އަންހެނުންނަށް ގޮނޑި ހާއްސަ ކުރި މައްސަލައިގެ ހުކުމް އާދީއްތަ ދުވަހު

ހައިކޯޓު: އަންހެނުންނަށް ގޮނޑި ހާއްސަ ކުރި މައްސަލައިގެ ހުކުމް ކުރުން އާދީއްތަ ދުވަހަށް ވަނީ ތާވަލުކޮށްފައި --- ސަން ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބަށް އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުން އަންނަ ހަފްތާގެ އާދީއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި، އެ އިސްލާހުން ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިކަން އަންނަ ކަމަށް ބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، އަދި ގާނޫނީ ވަކީލު މޫސާ އަންވަރެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިހާރު އެ މައްސަލައިގައި ހުކުމް ކުރުމަށް ބޭއްވޭ އަޑުއެހުން އަންނަ އާދީއްތަ ދުވަހު ބާއްވަން ވަނީ ޗިޓު ފޮނުވާފަ އެވެ.

މި މައްސަލައަކީ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މައްސަލައެކެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމާއި ފަނޑިޔާރު ހުސައިިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި މޫސާ އަންވަރު ވިދާޅުވެފައި ވަނީ، އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން ރާއްޖޭގެ ގާނޫނުއަސާސީ ތަން ނުދޭ ކަމަށެވެ. އެއީ ގާނޫނުއަސާސީގައި ބަޔާން ކުރާ ބައެއް އަސާސީ ހައްގުތައް އެކަމުން ނިގުޅައިގަނެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެންނެވެ.

ދައުލަތުން ބުނެފައި ވަނީ އަންހެނުންނަކީ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބެން ޖެހޭ ބައެއް ކަމަށެވެ. އެހެންކަމުން، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދުމަށް ގޮނޑި ހާއްސަ ކުރުން ފަދަ ފިޔަވަޅުތައް އެޅުމަކީ ގާނޫނުއަސާސީ ތަސައްވުރު ކުރާ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

އަދި އަންހެނުންނަކީ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަން ލިބިދޭން ޖެހޭ ބައެއްކަން އިލްމީ ލިޔުންތަކުންވެސް އެނގެން އެބަ ހުރިކަމަށާއި އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ޖިންސީ ތަފާތު ކުރުން ނޫން ކަމަށް ޔޫރަޕިއަން ކޯޓް ހިއުމަން ރައިޓްސް އަދި ޔޫރަޕިން ކޯޓް އޮފް ޖަސްޓިސްއިން މީގެ ކުރިން ކަނޑައަަޅާފައިވާކަން ދައުލަތުން ފާހަގަ ކުރި އެވެ.

comment ކޮމެންޓް