ނަދީމްގެ މަރު: ޖުވެނައިލް ކޯޓުގައި ދައުވާ ކުރާ "ކުޑަކުއްޖާ" ދޫކޮށްލައިފި

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް --

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގައި ދައުވާ ކުރި ކުޑަކުއްޖާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި އެވެ.

ނަދީމް މަރާލީ ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު އޭނާ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު އެތަނަށް އައިސް އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ އެވެ.

އޭނާގެ މަރާ ގުޅިގެން، އެ ހާދިސާ ހިނގި އިރު 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް، މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލި އެވެ. އޭނާގެ މައްސަލަ ބެލީ ޖުވެނައިލް ކޯޓުގަ އެވެ.

އޭނާގެ މައްސަލަ ކުރިން ޖުވެނައިލް ބާތިލު ކުރި ނަމަވެސް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފައިވާތީ އެ މައްސަލަ ޖުވެނައިލް ކޯޓުގައި ދެވަނަ ފަހަރަށް ބަލަން ވަނީ ފަށައިފަ އެވެ. އަދި ޖެނުއަރީ 5ގައި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުވެސް ކުރި އެވެ.

ނަމަވެސް، އިއްޔެ ޝަރުތުތަކާއެކު އޭނާ އަނެއްކާވެސް ބަންދުން ދޫކޮށްލަން ޖުވެނައިލް ކޯޓުން ވަނީ ނިންމާފަ އެވެ. އެ ކޯޓުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އޭނާ ބަންދުން ދޫކޮށްލީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގެ ދަށުން ޝަރުތުތަކާއެކު 100 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެ ޝަރުތުތަކުގެ ތެރޭގައި ހެކިބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ މީހުންނާ މުއާމަލާތް ނުކުރުމާއި، ގަޑިއަށް ކޯޓަށް ހާޒިރުވުމާއި، ރޭގަނޑު ހަތަކުން ހެނދުނު ހަޔަކަށް ގޭގައި ހުރުމާއި، އެއްވެސް ގްރޫޕަކަށް ނިސްބަތްވާ މީހަކާ އެކު ނޫޅުމާއި، ގްރޫޕެއް ޖަމާވާ ތަނަކަށް ނުދިޔުމާއި، އެއްވެސް ކުށެއް ނުކުރުމާއި، ކޯޓުގައި ހިނގާ މައްސަލައާ ގުޅޭ މައުލޫމާތު ރަސްމީ ފަރާތެއް ނޫން ފަރާތަކާ ހިއްސާ ނުކުރުން ހިމެނެ އެވެ. އޭގެ އިތުރުން ޑީޖޭއޭއިން ހިންގާ ޕްރޮގްރާމަކަށް އެއްބާރުލުން ދިނުމަށްވެސް ޝަރުތުކޮށްފައިވެ އެވެ.

ޖުވެނައިލް ކޯޓުން އޭނާގެ މައްސަލަ އެންމެ ފުރަތަމަ ބެލި އިރުވެސް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ބަންދުން ދޫކޮށްލަން މައްސަލަ ބެއްލެވި ގާޒީ ނިންމެވި އެވެ. ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެންގީ، ހައިކޯޓުގެ ހުކުމުގައި ފާހަގަކުރި ކަންކަމަށް ރިއާއަތްކޮށް، ޖުވެނައިލް ކޯޓުން އަލުން ބަންދާ މެދު ގޮތެއް ނިންމުމަށެވެ.

ބަންދާ މެދު ޖުވެނައިލް ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ދައުލަތުން އެދިފައި އޮއްވާ، އެ ކޯޓުން ކުޑަކުއްޖާއަށް ކުރި ދައުވާގެ މައްސަލަ ބޭރުކޮށްލީ އެވެ. އެއީ ދައުވާ ކުުރީ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ އެވެ. އެ މައްސަލަ ބޭރުކޮށްލަން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ހުކުމް ކުރީ ޖުވެނައިލް ކޯޓުން އަލުން އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. މިހާރު ޖުވެނައިލް ކޯޓުން އެ ކުއްޖާގެ މައްސަލަ ދެވަނަ ފަހަރަށް ބަލަމުން ދަނީ ހައިކޯޓުގެ އެ ނިންމުމާ ހެދި އެވެ.

ކުށް ކުރި އިރު އޭނާއަށް 18 އަހަރު ނުފުރޭތީ އޭނާގެ މައުލޫމާތު ހާމަ ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

ނަދީމްގެ މަރާ ގުޅިގެން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެ އެވެ.

އެ މީހުންގެ މައްސަލަތައް ކްރިމިނަލް ކޯޓުގައި އަދިވެސް ކުރިއަށްދެ އެވެ.

comment ކޮމެންޓް