ސްރީދޭވީގެ ދަރިފުޅު ޚުޝީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަނީ

ޚުޝީ ކަޕޫރު---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސްރީދޭވީ އާި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ހަދު ދަރިފުޅު ޚުޝީ ކަޕޫރު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ބޯނީ ބުނެފި އެވެ.

ބޯނީ ބުނީ ދަރިފުޅު ޚުޝީ ވެސް ފިލްމުކުޅެން ޝައުގުވެރިކަން ހުންނަ ކަމަށާއި ބޭބެ އަރުޖުން ކަޕޫރާއި ދައްތަ ޖާންވީ ކަޕޫރު ފަދައިންވެސް ބޮލީވުޑްގައި މަސައްކަތް ކުރަން އޭނާ ބޭނުންވާ ކަމަށެވެ. ސްރީދޭވީގެ ފިޔަވަޅު މަތިން ޚުޝީ ވެސް ދާއިރާއަށް ނުކުންނަށް ތައްޔާރަށް ހުރިކަމަށާއި އޭނާގެ ޑެބިއު ފިލްމު އަވަސް މުސްތަގްބަލެއްގައި އިއުލާންކުރާނެ ކަމަށްވެސް ބޯނީ ވަނީ ބުނެފަ އެވެ.

ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބޯނީ ބުނީ ބޮލީވުޑަށް ޚުޝީ ނެރުމުގެ ބާރު އޭނާ އަތުގައި ވެސް އެބައޮތް ކަމަށާއި އެކަމަކު ބޭނުންވަނީ އެހެން މީހަކު ލައްވާ އޭނާ ބޮލީވުޑަށް ތައާރަފްކުރުވަން ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ޚުޝީ ވެސް އަމިއްލަ ފައި މައްޗަށް ތެދުވެ އަމިއްލައަށް ކެރިއަރައިގެން ކުރިއަށް ދިޔުމަށް ކަމަށެވެ. ޚަބަރުތައް ބުނާގޮތުގައި ޚުޝީ ބޮލީވުޑަށް ނުކުންނާނީ ކަރަމް ޖޯހަރުގެ ފިލްމަކުންނެވެ.

ޚުޝީ ކަޕޫރުގެ ދައްތަ ޖާންވީ ކަޕޫރު ވަނީ 2018 ވަނަ އަހަރު ނެރުނު ފިލްމު "ދަޅަކް"އިން ބޮލީވުޑަށް ތައާރަފްވެފަ އެވެ. އޭނާގެ މަންމަ ސްރީދޭވީ އަކީ ބޮލީވުޑްގައި ނަން މަޝްހޫރު ކުޅަދާނަ އެކްޓަރެއް ވެސް މެއެވެ. މީގެ ތިން އަހަރު ކުރިން ސްރީދޭވީ ވަނީ ގެނބިގެން މަރުވެފަ އެވެ.

comment ކޮމެންޓް