ނާދު ވަކިކޮށް ސަސްގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި

ސަސްގެ ކޯޗުކަމަށް މޯހަން ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ސަސް

މިފަހަރުގެ ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުކަމުގައި ހުރި އަހްމަދު ނާޝިދު (ނާދު) މަގާމުން ވަކިކޮށް އީގަލްސްގެ ކޯޗުކަމުގައި ސީޒަނުގެ ކުރީ މެޗުތަކުގައި ހަރަކާތްތެރިވި މުހައްމަދު ޝިޔާޒް (މޯހަން) އެ މަގާމަށް ހަމަޖައްސައިފި އެވެ.

މި ސީޒަނުގެ ނިޔަލަށް ނާދު އާއި ސަސްގެ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލާފައިމިވަނީ އޭނާ މަގާމުން އިސްތިއުފާނުދޭނެކަމަށް މިފަހުން ބުނެފައިވަނިކޮށެވެ. ސީޒަން ފެށުމުގެ ކުރިން ވެސް ޓާގެޓްކޮށްފައި ވާނީ ގަދަ ހައެއްގެ ތެރޭގައި ދެމިއޮތުމަށް ކަމަށް ކުލަބުން ފާހަގަ ކުރި ކުރުން ތަކުރާރު ކުރަމުން ނާދު އޭރު ބުނީ، ސަސް ބަލިވީ މާޒިޔާ އަތުން އެކަނި ކަމަށާއި ޓީމު އަދިވެސް އޮތީ ގަދަ ހައެއްގެ ތެރޭގައި ކަމަށެވެ. އެހެންވެ އޭނާ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ނާދު އޭރު ބުންޏެވެ.

ނާދު ސަސް ކޯޗުކަމާ ވަކިވިއިރު އެ ޓީމު އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. އީގަލްސް އަތުން ސަސް މޮޅުވިއިރު، އެ ޓީމު ވަނީ ޓީސީ، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ އަދި ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށްފަ އެވެ. ނާދުގެ ކޯޗުކަމުގައި ސަސް ބަލިވީ ހަމައެކަނި ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަތުންނެވެ.

ނާދުގެ ކޮންޓްރެކްޓް ސަސްއިން އިއްޔެ އުވާލި އިރު، މިއަދުގެ ވަގުތެއްގައި އެ ޓީމުގެ އައު ކޯޗަކަށް ވަނީ އެންމެ ފަހުން ހަ މެޗުގައި އީގަލްސްއަށް ކޯޗުކަންކޮށްދިން މޯހަން ހަމަޖައްސައިފަ އެވެ. މޯހަން އީގަލްސް އަށް ކޯޗުކޮށްދިން ފަހު މެޗަކީ މިދިޔަ ހަފުތާގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން 4-1 އިން ބަލިވި މެޗެވެ. އެ މެޗަށްފަހު މޯހަން ކޯޗުކަމުން ވަކި ކުރި އިރު، ގަލްސް މި ވަގުތު އޮތީ ހަތް ވަަނައިގަ އެވެ.

ނާދު ސަސް އިން ވަކިވުމާ އެކު ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނުނިމެނިސް ޓީމާ ވަކިވި ފުރަތަމަ ޑިވިޝަނުގެ ކޯޗުން ވަނީ ހަތަރަކަށް އަރައިފަ އެވެ. މިއީ މިހާތަނަށް ފުރަތަމަ ހަ މެޗަށްފަހު ރާއްޖޭގެ ލީގުގައި އެންމެ ގިނަ ކޯޗުން ވަކި ކުރި ފަހަރެވެ.

comment ކޮމެންޓް