލުގައި އޮތީ ހިމަނާފައެވެ.

comment ކޮމެންޓް