އެމެރިކާއަށް ޔޫރަޕް މީހުން ދިޔުން މަނާ ކުރާ ގަވާއިދު އުވާ ނުލާނެ: ބައިޑެންގެ ޓީމް

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ވަނީ ބައިނަލްއަގުވާމީ ދަތުރުތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޖެނުއަރީ 19): ކޮވިޑް-19އާ ހެދި ޔޫރަޕްގެ ގިނަ ގައުމުތަކާއި އިނގިރޭސިވިލާތާއި ބްރެޒިލްއިން އެމެރިކާއަށް މީހުން ދިޔުން މަނާ ކުރާ ގަވާއިދު އަންނަ އަންގާރަ ދުވަހު އުވާލާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެގޮތަށް އަމަލު ނުކުރާނެ ކަމަށް އިންތިހާބީ ރައީސް ޖޯ ބައިޑެންގެ ޓީމުން ބުނެފި އެވެ.

އެމެރިކާގެ ވައިޓް ހައުސްއިން އިއްޔެ އާއްމު ކުރި ބަޔާނެއްގައިވާ ގޮތުން ޔޫރަޕްގެ ޝެންގެން އޭރިއާ އާއި އިނގިރޭސިވިލާތާއި ބްރެޒިލްއިން އެމެރިކާއަށް މީހުން ދިޔުމަކީ އެގައުމުގެ މަސްލަހަތަށް ނުރައްކާވާ ކަމެއް ކަމަށް މިހާރު ނުބެލެވެ އެވެ. އެހެންކަމުން އަންނަ އަންގާރަ ދުވަހުން ފެށިގެން އެގައުމުތަކުގެ މީހުންނަށް އެމެރިކާއަށް ދެވޭނެ އެވެ.

ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ބައިޑެންގެ ތަރުޖަމާނު ޖެން ސަކީ ޓުވިޓާ މެދުވެރިކޮށް ވިދާޅުވި ގޮތުގައި "ކޮރޯނާވައިރަހުގެ އެހެން ވޭރިއެންޓުތައް ދުނިޔޭގެ އެކި ސަރަހައްދުތަކުން ފެންނަމުންދާ މި ދަނޑިވަޅަކީ ބައިނަލްއަގުވާމީ ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތައް އުވާލަންވީ" ވަގުތެއް ނޫނެވެ.

"އަޅުގަނޑުމެންގެ މެޑިކަލް ޓީމުގެ ލަފާގެ މަތިން އަޅުގަނޑުމެން އެ ފިޔަވަޅުތައް އުވާ ނުލާނަން. އަދި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން ނިންމާފައި ވަނީ ބައިނަލްއަގުވާމީ ދަތުރުފަތުރާ ގުޅުން ހުރި ފިޔަވަޅުތައް ހަރުކަށި ކުރަން،" ސަކީ ވިދާޅުވި އެވެ.

އެމެރިކާގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ބައިޑެން މާދަމާ ވެރިކަމުގެ ހުވާ ކުރައްވާނެ އެވެ.

ޔޫރަޕްގެ ޝެންގެން އޭރިއާގައި އޮންނަ ގައުމުތަކާއި އިނގިރޭސިވިލާތާއި އަޔަލޭންޑުގެ މީހުން އެމެރިކާއަށް ދިޔުން މަނާ ކުރީ މިދިޔަ މާޗް މަހު އެވެ. އަދި ބްރެޒިލްގެ ރައްޔިތުން އެގައުމަށް ދިޔުން މަނާ ކުރީ މިދިޔަ މެއި މަހު އެވެ.

އެމެރިކާގައި މިހާތަނަށް 24.1 މިލިއަން މީހުންނަށް ކޮވިޑު ޖެހި، ބަލީގައި 399،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް