އަޔޯދިޔާގައި މިސްކިތް އެޅުމުގެ މަޝްރޫއު އަންނަ ހަފްތާގައި ފަށަނީ

ބާބްރީ މިސްކިތުގެ މައްސަލައިގައި ސުޕްރީމް ކޯޓުން އާ މިސްކިތެއް އަޅަން ދިން ބިމުގައި މިސްކިތް އެޅުމުގެ މަސައްކަތް އަންނަ އަންގާރަ ދުވަހު ފަށާނެ -- ފޮޓޯ: ރޮއިޓާސް

އަޔޯދިޔާ (ޖެނުއަރީ 19): އިންޑިއާގެ އަޔޯދިޔާގައި ހުރި ބާބްރީ މިސްކިތް ތަޅާލި މައްސަލާގައި އެހެން މިސްކިތެއް ބިނާ ކުރަން އެގައުމުގެ ސަރުކާރުން މުސްލިމުންނަށް ދިން ބިމުގައި މިސްކިތް އެޅުމުގެ މަޝްރޫއު އަންނަ އަންގާރަ ދުވަހު ފަށާނެކަން އިއުލާންކޮށްފި އެވެ.

ބާބްރީ މިސްކިތް 1992 ވަނަ އަހަރު ތަޅާލި މައްސަލާގައި އިންޑިއާގެ ސުޕްރީމް ކޯޓުން ނޮވެމްބަރު 2019ގައި ނިންމީ އެ މިސްކިތުގެ އިމާރާތުގެ ތިރީގައި "އިސްލާމީ ނޫން ބިނާއެއްގެ ބައިތައް" ހުރިކަން ކޯޓަށް ހުށަހެޅި ހެކިން ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ބިމުގައި ހިންދޫންގެ ފައްޅިއެއް އަޅަން އެ ކޯޓުން އެންގި އެވެ. އަދި އާ މިސްކިތެއް އަޅަން ފަސް އޭކަރުގެ ބިމެއް ދޭން ކޯޓުން އިންޑިއާގެ މައި ސަރުކާރަށް އެންގި އެވެ.

އިންޑިއާގެ ސަރުކާރުން އެ މިސްކިތް އަޅަން ދިނީ ބާބްރީ މިސްކިތް ހުރި ބިމާ 15 މޭލު ދުރުގައި އޮންނަ ސަރަހައްދެކެވެ. އަދި އެ ބިމާ ހަވާލުވި ސުންނީ ސެންޓްރަލް ވަގްފް ބޯޑުން ވަނީ މިސްކިތް އެޅުމުގެ މަސައްކަތަށް އިންޑޯ-އިސްލާމިކް ކަލްޗަރަލް ފައުންޑޭޝަން (އައިއައިސީއެފް) އުފައްދާ، އެ މަސައްކަތް ހަވާލުކޮށްފަ އެވެ.

އައިއައިސީއެފް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ މިސްކިތް އެޅުމުގެ މަސައްކަތް ފަށާނީ އެގައުމުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރާ އިރު އަންނަ އަންގާރަ ދުވަހު އެވެ. އަދި އެ މަސައްކަތް ފަށާނީ އެ ސަރަހައްދުގައި ގައުމީ ދިދަ ނަގާ، ގަސް އިންދުމަށް ފަހު އެވެ.

"އިންޑޯ-އިސްލާމިކް ކަލްޗަރަލް ފައުންޑޭޝަނުން އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރާނީ ދަންނީޕޫރު މިސްކިތް މަޝްރޫއުގެ ފެށުމާ އެކު، އެ މަޝްރޫއުގެ ތެރޭގައި ހޮސްޕިޓަލަކާއި ދާރުލްއާސާރަކާއި ކުތުބުހާނާއަކާއި ކޮމިއުނިޓީ ކިޗެންއަކާއި އިންޑޯ-އިސްލާމިކް ކަލްޗަރަލް ރިސާޗް ސެންޓަރާއި ޕަބްލިކޭޝަން ހައުސްއަކާއި މިސްކިތެއް ހިމެނޭ." އައިއައިސީއެފްއިން ބުންޏެވެ.

އައިއައިސީއެފް އިން ބުނި ގޮތުގައި އެ ސަރަހައްދުގައި އިންދާނީ އިންޑިއާގެ އެކި ސަރަހައްދުތަކާއި ދުނިޔޭގެ އެކި ގައުމުތަކުން ގެންގޮސްފައިވާ ގަސްތަކެވެ. އެގޮތުން އެމެޒޯން ޖަންގައްޔާއި އޮސްޓްރޭލިއާގެ ޖަންގަލިތަކުން ގެންދާ ގަސްތައް އޭގެ ތެރޭގައި ހިމެނޭނެ އެވެ.

ބާބްރީ މިސްކިތް ހުރި ބިމުގައި ފައްޅިއެއް އެޅުމުގެ މަސައްކަތް މިދިޔަ އޮގަސްޓު މަހު ވަނީ ފަށާފަ އެވެ. އަދި އެ ފައްޅި އެޅުމުގެ ހަރަދުތަކަށް ހިންދޫ ޖަމާއަތްތަކުން ވަނީ މިހާތަނަށް 13 މިލިއަން ޑޮލަރު އެއްކޮށްފައި ކަމަށާއި އެ މީހުންގެ އަމާޒަކީ 2024 ވަނަ އަހަރު ބާއްވާ އާއްމު އިންތިހާބުގެ ކުރިން އެ ފައްޅި އަޅާ ނިންމުން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރެ އެވެ.

ހިންދޫން ބުނާ ގޮތުގައި 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ބާބްރީ މިސްކިތް އަޅާފައި ވަނީ އެމީހުންގެ 'ރާމް ކަލާނގެ' އުފަންވި ތަނުގަ އެވެ. އަދި އެ މިސްކިތް ހެދީ އެތާގައި ހުރި ހިންދޫ ފައްޅިއެއް ތަޅާލުމަށް ފަހުގަ އެވެ.

ބާބްރީ މިސްކިތް ތަޅާލި ފަހުން މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި 2،000 މީހުން މަރުވި އެވެ.

comment ކޮމެންޓް