އިންޑިއާ އިން ދޭ ކޮވިޑް ވެކްސިން މާދަމާ ރާއްޖެއަށް

ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު މޯދީ ޢާއި ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް19 އާ ދެކޮޅަށް އިންޑިއާގައި ދެމުން އަންނަ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިންގެ ޝިޕްމަންޓް މާދަމާ ރާއްޖެ ގެންނާނެ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އެ ވެކްސިން އުފައްދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުންނެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ލިބިފައި ނުވި ނަމަވެސް، އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެފައި ވަނީ ދިވެހި ސަރުކާރުން ހޯދަންޖެހޭ ހުރިހާ ހުއްދައެއް ލިބިފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެ ވެގެންދާނީ އިންޑިއާގެ ވެކްސިން ލިބޭ ފުރަތަމަ ގައުމަށެވެ.

އިންޑިއާ ނޫސްތަކުން ބުނެފައި ވަނީ ރާއްޖެއަށް ވެކްސިން ފޮނުވަނީ ފްރަންޓްލައިން ވޯކަރުންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ވަރަށް ކަމަށެވެ.

އަދި ވެކްސިން ޝިޕްމަންޓް ހިފައިގެން އަންނަ އެއާ އިންޑިއާގެ ފްލައިޓު މާދަމާ މެންދުރު 02:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މާދަމާ ރާއްޖެއަށް ވެކްސިން ގެންނާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވާއިރު، އިންޑިއާގެ ކޮވިޑް ވެކްސިން ރާއްޖެއަށް ވަރަށް އަވަހަށް ލިބޭނެ ކަމަށް، އެ ގައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރް މި މަހުގެ 17 ވަނަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގައި ކޮވިޑް19 އެންމެ ބާރަށް ފެތުރޭ ދެވަނަ ގައުމު ކަމަށްވާ އިންޑިޔާއިންވަނީ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ އޮކްސްފޯޑް- އަސްޓްރާޒެނެކާ ވެކްސިން އާއި އިންޑިޔާ އަމިއްލަ އަށް އުފައްދާފައިވާ ބާރަތު ވެކްސިން ކުއްލި ހާލަތްތަކުގައި އާންމުންގެ ގަޔަށް ޖެހުމުގެ ހުއްދަ ދީފައެވެ.

ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާގޮތުން ރާއްޖެ އަށް ގެންނަން މަސައްކަތް ކުރަމުން ދިޔައީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދި ވެކްސިން އެވެ. އެ ވެކްސިން ގެނައުމަށް މާލިއްޔަތު ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރުންވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.

ވެކްސިން ޖެހުން ފެށުމަށް މިހާރު އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޓްރެއިނިން ދިނުމުގެ މަސައްކަތް ރާއްޖޭގައި ފަށާފައި ވާއިރު ރާއްޖެ އަށް ވެކްސިން ގެނެސް، ވެކްސިން ދޭން ފެށޭނެ ސީދާ ތާރީހެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް