ނަފްސާނީ ބަލި ހުރި ކަމަށް ބުނެ ސަލާމަތްވި މީހެއްގެ މައްސަލަ އަލުން ބަލަނީ

ކުރިމިނަލް ނޯޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ-- -ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޑިޕްރެޝަންއާއި އެންޒައިޓީގެ ސަބަބުން ވިސްނުމަށް އަސަރުކޮށްފައިވާ ކަމަށް ބުނުމުން، މަސްތުވާތަކެތީގެ މައްސަލައެއްގައި ސަލާމަތްވި މީހެއްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފި އެވެ.

ވ. ބިންފެހި، ހަމްދާން އަބްދުﷲއަށް ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ދައުވާ އުފުލީ އޭނާ ފެބްރުއަރީ 20، 2019ގައި އިންޑިއާއިން ރާއްޖެ އައި އިރު، އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު އުފެދިގެން އޭނާ ގެންގުޅުނު ކަރުދާސް ފޮއްޓެއް ބަލާފާސްކުރި އިރު އެ ފޮށީގެ ތެރެއިން ކެނަބިސް ފެނުމާ ގުޅިގެންނެވެ. ދިފާއުގައި އޭނާ ވަނީ ނަފްސާނީ މައްސަލަ ހުންނަ ކަމަށް ބުނެފަ އެވެ.

އެ މީހެއްގެ މައްޗަށް ކުރެވޭ ދައުވާގެ ބާވަތާއި މަގުސަދު ވިސްނައި ގަތުމަށް ނުކުޅެދުންތެރި މީހުންނަށާއި އަމިއްލަ ދިފާއުގައި ވާހަކަ ދެއްކުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުކުމް ނުކުރެވޭނެ ކަމަށް ގާނޫނުލްއުގޫބާތުގެ 62 ވަނަ މާއްދާގައި އޮވެ އެވެ. ހަމްދާންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި އެ ދިފާއު ވަނީ ނަގައިފަ އެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔައީވެސް އޭނާގެ މަންމަގެ ހާޒިރުގަ އެވެ.

އޭނާ އަކީ ހައި ޑިޕްރެޝަން އާއި އެންޒައިޓީ ލެވެލް ހުރުމުގެ ސަބަބުން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ސާބިތު ކުރުމަށް އޭނާގެ ފަރާތުން ވަނީ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓެއްވެސް ހުށަހަޅައިފަ އެވެ. ދައުވާ ލިބިގަތުމަށް ވިސްނުން ހަމްދާންގެ ހުންނާނެ ކަމަކަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ހާލަތު ދެނެގަތުމަށް ހެދި އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ސައިކޮލޮޖިސްޓް ކްރިމިނަލް ކޯޓުގައި ބުނެފައިވެ އެވެ.

ސައިކޮލޮޖިސްޓުގެ ބަހުގެ މައްޗަށް ރިއާއަތްކޮށް ކްރިމިނަލް ކޯޓުން ނިންމީ ހަމްދާންގެ ދައުވާ ނުބެލޭނެ ކަމަށެވެ.

ނަމަވެސް، ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އިއްޔެ ނިންމާފައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލު ކުރާށެވެ.

އެ މައްސަލައިގެ ހުކުމުގައި ފާހަގަކޮށްފައި ވަނީ ގާނޫނޫލްއުގޫބާތުގެ 62 ވަނަ މާއްދާގެ (ހ)ގެ ދަށުން ދިފާއު ލިބޭތޯ ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ރާއްޖޭގެ ގާނޫނީ ނިޒާމުގައި ނެތް ކަމެވެ. އެހެން ނަމަވެސް، ބޭރުގެ ޖުރިސްޑިކްޝަންތަކުގައި ނިންމާފައި ހުރި މައްސަލަތައް ރިއާއަތްކޮށް ހުކުމުގައި ވަނީ އެ ދިފާއު ލިބިގެންވާކަން ކަނޑައެޅުމުގައި ބެލިދާނެ ބައެއް ކަންތައްތައް ފާހަގަކޮށްފަ އެވެ

އެ ގޮތުން، އެ ދިފާއު ލިބޭތޯ ކަނޑައެޅުމުގައި ސިކުނޑީގެ ނުވަތަ ޖިސްމާނީ ސަބަބަކާ ހުރެ ދައުވާ ލިބޭ ފަރާތަށް އެފަރާތް ތަމްސީލްކުރާ ގާނޫނީ ވަކީލުންނަށް ބޭނުންވާ އިރުޝާދު ދިނުމުގެ ގާބިލުކަން ނެތުން، ދިފާއު ބިނާކުރުމުގައި އެހީތެރިވުމުގެ ގާބިލިއްޔަތުކަން ނެތުން، ހުށަހެޅޭ ހެކި ގަރީނާއަކީ ކޮބައިކަން ފަހުމުނުވުން، ޝަރީއަތް ހިނގަމުންދާ ގޮތް ފަހުމުނުވުން ފަދަ ކަންތައްތައްތަކަށް ބެލިދާނެކަމުގައި ދެކޭ ކަމަށް އެ ހުކުމުގައިވެ އެވެ.

ކްރިމިނަލް ކޯޓުގައި ސައިކޮލޮޖިސްޓާ ކުރި ސުވާލުގައި"ދައުވާ ލިބިގަތުމުގެ ވިސްނުން" ހުރިތޯ އަހާފައިވާއިރު، އެ ސުވާލުގެ ގާނޫނީ ކޮމްޕޯނަންޓް ތެރޭގައި ހިމެނޭ "ދައުވާ ލިބިގަތުން" ކަމަށް ބަލައިގަނެވެނީ ކޮންކަމެއްކަން ސައިކޮލޮޖިސްޓަށް އެނގޭނެ ފަދަ ގޮތަކަށް ސުވާލުކުރެވިފައިނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.

އޭގެ އިތުރުން، ހަމްދާންގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމަށްޓަކައި ކަންކުރަންވީ ގޮތް ބުނެދިނުމަށް ދެއްކި ވާހަކަތަކަށް ރަނގަޅަށް ޖަވާބު ދިން ކަމަށާއި ދެއްކި ވާހަކަ އެނގޭ ކަމަށާއި، ހުރިހާ ސުވާލުތަކަށް ރަނގަޅަށް ޖަވާބުދާރީވަމުން ދިޔަ ކަމަށާއި ވިސްނައިގަތުމާއި ދެނެގަތުން ރަނގަޅުކަމަށް ފާހަގަކުރެވޭކަމަށާއި އޭނާއަށް ރަނގަޅަށް ފަހުމްވި ކަމަށް ސައިކޮލޮޖިސްޓު ބުނެފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހަމަ އެެ ބީދައިން ހަމްދާނަށް ޝަރީއަތް ހިނގަމުންދާ ގޮތް ފަހުމުނުވާންވީ ސަބަބެއް، ނުވަތަ ޝަރީއަތަށް ހުށަހެޅޭ ހެކި ގަރީނާއަކީ ކޮބައިކަން ފަހުމުނުވާންވީ ސަބަބެއް، ނުވަތަ ތަމްސީލްކުރާ ގާނޫނީ ވަކީލުންނަށް ބޭނުންވާ އިރުޝާދު ދިނުމުގެ ގާބިލުކަން ނުހުންނަންވީ ސަބަބެއް ސައިކޮލޮޖިސްޓުގެ ބަހުން އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން، ހަމްދާންގެ ފަރާތުން ހުށަހެޅި ރިޕޯޓުގެ ސަމަރީގެ ތެރޭގައި އޭނާ އަމިއްލައަށް ސައިކޮލޮޖިކަލް ޓެސްޓުގެ ނަތީޖާ ކޮންޓްރޯލު ކުރުމަށް މަސައްކަތްކޮށްފައިވާކަން އެނގޭ ކަމަށާއި އެކަމުން ޑޭޓާއަށް އަސަރުކުރާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ކުށްވެރިވާކަން ނުވަތަ ކުށްވެރިނުވާކަން ބަޔާންކުރުމަށާއި، ދައުވާ ބަލައިގަތުމަށާއި ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުމުގެ ދިފާއު ލިބިގެންވޭތޯ ބެލުމުގައި ފަންނީ ބޭފުޅުންގެ މުހިންމުކަން ހުކުމުގައި ފާހަގަ ކުރި އެވެ. ނަމަވެސް، އެ ދިފާއު ލިބިގެން ވަނީ ފަންނީ ބޭފުޅުންގެ ލަފާގެ މައްޗަށް ރިއާއަތްކުރުމާއެކު ފަނޑިޔާރަށްވެސް ފާހަގަ ކުރެވޭ ކަންކަމުގެ މައްޗަށް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ހަމްދާން އަމިއްލައަށް ކްރިމިނަލް ކޯޓުގައި، ދައުވާއަށް އިންކާރުކުރާ ކަމަށާއި، އޭނާ އަކީ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދައުލަތުގެ ވަކީލެއްވެސް ލިބެންޖެހޭ މީހެއް ކަމަށް ވާތީ އެފުރުސަތަށްވެސް އެދިފައިވާ ހައިކޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެކަމުންވެސް އެނގެނީ އޭނާއަށް މައްސަލަ ފަހުމްވާކަން ކަމަށް ހުކުމުގައިވެ އެވެ.

"މުހައްމަދު ހަމްދާން އަބްދުﷲގެ ވިސްނުމަށް އެންޒައިޓީ އާއި ޑިޕްރެޝަންގެ ސަބަބުން އަސަރުކޮށްފައިވާކަން އެނގޭކަމާއި، އެހެންނަމަވެސް މިކަމުގެ ސަބަބުން އެފަރާތަށް ޝަރީއަތް ހިނގަމުންދާ ގޮތް ފަހުމުނުވާނެކަމާ ދައުވާގެ ބާވަތާއި މަގުސަދު ދެނެގަތުމުގެ ގާބިލިއްޔަތުކަމާއި ދިފާއުގައި ވާހަކަދެއްކުމުގެ ގާބިލިއްޔަތު ނެތްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުނުވާކަމުގައި ދެކެމެވެ،" ހުކުމުގައިވެ އެވެ.

ހައިކޯޓުގައި އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި، އިސްފަނޑިޔާރު ހާތިފް ހިލްމީއާއި ފަނޑިޔާރު ހުސެއިން މަޒީދެވެ.

comment ކޮމެންޓް