ކޮވިޑް19: ޕޮޒިޓިވްވާ އަދަދު މައްޗަށް، މިއަދު އިތުރު 69 މީހުން

އޭޕްރީލް 22، 2020: ކޮވިޑް19 މާލޭގައި ފެތުރުމާއެކު މާލެ ލޮކްޑައުން ހާލަތުގައި ބަޔަކު ވިޔަފާރި ކުރުމަށް ފިހާރައެއްކައިރީގައި ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އިތުރު 69 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 35 މީހެއްގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި އަށް މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 25 މީހެކެވެ.

އިއްޔެ ރާއްޖެއިން ޕޮޒިޓިވްވީ 51 މީހެކެވެ. މިއަދު ޕޮޒިޓިވްވި 69 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 14،582 އަށް އަރައިފައެވެ.

މިވަގުތު 960 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު 74 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެންނެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ 26 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 13،566 އެވެ.

މި ބަލީގައިި 49 މީހަކު ރާއްޖޭގައި ވަނީ މަރުވެފައެވެ.

މިދިޔަ ޑިސެމްބަރު ނިމުނުއިރު ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށުގައި ހުރުމަށްފަހު އެ އަދަދު އަލުން ވަނީ އިތުރުވާން ފަށައިފަ އެވެ.

ކޮންމެ ދުވަހަކު އާންމުކުރާ ހިސާބުތަކަށް ބަލާއިރު ސީދާ ދުވަހުން ދުވަހަށް ޕޮޒިޓިވްވާ އަދަދު އިތުރުވާކަމަށް ނުދެއްކި ނަމަވެސް ޖުމްލަކޮށް ބަލާނަމަ ޓްރެންޑު ދައްކާގޮތުުން މިހާރު މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާކަމަށް ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް