ހަރުކަށި ގަވާއިދުތަކާ އެކު ލަންކާ ފަތުރުވެރިންނަށް ހުޅުވާލަނީ

ސްރީލަންކާގެ މައި އެއާޕޯޓު --

ކޮލަމްބޯ (ޖެނުއަރީ 19): ސްރީލަންކާއިން 10 މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އަންނަ ބުރާސްފަތި ދުވަހު އެގައުމުގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލަން ނިންމައިފި އެވެ.

ލަންކާގެ ޓުއަރިޒަމް ޕްރޮމޯޝަން ބިއުރޯ (އެސްއެލްޓީޕީބީ) އިން ބުނި ގޮތުގައި އެގައުމަށް ފަތުރުވެރިން ގެންނަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ފަހު އެވެ.

"ލަންކާއަށް ކުރާ ދަތުރަކީ ވީހާވެސް ރައްކާތެރި އަދި އަމާން ދަތުރަކަށް ހެދުމަށްޓަކައި ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅާފަ،" އެސްއެލްޓީޕީބީއިން ބުންޏެވެ.

ލަންކާއިން އެގައުމުގެ ބޯޑަރުތައް ހުޅުވާލަނީ އެގައުމުން "ކޮވިޑާ ގުޅިގެން އަޅާ ފިޔަވަޅުތައް ޓެސްޓު ކުރުމަށްޓަކައި" މިދިޔަ މަހު ޗާޓަރު ފްލައިޓުތަކުގައި ޔޫކްރެއިންގެ 1،700 ފަތުރުވެރިން ގެންދިޔުމަށް ފަހު އެވެ.

ލަންކާއިން ވަނީ އެގައުމަށް ދާ ފަތުރުވެރިން ތިބެން މިހާރު 55 ހޮޓެލް ހާއްސަކޮށްފަ އެވެ. އަދި އެ ހޮޓެލްތަކުގައި މަސައްކަތް ކުރާ މީހުން ފިޔަވާ ލަންކާގެ އެހެން ރައްޔިތުންނަށް އެ ހޮޓެލްތައް ބޭނުން ނުކުރެވޭނެ އެވެ. އަދި ހުރިހާ ފަތުރުވެރިން ލަންކާއަށް ދިޔުމުގެ ކުރިން، ފަސް ދުވަސް ނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ދައްކަން ޖެހޭނެ އެވެ.

މީގެ އިތުރުން ހަތް ދުވަހުގެ ދަތުރަކަށް ދާ މީހުން އިތުރު ދެ ޕީސީއާރު ޓެސްޓު ހަދަން ޖެހޭ އިރު އެއަށް ވުރެ ގިނަ ދުވަހަށް ދާ މީހުން ތިން ޓެސްޓު ހަދަން ޖެހޭނެ އެވެ. އަދި ކޮވިޑާ ގުޅުން ހުރި ސިއްހީ ހަރަދުތަކަށް އިންޝުއަރެންސްގެ ގޮތުގައި 12 ޑޮލަރު ދައްކަން ޖެހޭނެ އެވެ.

ލަންކާގެ ސަރުކާރުން ބުނި ގޮތުގައި އެގައުމަށްދާ ފަތުރުވެރިޔަކަށް ކޮވިޑް ޖެހި، ބަލީގެ އަލާމާތްތައް ނުފެންނަ ނަމަ އެމީހަކު ހޮޓެލުގައި އެކަހެރި ކުރާނެ އެވެ. އަދި އަލާމާތްތައް ފެންނަ ނަމަ ހޮސްޕިޓަލަށް ގެންދާނެ އެވެ.

ލަންކާއިން ފަތުރުވެރިންނަށް ބޯޑަރުތައް ހުޅުވާލި ނަމަވެސް އެގައުމަށް އިނގިރޭސިވިލާތުން ފްލައިޓުތައް ދިޔުން އޮންނާނީ މަނާކޮށްފަ އެވެ. އަދި ލަންކާއަށް ދިޔުމުގެ ކުރިން އިނގިރޭސިވިލާތުގައި ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ހޭދަ ކޮށްފައިވާ މީހުންނަށް އެގައުމަށް ނުވަދެވޭނެ އެވެ.

ލަންކާގައި މިދިޔަ އޮކްޓޯބަރު މަހުގެ ފަހުން ކޮރޯނާވައިރަހުގެ ކޭސްތައް ވަނީ އިތުރުވެފަ އެވެ. އަދި އޮކްޓޯބަރު މަހާ ހަމަޔަށް އެގައުމުން ކޮވިޑުގައި މަރުވީ 13 މީހުން ކަމަށްވީ ނަމަވެސް މިހާރު އެ އަދަދު ވަނީ 260އަށް އަރާފަ އެވެ. އަދި އެގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 53،000 ހުރަސްކޮށްފަ އެވެ.

comment ކޮމެންޓް