މިނިސްޓަރު އިމްރާން އަދާލަތުގެ ރައީސަކަށް ކުރިމަތިލައްވައިފި

އިމްރާން: އޭނާ ވަނީ އަދާލަތުގެ ރައީސްކަަމަށް ކުރިމަތިލާފައި --- ސަން ފައިލް ފޮޓޯ

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް، މިހާރުވެސް އެ މަގާމު ފުރުއްވަމުންދާ އިމްރާން އަބްދުﷲ ކުރިމަތިލައިފި އެވެ.

ހޯމް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން އެ ޕާޓީގެ ރައީސް ގެ މަގާމަށް ކުރިމަތިލާފައިވާކަން މިއަދު އޭނާ ވަނީ ހާމަ ކުރައްވާފަ އެވެ.

"މި ގޮތަށް މި ނިންމީ ގައުމުގެ ހާލަތު ހުރިގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުގެ ދައުރު މުހިންމުކަމަށް އޭޕީގެ ގިނަ މެމްބަރުން ފާހަގަކުރައްވާތީ،" މަގާމަށް ކުރިމަތިލެއްވިކަން ހާމަކުރައްވާ، އިމްރާން މިއަދު ކުރެއްވި ޓްވީޓްގައި ލިޔެފައިވެ އެވެ.

އަދާލަތު ޕާޓީގެ އިސްމަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑު ހަމަވާނީ، މިއަދު މެންދުރު 2:00އަށެވެ. އިންތިހާބު އޮތީ މިމަހު 30 ވަނަ ދުވަހު އެވެ.

މިފަހަރު ޕާޓީގެ ރައީސްއާއި ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅުން އިންތިހާބުކުރާނެ އެވެ.

ޕާޓީގެ ރައީސްގެ މަގާމަށް އިމްރާން ފިޔަވައި، އިތުރު މީހަކު ކުރިމަތިލީކަން އަދި ހާމައެއް ނުކުރެ އެވެ.

އަދާލަތު ޕާޓީ ރަސްމީގޮތުން ރަޖިސްޓްރީ ކޮށްފައިވަނީ އޯގަސްޓް 18، 2005ގައި އެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ، 6،640 އެވެ.

comment ކޮމެންޓް